މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.3 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ބުނެފިއެވެ.

މީރާ އިން ބުނީ މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު 41.0 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 18.5 ޕަސެންޓް އިތުރު އަދަދެއް ކަމަށްވެސް މީރާ އިން ހާމަކުރެއެވެ.

2017 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަޑު ސަބަބަކީ ފިތުރު ޢީދު ބަންދާ ގުޅިގެން ޖޫން 2017ގެ ހުރިހައި ޓެކުހުގެ ސުންގަޑިތައް ޖުލައި މަހަށް ފަސްކުރެވިފައިވުން ކަމަށް މީރާ އިން ވިދާޅުވިއެވެ. އަދި، 2017 ވަނަ އަހަރާއި އަޅައިބަލާއިރު މި އަހަރު ގިނަ ރިސޯޓުތަށް ހުޅުވިފައިވުމުގެ ސަބަބުން ޓޫރިޒަމް ލޭންޑް ރެންޓް، ޓީ.ޖީ.އެސް.ޓީ، އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމަކީ ވެސް އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާ އިން ހާމަކުރެއެވެ.

ޖޫން 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 35.4 ޕަސެންޓް ނުވަތަ 455.95 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 12.6 ޕަސެންޓް ނުވަތަ 292.04 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ބީ.ޕީ.ޓީގެ ގޮތުގައި 162.05 މިލިއަން ރުފިޔާ، ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި (114.98 މިލިއަން ރުފިޔާ)، ގްރީން ޓެކްސްގެ ގޮތުގައި (54.27 މިލިއަން ރުފިޔާ ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ (208.5 މިލިއަން ރުފިޔާ ) ހިމެނެއެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 49.9 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.