ދުނިޔޭގެ ފަހުގެ ތާރީހުގައިވެސް އެންމެ މުއްސަނދި މީހާ ކަމުގެ ލަގަބު މަޝްހޫރު އެމޭޒަން ކުންފުނީގެ ފައުންޑަރު ޖެފް ބެޒޮސް އަށް ލިބިއްޖެއެވެ. އެގޮތުން ޖެފް ގެ ނެޓް ވޯތު މިއަދު ހެނދުނު ވަނީ 150 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ މީގެ ކުރިން އެ ޝަރަފު ހޯދައިފައިވާ ބިލް ގޭޓްސްއަށް ވުރެ 55 ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ. މިކަން މިއަދު ހާމަކޮށްފައިވަނީ ފޯބްސް އިން ނެރުނު މުއްސަނދި މީހުންގެ ލިސްޓުގައެވެ.

ބެޒޮސް އަށް 150 ބިލިއަން ޑޮލަރުގެ ބޯޑަރު ފަހަނައަޅާ ދިޔައީ އޭނާގެ ކުންފުނި، އެމޭޒަން އިން 36 ގަޑީގެ ސަމާ ސޭލްސް އިވެންޓު ތައާރަފް ކުރުމަށް ތައްޔާރުވަމުންދަނިކޮށެވެ. މިއަދު އެމެރިކާގެ ނިއު ޔޯކު ގަޑިން 11 ޖެހި އިރު އެކުންފުނީގެ ހިއްސާގެ އަގު 1،825.73 ޑޮލަރަށް އަރާފައިވެއެވެ. އަދި ބެޒޮސްގެ އަމިއްލަ ނެޓް ވޯތު ވަނީ ދުނިޔޭގެ އެންމެ މުއްސަނދި ޙާންދާން ކަމަށްވާ ވަލްޓަން ފެމިލީގެ ނެޓް ވޯތު 151.5 ބިލިއަން ޑޮލަރާ ވަރަށް ގާތް ކޮށްފައެވެ.

މިއަހަރުގެ ކުރީކޮޅުގައި ޖެފް ބެޒޮސް ވަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު އެމަގާމު ކުރިން އަދާ ކުރި ބިލް ގޭޓްސް ދެވަނަ އަށް ވެއްޓުމަށްފަހު ހޯދާފައެވެ. ޖެފް ބެޒޮސް އުފައްދާފައިވާ އެމޭޒަން ކުންފުނީގައި 300 މިލިޔަނަށްވުރެ ގިނަ އެކައުންޓު ވަނީ ރެޖިސްޓްރީ ކުރެވިފައެވެ. އަދި އެމޭޒަން ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މަގްބޫލު އޮންލައިން ރީޓެއިލިންގް ވެބްސައިޓެވެ.

ބެޒޮސް އަށް މިހާރު 54 އަހަރު ވެފައިވާ އިރު އޭނާ ބިލް ގޭޓްސް އަށްވުރެ ކުރި ހޯދާފައިވަނީ އިންފްލޭޝަންގެ ސަބަބުން އޭނާ އަށް ލިބުނު ކުރިއެރުމުގެ ސަބަބުންނެވެ.