ރަޝިއާ ޔޫކްރޭން ހަނގުރާމައިގެ އަސަރު ދުނިޔޭގެ އިޤުތިޞާދަށް ކުރަމުން ދާއިރު އޮގަސްޓް މަހު ޔޫރޯޒޯންގެ އިންފްލޭޝަން %9.1 އަށް އުފުލިއްޖެ ކަމަށް ތަފާސް ހިިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ބޮޑަށް އަގު އުފުލެމުން ދަނީ ކާބޯތަކެއްޗާއި ގޭހުންނެވެ. މުޅި އަހަރު ދުވަހަށް ބަލާއިރު މިހާރު ޔޫރޯޒޯންގެ އިންފްލޭޝަން ވަނީ %38.3 އުފުލިފައެވެ. ވަކިވަކި ތަކެއްޗަށް ބަލާއިރު ބަނގުރަލާއި ދުންފަތުގެ އިންފްލޭޝަން އޮގަސްޓް މަހު ވަނީ %10.6 އުފުލިފައެވެ.

އަންނައުނާއި ގޭތެރެއަށް ބޭނުންވާ ތަކެއްޗާއި ކާރުގެ އިންފްލޭޝަން މިއަހަރު ވަނީ %5 އުފުލިފައެވެ. މިދިޔަ އަހަރު އެތަކެތީގެ އިންފްލޭޝަން އުފުލިފައި ވަނީ %3.8 އަށެވެ.

ޔޫރަޕްގެ ވަކިވަކި ގައުމުތަކަށް ބަލާއިރު ޔޫރަޕްގެ އެންމެ ވަރުގަދަ އިޤުތިޞާދެއް އޮތް ޖަރުމަންވިލާތުގެ އިންފްލޭޝަން ވަނީ %8.8 އުފުލިފައެވެ. ފްރާންސްގެ އިންފްލޭޝަން %6.5 ގައި ހުރިއިރު ސްޕޭންގެ އިންފްލޭޝަން ރޭޓް ވަނީ %10.3 އަށް އުފުލިފައެވެ. އެންމެ ބޮޑަށް އިންފްލޭޝަން މައްޗަށް ގޮސްފައި ވަނީ އެސްޓޯނިއާގައެވެ. އެގައުމުގެ އިންފްލޭޝަން ރޭޓް ވަނީ %25.2 އުފުލިފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރަކީ ފާއިތުވި 11 އަހަރުތެރޭގައި ޔޫރަޕްގެ އިންފްލޭޝާން ރޭޓް އެންމެ މައްޗަށް ދިޔަ އަހަރެވެ. ސެޕްޓެމްބަރ މަހު އަދި އިތުރަށް ޔޫރަޕްގައި ތަކެތީގެ އަގު އުފުލޭނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. އެހެންކަމުން މިހާރު ކަންތައްތައް ވަމުންދާ ގޮތައް ބަލާއިރު މިއަހަރަކީ ފާއިތުވި ގަރުނެއްގެ ތެރޭގައި ވެސް ޔޫރަޕްގައި ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލޭ އަހަރަށް ވެދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ޔޫރަޕްގައި ތަކެތީގެ އަގު އުފުލެން މެދުވެރިވެފައިވާ މައިގަނޑު ސަބަބަކީ ޔޫރަޕަށް ގޭސް ފޯރުކޮށްދިނުމަށް ރަޝިއާ އިން ހުރަސްތައް ކުރިމަތި ކުރުވުމެވެ. ޔޫރަޕަށް ބޭނުންވާ ވަރަށް ގޭހާއި ހަކަތައިގެ ބާވަތްތައް ނުލިބޭތީ އެތަކެތީގެ އަގުތައް އަންނަނީ އުފުލެމުންނެވެ. ނަތީޖާއަކަށް ވެފައިވަނީ ހުރިހާ މުދަލެއްގެ އަގުތައް ވެސް އުފުލެމުން ދިއުމެވެ.