ހައިރައިސް ކުންފުނިން އިންތިޒާމް ކޮށްގެން ބާއްވާ ވެކޭޝަންސް އެކްސްޕޯގެ 2018 މިއަދު ފަށައިފިއެވެ.

މިއަދު ނޭޝަނަލް އާޓް ގެލެރީގައި ފެށި މި އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ އދ. ގެ ރެޒިޓެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާއެވެ. މިއީ ހައިރައިސުން ބާއްވާ ތިންވަނަ ވެކޭޝަންސް އެކްސްޕޯއެވެ.

ވެކޭޝަން އެކްސްޕޯގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މި އެކްސްޕޯ ކުރިއަށް ދާނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެ ތިން ދުވަހު ވެސް އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 2 އިން ހަވީރު 4 އަކަށް އަދި ރޭގަނޑު 8 އިން 11 އަށެވެ. މި އެކްސްޕޯގެ މައިގަނޑު މަޤްސަދަކީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ އިތުރަށް ޕްރޮމޯޓް ކުރުމެވެ.

މިފަހަރުގެ އެކްސްޕޯގައި 24 އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި މި އެކްސްޕޯގެ މެއިން ސްޕޯންސާ އިނަރ މޯލްޑިވްސް އަދި އެންޑް އޭސް އެވިއޭޝަން ސާރވިސް ,ބެންކޮކް ހޮސްޕިޓަލް, ސިންގަޕޫރު ޓުއަރިޒަމް, މެލޭޝިއާ ޓުއަރިޒަމް, ތައިލެންޑް ޓުއަރިޒަމް, ހޮޓެލްސް އެންޑް ރެސްޓޯރެންޓްސް އެސޯސިއޭޝަން ބޫޓާން, އެލައިޑް އިންޝުއަރެންސް, ދިރާގު, ހައްޖު ކޯޕަރޭޝަން, އަލް މަނާސިކް މޯލްޑިވްސް, އެޓޯލް ޓްރާންސްފަރ, ހެއި މޯލްޑިވްސް, މޫދު ހޮލިޑޭސް, އެއަރޕޯޓް, ބީޗް ހޮޓެލް, ޑައިވަސް ލޮޖް, އެޓޯލް ސްކޫބާ, ޓްރިޕް, ވެރިން, ޓްރޮޕިކަލް ޑިސްކަވަރީޒް، ސްރީލަންކަން އެއާލައިންސް, ކޮކާ ވިލާ, އަރާމު ހޮލިޑޭ އެންޑް ސްޕާ, ވެލާނާ ހޮޓެލްސް, ދިގުރަށް ރީޓްރީޓް ބީޗް, ކާނި ހޮޓެލްސް އަދި ޓްރެވަލް ކަނެކްޝަންސް މޯލްޑިވްސް ހިމެނެއެވެ.

ވެކޭޝަން އެކްސްޕޯގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ހައިރައިޒުން ބުނީ އެކްސްޕޯ އަށް ޒިޔާރަތް ކުރާ މީހުންނަށް އަމާޒުކޮށްގެން ތަފާތު ގިނަ އިނާމްތަކެއް ހުޅުވާލާފައިވާއިރު މި އެކްސްޕޯގެ ތެރެއިން ކުރިއަށްދާ މަހާސިންތާގެ މަގްސަދަކީ ދަތުރުފަތުރުކުރުމާ ބެހޭ މައުލޫމާތު ދިވެހިންނާއި ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރު މީހުންނަށް ހިއްސާކުރުން ކަމަށެވެ.

ވެކޭޝަންސް އެކްސްޕޯ އަކީ ދަތުރު ކުރުމަށް ހާއްސަކޮށް ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ އެކްސްޕޯ ކަމަށްވާއިރު މިދިޔަ އަހަރު ބޭއްވި އެކްސްޕޯއަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ވެކޭޝަން އެކްސްޕޯގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މިދިޔަ އަހަރު ބޭއްވި އެކްސްޕޯގައި 40 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.