އައްޑޫ ބަނދަރުން އެމްޕީއެލްގެ ހިދުމަތަށް ނަގާ އަގު މާބޮޑުކަމަށް އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވި ނަމަވެސް އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް އެމްޕީއެލް އިން މިރޭ ބުނެފިއެވެ.

އެމްޕީއެލްގެ ޗެއާމަން އަހްމަދު ޝަރީފް މިރޭ "ރާއްޖެ ޓީވީ" ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ އައްޑޫގެ އިތުރުން ކުޅުދުއްފުށީ ބަނދަރާއި މާލޭ ބަނދަރު ވެސް އެމްޕީއެލް އިން މެނޭޖް ކުރަމުން ގެންދާ ކަމަށާއި، އެއްވެސް ބަނދަރެއްގައި ފީތައް ނެގުމުގައި ތަފާތެއް ނުގެންގުޅޭ ކަމަށެވެ.

"ފްރައިޓް ޗާޖްގެ އިތުރުން ސްޓިވެޑޯރިން ޗާޖަކީ ވެސް މުދަލުގެ ވެރިފަރާތުން، ބޯޓު އޮޕަރޭޓް ކުރާ ކުންފުނިން ދައްކަން ޖެހޭ ފައިސާއެއް. ނަމަވެސް އެބޭފުޅުން (އެމްއެސްއެސް) އިން އަޅުގަނޑުމެންނަށް މިއަންގަނީ އެމްޕީއެލް އިން ކަސްޓަމަރުންގެ އަތުން ސްޓިވެޑޯރިން ޗާޖް ނަގާށޭ. ކަސްޓަމަރުން ފްރައިޓް ވެސް ދައްކާފައި. ސްޓިވެޑޯރިން ޗާޖް ވެސް ކަސްޓަމަރުން އެމްޕީއެލްއަށް ދެއްކީމާ ކަސްޓަމަރުންނަށް މުދަލުގެ އަގު ބޮޑުވެގެން އެބަދޭ." ޝަރީފް ވިދާޅުވިއެވެ.

އެމްއެސްއެސް އިން 12 ވަރަކަށް ދަތުރު އައްޑޫ ބަނދަރަށް މިހާތަނަށް ކޮށްފައި ވާއިރު އެމްޕީއެލް އަށް އެކުންފުނިން ދައްކާފައި ވަނީ އެންމެ ތިން ލައްކައެއްހާ ރުފިޔާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އައްޑޫ ބަނދަރުން ބޯޓެއް ހުސް ކުރަން 20 ދުވަސް ވެސް ނަގާ ކަމަށް އެމްއެސްއެސް އިން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ވިދާޅުވެފައި ވާތީ ޝަރީފް ވަނީ އެކަމަށް ވެސް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ 20 ދުވަހުން ބޯޓު ހުސްކުރާ ކަމަށް އެމްއެސްއެސް އިން ވިދާޅުވުން އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. "އާއްމު ގޮތެއްގައި ފަސް ދުވަހުން އަޅުގަނޑުމެން ބޯޓު ހުސްކުރަން. އެންމެ ފަހުން އައި ބޯޓު ވެސް ހަތަރު ދުވަހުން ހުސްކުރިން. ކަނޑުގަދަވެގެން ވެސް ހަތް ދުވަހަށް ވުރެ ލަސްވެފައެއް ނޯންނާނެ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެމްޕީއެލް އާއި އެކުންފުނީގެ މުވައްޒަފުންނާއި ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު އެމްއެސްއެސް އިން ހާމަކުރުން އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު

    ތިކަންވެސް ހުއްޓުމަކަށް އަންނަނީހެން ހީވަނީ. ނުފޯރާ ފޮތިން ފޫގެލީމަ ވާނެ ގޮތް މިފެންނަނީ. ތިވަރުގެ ބޮޑެތި ކުންފުނިތަކުގެ ވެރިން ވިސްނާލީމަވެސް އެނގޭނެ ކަސްޓަމަރުން އަތުން ސްޓިވެޑޯރިންގ، ފްރައިޓް ޗާޖް ނެގީމަ މުދަލުގެ އަގުބޮޑުވާނެކަން. އަދި އިތުރަށް ޓެކްސް. މުއްސަނދިން މުއްސަނދި. ރައްޔިތުން އެހެންވެސް މިހެންވެސް ގަނަތެޅެން ޖެހެނީ. ރަނގަޅުކޮށްލާ.