މި އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މާދަމާ އެއް މިލިއަނަށް އަރާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފިއެވެ.

އެމްއެމްޕީއާރްސީން ނެރުނު ބަޔާނެއްގައި އެތަނުގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ އެއް މިލިއަން ފަތުރުވެރިން ހަމަވުމަކީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ޓޫރިޒަމްގެ ދާއިރާގެ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުން ރެއާއި ދުވާލު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"މިއީ އުފާވެރި މުނާސަބަތެއް، އަޅުގަނޑުމެނަށް ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް އެއް މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިއުމާ ގާތަށް މި ވަނީ އާދެވިފައި،" ތޮއްޔިބް ވިދާޅުވިއެވެ.

އެއް މިލިއަން ޓޫރިސްޓުން ހަމަވިޔަސް އެހާ ހިސާބުން މަސައްކަތް ނިމުނީ ނޫން ކަމަށާއި ދުނިޔޭގެ އެންމެ މަގްބޫލު އެއް މަންޒިލްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ރާއްޖެ އިޝްތިހާރުކުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އެމްއެމްޕީއާރްސީން ވަނީ ރާއްޖޭގެ ފަތުރުވެރިން އިސްތިހާރު ކުރުމަށް މި އަހަރުގެ މިހާތަނަށް ގިނަ މާކެޓިން ހަރަކާތްތަކެއް ހިންގައިފައެވެ.

ރާއްޖެ އަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ 2019 ވަނަ އަހަރުއެވެ. އެ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރިއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާ އިންނެވެ. ދެވަނަ އެންމެ ގިނައިން އައީ އިނގިރޭސި ވިލާތުންނެވެ. ތިން ވަނައިގައި އުޅެނީ ރަޝިއާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަކްމެޑް

    ތިހެން ކިޔާނެ. ކޮބައިހޭ އެމީހުން ޚަރަދުކުރާހާ ޑޮލަރު. ޑޮލަރު. އެއްމެ ލޯލާރިއެއްވެސް މި ރާއްޖެއަކަށް ނުވަދޭ. ޓެކްސް ކޮޅަކުން ލިބޭ ހައެއްކަ ޑޮލަރު ފިޔަވާ. ގައިމު މި ފައިސާތައް ދިވެހިރާއްޖޭގަ އެނބުރޭނަމަ މިގައުމުގަ ރުފިޔާއަށްވުރެ ޑޮލަރު ގިނަވާނެ ކަމަށް ފެނޭ.

  2. ރާއްޖެ

    ގައުމުގެ ދަރަނި 100 ބިލިޔަނުން މަތީގަ.

  3. ލުލޫ

    ކޮބާހޭބޯނަސް ދެމިލިޔަން މީހުން އަޔަސް އެމްއޭސީއެލް ގެ މުވަޒަފުންނަކައް ވާފައިދާއެއް ނެތް