ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގެ މޮބައިލް ކަވަރޭޖު ރަނގަޅު ކުރުމަށް އެޗްޑީސީން ދިރާގާއެކު މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އެޗްޑީސީ އިން ބުނީ މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވައި އަދި ވަކިން ހާއްސަކޮށް ހިޔާ ފްލެޓް ސަރަހައްދުގެ މުވާސަލާތީ ގުޅުމާއި މޮބައިލް ކަވަރޭޖް ރަނގަޅުވާނެ ކަމަށެވެ.

ދަށުން ފޭސް ދޭއްގެ ޕްލޭނާ އެއްގޮތަށް އިތުރު ޓަވަރުތަކެއް ވެސް ހަރުކުރާނެ އެވެ. އެ ޓަވަރުތައް މެދުވެރިކޮށް، މުވާސަލާތީ ހިިދުމަތް ފޯރުކޮށްދިނުމުގެ މަސައްކުރާ އިތުރު ކުންފުނިތަކާ އެކު ކުރިމަގުގައި އެއްބަސްވުންތައް ހަދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެ ޓަވަރުތަކުގެ ބޭނުމަކީ ވަކިވަކިން ގިނަ ޓަވަރުތަކެއް އެކި ކުންފުނިތަކުން ހަރުކުރުމުގެ ބަދަލުގައި ހުޅުމާލޭ ފޭސް ދޭއްގެ ތަރައްގީގެ ޕްލޭނާ އެއްގޮތަށް އެކަށީގެންވާ ވަރަށް ޓަވަރު ހަރުކޮށް، ހުރިހާ ފަރާތްތަކުން ވެސް ބައިވެރިވެގެން ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް އެޗްޑީސީ އިން ބުނެއެވެ.

"މި ގޮތަށް ޓަވަރުތައް ބޭނުން ކުރުމުން މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދެމުންދާ ކުންފުނިތަކުން ކުރަން ޖެހޭ އިންވެސްޓްމަންޓް ހަރަދު ކުޑަވެގެންދާނެ އެވެ،" އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

މިގޮތަށް އެކި ސަރަހައްދުތަކުގައި ޓަވަރުތައް ހަރުކުރުމުން ބިމުން ބޮޑު ބައެއް ސަލާމަތް ކުރެވޭނެ ކަން އެޗްޑީސީން ފާހަގަކުރެ އެވެ. އަދި ހިދުމަތްތައް ފޯރުކޮށްދިނުމަށް ހޭދަވާ ވަގުތު ކުޑަވުމާއި އާންމުންނަށް އަވަހަށް ހިދުމަތް ލިބޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އެޗްޑީސީން ބުނާގޮތުގައި އެ ކުންފުނިން އަންނަނީ ހުޅުމާލޭގައި ފުރިހަމަ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށް، މުވާސަލާތީ ހިދުމަތްތަކުން ގުޅައިލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރިމަގުގައި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމަށް ރޫފްޓޮޕް ޕޯލްސް އާއި ސްޓްރީޓް ޕޯލްސް ހަރުކުރާނެ އެވެ. މި ހުރިހާ ޓަވަރުތަކާއި ޕޯލްތަކަކީ ވެސް މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ބޭނުން ކުރެވޭނެ ގޮތަށް ހަރުކުރާނެ ވަސީލަތްތަކެކެވެ.

ހިޔާ ފްލެޓް ސަރަހައްދުގެ މޮބައިލް ކަވަރޭޖް ރަނގަޅުކުރަން ދިރާގާ ހަވާލުކުރިއިރު ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިއިރު ފޯނު ރޭންޖް އެކަށީގެންވާ ގޮތެއްގައި ނުލިބޭތީ ގިނަ ބަޔަކަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު