ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މުއްސަނދިންނާއި ފަގީރުންގެ ފަރަގު އަންނަނީ ބޮޑުވަމުންނެވެ. ދުނިޔޭގައި ހުރި ފައިސާގެ ބޮޑު ބަޔަކީ ދުނިޔޭގެ އާބާދީގެ އެންމެ %1 މީހުންގެ ފައިސާ އެވެ. އެހެންކަމުން މުއްސަނދިން ނުވަތަ މަހުޖަނުން ދިރިއުޅެނީ އެހެން މީހުންނާއި އަޅައި ބަލާއިރު އާދަޔާއި ހިލާފު ބޮޑު މުއްސަނދި ކަމެއްގައެވެ.

އޭއައި ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްގެ ޖާދޫ ދައްކަމުން ދާއިރު ފޮޓޯ އެޑިޓް ކުރުމަށް ބޭނުން ކުރާ އޭއައި އެތައް ޓޫލެއް މިއަދު އެބަހުއްޓެވެ. އެފަދަ ޓޫލެއް ބޭނުން ކޮށްގެން މީހަކު މިވަނީ މިއަދު ދުނިޔޭގައި ތިބި އެންމެ މުއްސަނދިންގެ ތެރެއިން ބައެއް މީހުން ހަގީގަތުގައި ފަގީރު، ނިކަމެތި ދިރިއުޅުމެއް ހޭދަކުރަން ޖެހުނު ނަމަ ތިބޭނެ ގޮތުގެ ފޮޓޯއެއް ކުރަހާފައެވެ.

ގޮކުލް ޕިލާލީ ނަމަކަށް ކިޔާ އާޓިސްޓް އޭނާގެ އިންސްޓަގްރާމްގައި އާއްމު ކުރީ އެމެރިކާގެ ކުރީގެ ރައީސް އަދި ބިލިއަނަރު ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯއެއްގެ އިތުރުން މައިކްރޯސޮފްޓްގެ ވެރިޔާ ބިލް ގޭޓްސް އާއި، އިންޑިއާގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މުކޭޝް އަމްބާނީ އާއި ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގް އާއި އިންވެސްޓްމަންޓް ކުރުމުގައި އާދަޔާއި ހިލާފު ހުނަރެއް ދައްކައިގެން ބިލިއަނެއްގެ މަގާމު ދަމަހައްޓާ ވަރެން ބަފެޓް އާއި އެމެޒޮންގެ ވެރިޔާ ޖެފް ބެޒޮސްގެ އިތުރުން ޓްވިޓާ އާއި ސްޕޭސް އެކްސް ފަދަ ކުންފުނިތަކުގެ ވެރިޔާ އީލޮން މަސްކްގެ ފޮޓޯ އެވެ.

ފޮޓޯތަކުން ފެންނަނީ އިންޑިއާގައި ދުވަސްތަކެއް ކުރިން އުފެއްދި ފިލްމް ސްލަމްޑޯގް މިލިއަނާއެވެ. އެފިލްމުގައި ފެންނަ ފަގީރު ދިރިއުޅުމުގައި ބިލިއަނަރުން އުޅެން ޖެހުމުން އެމީހުންގެ ސިފަ އަށް އައިސްފައިވާ ބަދަލާއި މޫނުމަތިން ފެންނަ ނިކަމެތިކަން ކިތަންމެ ރަނގަޅަކަށް ވެސް ފޮޓޯތަކުން ސިފަ ކޮށްދެއެވެ.

އާއްމު ކުރި ފޮޓޯތަކަކީ ހިޔާލީ ފޮޓޯތަކެއް ނަމަވެސް ވަރަށް ގިނަ ބަޔަކަށް އެފޮޓޯތައް ވަނީ ކަމު ގޮސްފައެވެ. ގިނަ ބަޔަކު އަންނަނީ އެފޮޓޯތައް މީސް މީޑިއާގައި ޝެއާ ކުރަމުންނެވެ.