ހުޅުމާލޭގެ މަގުތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކުރުމުގެ މަޝްވަރާތައް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އެޗްޑީސީން ބުނީ އެކަން ކުރުމަށްޓަކައި ވެމްކޯއާ އެކު ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު (އެޑަމް) "ވަގުތު"އަށް މިއަދު ވިދާޅުވީ ހުޅުމާލޭ މަގުތަކުގެ ކުނި ކެހޭނެ ގޮތާއި ގުޅޭ ގޮތުން ދެ ކުންފުނީގެ ދެމެދުގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ. އެކަމަކު އަދި މިހާތަނަށް އެއްބަސްވުމެއް އެކުލަވާލާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިން ޕްރިންސިޕަލް އެކަންކުރާނެ ގޮތުގެ އަންޑަސްޓޭންޑިން އަކާއި ހަމަޔަށް ވަނީ އާދެވިފައި" އެޑަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހުޅުމާލޭ މަގުތަކުގެ ކުނި މެނޭޖްކުރުމުގެ ކަންތަކާއި ވެމްކޯއާ ހަވާލުކުރަން އެޗްޑީސީން ނިންމީ ކުނި ނަގަން ސަރުކާރުން ކުންފުންޏެއް އުފައްދާފައިވާއިރު އެ މަސައްކަތަކީ އެހެން ކުންފުންޏަކުން ކުރާ މަސައްކަތަކަށް ނުވާތީވެ ކަމަށެވެ. މާލެއޭ އެއްގޮތަށް ހުޅުމާލޭގެ މަގުތައް ފޮޅައި ސާފުކޮށް ބެލެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވެމްކޯގެ މުވައްޒަފުން ވަރަށް އެފެކްޓްކޮށް އެކަން ކުރާނެ" އެޑަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތާރު މަގުތައް ކަހާލެވޭ ވަރުގެ ތިން މެޝިނެއް ވެމްކޯގައި މިހާރުވެސް ގެންގުޅެމުންދާ ކަމަށެވެ.

މަގުތަކުން ކުނި ނެގުމާއި ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކޮންމެ ހަފްތާއެއްގެވެސް ހަ ދުވަހު، އެކި ބައި ބަޔަކަށް ބަހާލައިގެންނެވެ.

"ކަނޑައަޅާފައިވާ ތަންތަނުގައި ވަކިވަކިން ވަގުތުން ސާފުކޮށް ދިނުމުގެ މަސައްކަތް ކުރިއަށްދާނެ، ޕާކްތަކުގައި ވެސް ކުނި ކެހުމާއި ނެގުމުގެ ކަންތައް ކުރިއަށްދާނެ" އެޑަމް ވިދާޅުވިއެވެ.

މިހާރު ހުޅުމާލޭގައި ކުނި ކެހުމުގެ މަސައްކަތް ކުރަނީ އެޗްޑީސީގެ މުވައްޒަފުންނެވެ. އެޑަމް ވިދާޅުވީ މަޝްވަރާ ކުރެވެމުންދަނީ ކުނި ކަހަން އުޅޭ އެޗްޑީސީގެ ބައެއް މުވައްޒަފުން ވެމްކޯއަށް ބަދަލުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ. އިތުރަށް މުވައްޒަފުން ނަގާއިރުވެސް އިސްކަމެއް ދޭނީ ދިވެހިންނަށް ކަމަށް އެޑަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަރިހަމަ

    ހުޅުމާލެ މަގުތަކޭ ނުކިޔުއްވާ. ހުޅުމާލެ އިން ކިރިޔާވެސް އަޅާލަނީ ހުޅުމާލެ ފޭސް 1 އަށް. ފޭސް 2 އަށް ވަރަށް ބޮޑަށް އަޅާލާން ބޭނުންވޭ. ކުދިދަރިން ކޮންމެ ފަހަރަކު ހިރަފުހުން ފެންވަރައިގެން ގެއަށް ވަންނަނީ އަދި ނުކުމެގެން ދަނީވެސް ކުނިގޮނޑު ތެރެއިން. ރޯގައިން ކުދިން ސަލާމަތް ނުވޭ. އަޅާލާންޖެހޭ ފަރާތްތަކުން ވަރަށް އަޅާލުން ކުޑަ. ނިކަމެތި ރައްޔިތުންގެ ބުރަ މަސައްކަތުން މިހާރު ވަނދެގެން އިންތިހާ ޚަރަދުތައް ކުރަމުންދަނީ. ލޯނު ނަގައިގެން...