ބާޒާރުުން އެކަށީގެންވާ ވަރަށް ލުނބޯ ލިބުން ދަތިވެއްޖެއެެވެ.

މި ރަމަޟާން މަސް ފެށުނު އިރު ވެސް އެކަށީގެންވާ ވަރަށް ލުނބޯ ނުލިބި އަގުތައް ވަރަށް މައްޗަށް އަރައިގެން ދިޔައެވެ.

ނަމަވެސް ފަހުން ވިއެޓްނާމުން ކޮންމެވެސް ވަރަކަށް ލުނބޯ ގެނައުމުން އަގުތައް ކުޑަކޮށް ތިރިވެގެން ދިޔަ އެވެ.

ބާޒާރުގެ ބައެއް ފިހާރަތަކުން "ވަގުތު"އަށް މައުލޫމާތު ދިން ގޮތުގައި ލުނބޯ މިހާރު ހޯލްސޭލްކޮށް ވިއްކަނީ ވެސް ލިމިޓެޑް ކޮށެވެ. އެހެންވެ ބައެއް ބާޒާރުމަތީ ފިހާރަތަކުން ލުނބޯ ގަންނާކަށް ނުލިބެއެވެ.

"އެންމެ ފަހުން ގެނައި ލުނބޯތައް ވެސް ރޭ ހޯލްސޭލްކޮށް ވިކި ހުސްވެއްޖެ." ބާޒާރުމަތީ ފިހާރައެއްގެ ސޭޓަކު މައުލޫމާތު ދިނެވެ.

މިހާރު ބާޒާރުން ލުނބޯ ގަންނަން ލިބެން ހުރީ ކިލޯއެއް 100- 130 އާ ދެމެދުގެ އަގުތަކެއްގައެވެ.

ލުނބޯ އަނެއްކާވެސް މިއަދުގެ ވަގުތެއްގައި ބާޒާރެއް ނެރޭނެ ކަމަށް ބައެއް ވިޔަފާރިވެރިން މައުލޫމާތުދެއެވެ. ނަމަވެސް މިއަދު ނެރެނީ ކިހާ އަދަދެއްގެ ލުނބޯއެއް ކަމެއް ނޭނގެއެވެ. މީގެ ކުރިން ވެސް ލުނބޯގެ އާ ޝިޕްމަންޓްތައް ލިބުމުން އަގުހެޔޮވާނެކަމަށް ވިޔަފާރިވެރިން ބުނި ނަމަވެސް އަގުތައް މާބޮޑަށް ތިރިވާތަނެއް ފެންނަމުން ނުދެެއެވެ.

ވިއެޓްނާމް ލުނބޯގެ އިތުރުން އިންޑިއާ، ލަންކާ އަދި ބަންގާޅު ލުނބޯވެސް މިވަގުތު ބާޒާރުން ލިބެން އެބަ ހުއްޓެވެ.