މިހާރު ކުރިއަށްދާ މެރިން އެކްސްޕޯގައި އެމްޓީސީސީގެ ސްޓޯލަށް ޒިޔާރަތްކޮށްގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މެރިން އެކްސްޕޯ ކުރިއަށްގެންދަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. މާދަމާގެ ނިޔަލަށް މި އެކްސްޕޯ ކުރިއަށްދާއިރު، މިއަދު ހަވީރު 16:00 އިން މިރޭ 22:00 އާ ހަމައަށް އެކްސްޕޯ މިއަދު ކުރިއަށް ދާނެއެވެ.

މި އެކްސްޕޯގައި 60 ކުންފުނި ބައިވެރިވެފައިވާއިރު، އެ ކުންފުނިތަކުން ސްޓޯލްތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަކޮށް ޕްރޮމޯޝަންތަކާއި، ޕްރޮޑަކްޓްތަކާއި ގުޅޭ މައުލޫމާތު ދިނުން ކުރިއަށް ދާނެއެވެ.

"ވަގުތަށް" އެމްޓީސީސީގެ މާކެޓިން އޮފިސަރ ފާތިމަތު ލަޔާލް މުހައްމަދު ވިދާޅުވީ އެމްޓީސީސީއިން މެރިން އެކްސްޕޯގައި ބައިވެރިވީ އިތުރަށް އެކްސްޕޯ ހޯދުމަށާއި، މެރިން އިންޑަސްޓްރީއާއި ރިސޯޓް މާކެޓަށް އެ ކުންފުނިން ބޮޑަށް ވަނުމަށް ކަމަށެވެ.

އެމްޓީސީސީއިން އެކްސްޕޯގައި ދައްކާލާނީ އިންޖިނިއަރިން އަދި ޑޮކިން ޑިވިޝަން އާއި ޓްރޭޑިން ޑިވިޝަންގެ ޕްރޮޑަކްޓްސް އަދި ސާވިސަސްތައް ކަމަށް ވެސް ލަޔާލް ވިދާޅުވި އެވެ.

މެރިން އެކްސްޕޯގައި އެމްޓީސީސީގެ ސްޓޯލް

"އަދި އިންނާނެ ވިޒިޓް އެންޑް ވިން ލަކީ ޑްރޯއެއްވެސް. އެމްޓީސީސީގެ މީސް މީޑިއާތަކަށް ފޮލޯކޮށްލަން ޖެހޭނީ ސްޓޯލަށް ގޮސްފައި. ކޫޕަން ލައިގެން 13 ވަނަ ދުވަހުގެ ރޭ ލަކީ ޑްރޯ ނަގާނީ. ދެން ތިން މީހަކު ހޮވާނީ. ލަކީ ޑްރޯއިން ހޮވޭ ތިން މީހުނަށް 5،000 ރުފިޔާގެ ފައިސާގެ އިމާނު ލިބޭނެ." ލަޔާލް ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ސްޓޯލުން އެމްޓީސީސީއިން ވިއްކާ ސުޒުކީ އިންޖީނާއި ޔަންމާ އަދި ސްޕެއާ ޕާޓްސްގެ އިތުރުން ކާލްސްޓޯލް ލުބްރިކެންޓް ކަހަލަ އެކި ޕްރޮޑަކްސްޓްތައް ދައްކާލުމާއި، މައުލޫމާތު ދޭނެ ކަމަށް ލަޔާލް ވިދާޅުވިއެވެ.

އަދި އިންޖިނިއަރިންގ ޑޮކިންގ ޕްރޮޖެކްޓްސް އިން ކުރާ ސާވިސްތައް ދައްކައިދޭ އެކިކަހަލަ އާލަތްތައް ވެސް ފެންނަން ހުންނާނެ ކަމަށް ލަޔާލް ވިދާޅުވި އެވެ.