މި އަހަރު ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ގެނައުމުގެ ޓާގެޓް އޮކްޓޯބަރު މަސް ނިމޭއިރު ވާސިލްވެވޭނެ ކަަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ހެދި ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އަސަރެއް ކުރިއެވެ. އެތައް ދުވަހެއް ވަންދެން ރާއްޖޭގެ ބޯޑަރުވެސް ބަންދު ކުރިއެވެ. ނަމަވެސް ފަހުން ރާއްޖޭގެ ބޯޑަރު ހުޅުވާލައި، ފަތުރުވެރިން އަންނަން ފެށިއިރު، އެ ދާއިރާ އަލުން ކޮޅަށް ޖެހެމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ.

ކޮވިޑް-19ގެ ހާލަތާއެކު މިދިޔަ އަހަރު ރާއްޖެއަށް 555،494 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި މި އަހަރު ތެރޭގައި އެއް މިލިއަން ފަތުރުވެރިން ގެނައުމަށް ޓާގެޓް ކުރިއެވެ.

އެގޮތުން މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 923،146 ފަތުރުވެރިން އައިސްފައި ވެއެވެ.

ޑރ. މައުސޫމް ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމުގެ އުއްމީދުވެސް އެބަ އޮތް ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް ދާއިރާއާ ގުޅުން ހުރި އެތައް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ އާ ގެސްޓް ހައުސްތަކާއި، ރިސޯޓްތައް ހުޅުވުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.