ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ބޮޑު މާކެޓެއް އޮތް ރަޝިއާގެ މާކެޓް 70 އިންސައްތަ ދަށަށް ވެއްޓިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމް އެގޮތަށް ވިދާޅުވީ ރަޝިއާގެ މާކެޓް ދަށްވެފައިވާތީ އެހެން މާކެޓްތައް ހޯދަން މަސައްކަތް ކުރަމުންދޭތޯ މެމްބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މައުސޫމް ވިދާޅުވީ ރަޝިއާ މާކެޓަށް އައި ބަދަލާއެކު %70 ދަށަށް ގޮސް ޔުކްރޭންގެ މާކެޓް އެއްކޮށްގެން ގެއްލިފައިވާ ކަމަށެވެ. އެ ގެއްލުން ކުޑަ ކުރަން އިތުރު މާކެޓް ހޯދަން ހުރިހާ ދިމާލަކުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިން މިދިޔަ އަހަރު އިންޑިއާ މާކެޓް އޮތީ އެއްވަނަގައި ނަމަވެސް މިހާރު އެ މާކެޓް ލިބޭނީ 10.9 އިންސައްތަ ކަމަށެވެ. މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ މާކެޓް ހިއްސާކުރަނީ އިނގިރޭސިވިލާތެވެ. އެއީ 12 އިންސައްތައެވެ. އަދި ރަޝިއާ މާކެޓް މި ވަގުތު ހިއްސާކުރަނީ 11.9 އިންސައްތައެވެ.

މައުސޫމް ވިދާޅުވީ ފަތުރުވެރިންގެ އާ މާކެޓްތައް ހޯދުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން ބަލިމަޑުކަމާއި، ހަނގުރާމަ އާއި އަދި ތެލު އަގު އުފުލެމުންދާ ކަަމަށާއި އަދި އުއްމީދަކީ އެ މައްސަލަތައް ހައްލުވެ ފަތުރުވެރިކަން ކުރިއަރައިގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދިޔަ ނުދިނުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަން ޖެހޭ. އެކަމަކު މި ކަހަލަ ދަނޑިވަޅެއްގައި ކައިރި މާކެޓްތަކަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތްތަކަަށް އިތުރު ފައިދާތައް އަވަސް ފުރުސަތެއްގައި ލިބުމުގެ ފުރުސަތު ބޮޑުވާނެ" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ އުއްމީދަކީ ޗައިނާގެ ފަތުރުވެރިން ވެސް އަލުން ރާއްޖެ އަންނަން ފަށައި މިހާރު އެއްކޮށް ހުއްޓިފައިވާ ޗައިނާގެ މާކެޓްވެސް އަލުން ލިބިގެން ދިއުން ކަމަށެވެ.