އާމްދަނީން ޓެކްސްނެގުމުގެ ޤާނޫނުގެ ދަށުން 2020 ވަނަ އަހަރަށް ހުށަހަޅަންޖެހޭ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރުވެސް ގިނަބަޔަކު ބަޔާން ހުށަހަޅައިފައިނުވާ ކަމަށް މީރާ އިން ހާމަކޮށްފިއެވެ.

މީރާ އިން މައުލޫމާތުދޭގޮތުގައި، އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި 31 އޮގަސްޓު 2021 ގައެވެ.

ނަމަވެސް، މި ބަޔާން ހުށަހަޅަންޖެހޭ ގިނަ ފަރާތްތަކަކުން މި ބަޔާން ހުށަހަޅައިފައި ނުވާކަމަށް މީރާއިން މިއަދު ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި ފަރުދުންގެ ތެރެއިން ބަޔާން ހުށަހަޅައިފައިނުވާ ފަރާތްތަކުގެ ތެރޭގައި އެއް ފަރާތަށްވުރެ ގިނަ ފަރާތުން އުޖޫރަ ލިބޭ ފަރާތްތަކާއި ގެދޮރު ކުއްޔަށް ދީގެން އާމްދަނީ ލިބޭ ގިނަ ފަރާތްތައް ހިމެނެއެވެ.

މީރާ އިން ބުނީ، ފަރުދަކަށް އެއްބާވަތަށް ވުރެ ގިނަ ބާވަތުގެ އާމްދަނީ ލިބިފައިވާނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ ލިބިފައިވާ ހުރިހައި އާމްދަނީއެއް ހިމެނޭ ގޮތުން ކަމަށެވެ. މީގެ ތެރޭގައި ފަރުދަކަށް ލިބިފައިވާ އުޖޫރަ، ވިޔަފާރި އާމްދަނީ، ކޮންސަލްޓެންސީ ނުވަތަ ޓެކްނިކަލް ސަރވިސް ފީ، ކޮމިޝަން، ކުލި، ހަދިޔާގެ ގޮތުގައި ލިބޭ އާމްދަނީ ނުވަތަ މުދަލެއް ތަޞައްރުފުކޮށްގެން ލިބޭ ފައިދާ ހިމެނެއެވެ.

އެހެންނަމަވެސް، އުޖޫރައިން ޓެކްސް ނަގަން ފަށައިފައިވަނީ އެކެއް އެޕްރީލް 2020 އިން ފެށިގެންކަމުން އެ އަހަރުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ހިމަނާނީ އެ އަހަރުގެ އޭޕްރިލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ލިބިފައިވާ އުޖޫރައިގެ ޖުމުލައެވެ. މިގޮތަށް ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ އިސްތިސްނާ އާމްދަނީ ނުހިމަނައެވެ.

ފަރުދުންގެ ތެރެއިން 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބާޔާން ހުށަހަޅަންޖެހޭނީ މިދިޔަ އަހަރު އެ ފަރާތަށް ލިބިފައިވާ ޖުމުލަ އާމްދަނީ ދެ މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ނުވަތަ ލިބިފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީ 720,000 ރުފިޔާއަށް ވުރެ އިތުރުވާނަމައެވެ. އެހެން ނަމަވެސް، އެ ފަރާތަށް ލިބިފައިވާ ޖުމުލަ އާމްދަނީ އަކީ ހަމައެކަނި އުޖޫރަ ދޭ އެންމެ ފަރާތަކުން ލިބިފައިވާ އާމްދަނީ ކަމުގައިވާނަމަ ބަޔާން ހުށަހަޅާކަށް ލާޒިމެއްނޫނެވެ. ޑީމްޑް ޕާޓްނަރޝިޕް ތަކުން މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބާޔާން ހުށަހަޅަންޖެހޭނީ އެ އަހަރު ލިބިފައިވާ ޖުމުލަ އާމްދަނީ 2 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ނުވަތަ ލިބިފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީ 500,000 ރުފިޔާއަށް ވުރެ އިތުރުވާނަމައެވެ. އެހެން ނަމަވެސް، ކުންފުނި،ޕާޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީސްތަކުން ލިބިފައިވާ އާމްދަނީއަށް ބެލުމެއްނެތި މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭނެއެވެ. އެ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭތޯ މިރާގެ ވެބްސައިޓްއިން ބަލައިލެވޭނެކަމަށް މީރާއިން ބުނެފައިވެއެވެ.

މި ޓެކުހަކީ، ކުރިން ބީޕީޓީ ނިޒާމުގެ ދަށުން ވެސް އަމަލުކުރަމުންދިޔަ ގޮތަށް،އަހަރަކަށް ދެ އިންޓެރިމް އަދި އެއް ފައިނަލް ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޓެކުހެކެވެ. މިގޮތުން، ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ އެ ޓެކްސް އަހަރުގެ 31 ޖުލައި އަދި ދެވަނަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ޖެހިގެން އަންނަ ޓެކްސް އަހަރުގެ 31 ޖަނަވަރީއެވެ. އަދި، އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ޖެހިގެން އަންނަ ޓެކްސް އަހަރުގެ 30 ޖޫންއެވެ. ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ހާލަތުގެ ސަބަބުން، މީރާއިން މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާންހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި 31 އޮގަސްޓު 2021 އަށް ފަސްކޮށްދިނެވެ. އަދި، މި އަހަރަށް ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ފައިސާ ދެއްކުމުގެ ސުންގަޑި ވަނީ މި މަހުގެ ނިޔަލަށް ފަސްކޮށްދީފައެވެ.

އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި ފާއިތުވެފައިވި ނަމަވެސް، ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން ވީހާވެސް އަވަހަށް ބަޔާން ހުށަހެޅުމަށް މީރާއިން އިލްތިމާސްކުރެއެވެ. އަދި ބަޔާން ފުރިހަމަކުރުމުގައި އެހިތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ އެހީތެރިކަން ހޯދުމަށް ވެސް އެ އޮތޯރިޓީން އެދިފައިވެއެވެ.

މީރާއިން އަބަދުވެސް ދަނީ ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދީ، ޓެކްސް އަދި ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމުގައި ޓެކްސް ދައްކާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ޓެކުހުގެ ޖޫރިމަނާ މާފުކޮށްދިނުމާއި، ޓެކްސް ދައްކަންޖެހޭ މިންވަރު އިންސްޓޯލްމެންޓަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސައްލި

    މީވެސް ރައްޔިތުންނަށް ބަލާވެރިކަން ޖައްސަން ރައްޔިތުން ފޭރެން ހަދައިގެން އުޅޭ ކަމެއް، މިރާއްޖޭގައި އުޅޭ މަދު ވިޔަފާރި ވެރިޔަކު ކޮށްގެން އުޅޭކަމެއް އެމީހުން މުއްސަދި ވީމާ އެހެން މީހުން މުއްސަދި ވިޔެނާ ނުދޭން ވެގެން ކުރާކަމެއް ކޮންމެހެން މީހާގެ މުދަލުން ބަޔެއް ދައުލަތަށް ދޭކަށެއް ނުޖެހޭ ، މުސްލިމުން މުދަލުން ޒަކާތް ނެރެ ފަޤީރުންނަށް ބަހާލީމާ ނިމުނީ !