މިއަދު ރާއްޖެ އައި 1.3 މިލިއަން ވަނަ ފަތުރުވެރިޔާއަކި ރާއްޖެއަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައި މުޅިން އަލަށް ދަތުރު ކުރަން ފެށި ބަލްގޭރިއާގެ އެއާލައިނެއް ކަަމަށްވާ ގުލިވްއެއާ އިން ރާއްޖެ އައި ފަތުރުވެރިއެކެވެ. ރޯމޭނިއާއިން އައި މި ފަތުރުވެރިޔާ އާއިލާއެކު ރާއްޖެ އައިއިރު މިއަދު ހަވީރު 17:15 ހާއިރު، އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔާފައި ވެއެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ އޭނާގެ އަންހެނުންނާއި ދަރިފުޅުވެސް ގޮވައިގެންނެވެ.

ސަގާފީ ހަރަކާތްތަކާއެކު އޭނާއަށް ވެލާނާ އެއާޕޯޓުން މަރުހަބާ ކިިޔާފައިވާއިރު، އެއަޕޯޓްގައި ހުރެގެން މީޑިއާތަކާއި ވާހަަކަދައްކަމުން ކޮންސްޓެންޓިން ސްޓެލިއަން އެމިލް ނަމަކަށް ކިޔާ އެ ފަތުރުވެރިޔާ ބުނީ، މިއީ އޭނާ ރާއްޖެ އައި ދެވަނަ ފަހަރު ކަމަށެވެ.

1.3 މިލިިިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުމުން މަރުހަބާ ކިޔަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އަހަރެން ފުރަތަމަ ފަހަރަށް ރާއްޖެ އައީ މީގެ ފަސް އަހަރު ކުރިން، އެއީ އަހަރެންގެ ހަނީމޫން ދަތުރު. އަހަރެންނަށް އެފަހަރުވެސް ވަރަށް ވަރަށް ބޮޑަށް ރާއްޖެ ކަމުގޮސްފި، އަދި ވަރަށް މަޖާ ކުރިން، އެހެންވެ އަނެއްކާ އެނބުރި މި އައީވެސް". އެމިލް ބުންޏެވެ.

ރާއްޖެ އައި 1.3 މިލިއަން ވަނަ ފަތުރުވެރިޔާ އެމިލް މީޑިއާއަށް މައުލޫމާތު ދެނީ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ މީހުން ހަނީމޫން ހޭދަކޮށްފައި ވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓްގައެވެ. މިފަހަރު ޗުއްޓީ ހޭދަކުރަން އައިސްފައި ވަނީ ބަންޑޮސް އައިލެންޑް ރިސޯޓަށެވެ. މި ފަހަރު ހަތް ރޭ ރާއްޖޭގައި ހޭދަ ކުރުމަށް އެމިލްގެ އާއިލާއިން ވަނީ ނިންމާފައެވެ.

އެމިލް ބުނީ މިފަހަރު އޭނާ ރާއްޖެ އަންނަން ބޭނުންވީ ތަންކޮޅެއް ކުރިން ކަމަށެވެ. އެހެން ނަމަވެސް ކޮވިޑް-19އާ ހެދި އޭނާއަށް ނާދެވުނީ ކަމަށް ބުންޏެވެ.

ރާއްޖެ އައި 1.3 މިލިއަން ވަނަ ފަތުރުވެރިޔާ ވެލާނާ އެއާޕޯޓްގައި ފޮޓޯއަކަށް ހުއްޓިލައިގެން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭނާ ބުނީ، މިއަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، އުއްމީދު ކުރަނީ އަންނަ އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އޭނާ ތައުރީފްވެސް ކޮށްފައި ވެއެވެ.

އަދި އެމިލް ވަނީ އޭނާއަށް ދިން ހޫނު މަރުހަބާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ރާއްޖެ އައި 1.3 މިލިއަން ވަނަ ފަތުރުވެރިޔާ ޓޫރިޒަމް މިނިސްޓަރާއެކު-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެމިލް 1.3 މިލިއަން ފަތުރުވެރިޔާއަށް ވުމުން އޭނާއަށް ހަދިޔާތަކެއް ވަނީ ދީފައެވެ.

މިއީ އެމިލް އާއި އޭނާގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހައިރާންކަމަކަށްވެސް ވާނެއެވެ. އަދި އެ ރިސޯޓަށް ދިއުމުގެ ކުރިން ލިބުނު އިތުރު ހިތްހަމަ ޖެހުމަކަށް ވެގެން ދާނެއެވެ. އަދި އިތުރަށް ރާއްޖެ އަންނަ ހިތްވެސް ވާނެއެވެ. އަދި މިފަދަ ހަނދާންތައް ދުވަހަކުވެސް ފިލައި ނުދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙލީ

    ދި ލާސްޓް ޕެރެގްރާފް 🤭

    1
    2
  2. އެމް ޑީ ޕީ

    ކިހާ ދެރަކަމެއް.. ތިޔަ ބަނޑޮހަށް ގެސްޓުން އަޅާ ފުރާފަ، ވެރިމީހާގެ އާއިލާ އާއި ދަރިންނާއި ދަރިންގެ ދަރިން ،ނުވިތާކަށް އެމީހުންގެ ރަހުމަތްތެރިން ގެނެސް، މުއައްޒަފުން ބުރަ މަސައްކަތުން ހޯދާ ސާވިސްޗާޖު ކޮޅު ދިރުވާލަނީ. ބަނޑޮހުގައި އުޅޭ މުއައްޒަފުން ވާ ކެއްގަދަ

    3
    1
  3. ނޯނޭމް

    އިއްޔެ ރާއްޖެއައި ލީބިޔާގެ ތުއްތު ތުއްތު 4 ބެއިންނާއި އެކުދިންގެ މަންމައާއި ބައްޕަ 6 ގަޑިއިރު އެއާޕޯރޓްގައި ކާއެއްޗެއްވެސް ނުދީ ބޭތިއްބުމަށްފަހު ފުރުވާލުމަކީ ހިތުން ނުފިލާވަރުގެ ހިތްދަތި މަންޒަރެއްކަން، އެމަންޒަރު ވަރަށް ކައިރިން ފެނުނު މީހެއްގެ ހައިސިއްޔަތުން ބުނެލަމެވެ. އެ މައުސޫމް އާއިލާގެ ކުށަކީ މަންމަގެ ޕާސްޕޯޓްގައި އެންމެ ހަގަށް ތިބި 2 ބެއިންގެ ނަން އޮތުން ކަމުގައި ވެއެވެ. އެމީހުން 7 ދުވަހަށް ރިސޯޓް ބުކިން ހަދާފައިވާކަމަށާއި، ރިޓާންވެސް އޮތީ އެމީހުން އައި ގައުމަށްކަމަށް ވެއެވެ. މިގޮތަށް ދަރިން މައިމީހާގެ ޕާސްޕޯޓްގައި ހިމަނައިގެން އަންނަ ރަޝިޔާ މީހުން އެތެރެކުރެއެވެ. މިކޭސްގައި އެ މައުސޫމް އާއިލާއާމެދު ކަންކުރީ ވަރަށް އިހާނެތި އަނިޔާވެރި ކޮށްކަމަށާ އެއީ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްވެސް ލިބުނު ލަދުވެތިކަމެއްކަން ފާހަގަ ކުރަމެވެ. އަދި އިމިގްރޭޝަނުން ގެންގުޅޭ ބިއުރޯކްރަސީ ވަރަށް ސާފުވި އަމަލެއްކަމަށް ވެއެވެ. މި ލަދުވެތި އަމަލު ހިންގުމުގާ އިމިގްރޭޝަނާ އެއާލައިންގެ އިހުމާވެސް ބޮޑުކަން ފާހަގަ ކުރަމެވެ.