ހާޑް ރޮކް އިންޓަނޭޝަނަލް އިން އުރަމަތީ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމާއި ދިރާސާތަކަށް އެއްބާރުލުން ދިނުމަށް ނިންމައި، އޮކްޓޯބަރަށް ހާއްސަ "ޕިންކްޓޯބަރ"ގެ 23 ވަނަ އަހަރީ ކެމްޕޭންގައިވެސް ބައިވެރިވުމަށް ނިންމައިފިއެވެ.

އޮކްޓޯބަރު މަހަކީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ މަހެވެ.

އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާޑް ރޮކް އިން ހިންގަމުން އަންނަ އައުޓްލެޓްތަކުން އެ ކުންފުނީގެ ފައުންޑޭޝަން ކަމަށްވާ "ހާޑް ރޮކް ހީލްސް ފައުންޑޭޝަން"ގެ އެހީއާއެކު ކުރިއަށްގެންދާ ފަންޑް ރެއިސިން މަސައްކަތުގައި ބައިވެރިވާނެއެވެ. އަދި އެ ހަރަކާތުގައި ހާޑްރޮކް މޯލްޑިވްސް އިންވެސް ބައިވެރިވާއިރު، އޭގެން ލިބޭ ފައިސާ ރާއްޖޭގެ ކެންސަރ ސޮސައިޓީއަށް ހަދިޔާ ކުރާނެއެވެ.

ހާޑް ރޮކްހޮޓެލް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޓޮލްގާ އުނާން ވިދާޅުވީ، ހާޑް ރޮކް ހޮޓެލް މޯލްޑިވްސްއިން މިހާރުވެސް އުރަމަތީ ކެންސަރު ބައްޔާއި ހަނގުރާމަ ކުރަމުންދާ ބަލިމީހުންނާއި، ސަލާމަތްވި މީހުންނާއި، އެ ބަލީގައި އުޅޭ މީހުންނަށް އެހީތެރިވުމުގައި އުޅޭ މީހުންނާއި، ލޯބިވާ މީހުން ބަލަހައްޓާ ފަރާތްތަކަށް ހާއްސަކޮށް ޕިންކްޓޯބަރ ގެ ދުވަސްވަރު އެހީތެރިކަން ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

"ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއާއި ގުޅިގެން މަސައްކަތްކޮށް، އެފަދަ ހާޅުގައި އުޅޭ ފަރާތްތަކަށް ފަންޑްރެއިޒްކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގައި މުޖުތަމައުގެ މެމްބަރުންނާއި ގުޅިގެން މަސައްކަތްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް." އޭނާ ވިދާޅުވިއެވެ.

ފާއިތުވެދިޔަ 22 އަހަރު ތެރޭގައި ހާޑްރޮކް އިން ވަނީ އުރަމަތީ ކެންސަރަށް ހާއްސަ ކެމްޕޭން ޕިންކްޓޯބާގެ ދަށުން އުރަމަތީ ކެންސަރުގެ ދިރާސާގެ ކަންކަމަށް އެތައް މިލިއަން ޑޮލަރު ހޭދަކޮށްފައެެވެ. އަދި މިދިޔަ އަހަރު ހާޑްރޮކް އިން ވަނީ 2000 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ކުރިއަށްގެންދާ ފަންޑްރެއިޒިންގ އިވެންޓްތަކުގެ ތެރެއިން އެންމެ ކާމިޔާބު އިވެންޓްތައް ބާއްވާ 700،000 ޑޮލަރު ހޯދާފައެެވެ.

މިފަހަރުގެ ޕިންކްޓޯބަރ ކެމްޕޭން ކުރިއަށްގެންދަނީ ދުނިޔޭގެ މަޝްހޫރު ޝެފް އަދި އުރަމަތީގެ ކެންސަރުން ސަލާމަތްވި ޑޮމިނިކް ކްރެން އާއި ގުޅިގެންނެވެ. ހާޑްރޮކްގެ އެކި އައުޓްލެޓްތަކުގައި ޕިންކްޓޯބަރ ލިމިޓެޑް އެޑިޝަންގެ މެނޫ އައިޓަމްތަކާއި، ހާއްސަކޮށް ފަރުމާކޮށްފައިވާ މުދަލާއި، ލަވަ ލިޔުމުގެ މުބާރާތެއްގެ އިތުރުން އެހެނިހެން ކަންކަން ކުރިިއަށްގެންދާނެއެވެ.

"ޕިންކްޓޯބަރ ކެމްޕޭންގެ 23 ވަނަ އަހަރީ ދުވަހާއެކުވެސް މުޅި ދުނިޔޭގައި އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހުންނަށް ހާޑް ރޮކް އިންޓަނޭޝަނަލް އިން އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް ޝަރަފާއި ފަހުރެއް. އެންމެންނަކީ އެއް ބައެއް އަކީ ހާޑް ރޮކް މޮޓޯއެއް. އެމެރިކަން ކެންސަރ ސޮސައިޓީއާއި ކޮމިއުނިޓީ މެމްބަރުންނާއި ޓީމް މެމްބަރުންނާއި ލޯކަލް ޗެރިޓީތަކާއި އެކު އަޅުގަނޑުމެން ކުރާ މަސައްކަތުގެ ތެރެއިން ކޮންމެ އަހަރަކުވެސް ދިރުމެއް އަންނަތަން ފެންނާތީ އަޅުގަނޑުމެންނަށް ވަރަށް އުފާވޭ. އަދި މިފަދަ މުހިންމު މަސައްކަތަކަށް ފައިދާ ލިބޭ." ހާޑް ރޮކް އިންޓަނޭޝަނަލްގެ ސީއޯއޯ ޖޯން ލޫކަސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އުރަމަތީ ކެންސަރުން ސަލާމަތްވެފައިވާ ޝެފް ޑޮމިނިކް ކްރެއިންއާއެކު ކެންސަރަށް މީހުން ހޭލުންތެރިކުރުވުމަށް ޕާޓްނަރޝޕް ހަދާތީ ފަހުރުވެރިވާ ކަމަށެވެ.

ޝެފް ޑޮމިނިކް ކްރެން އާއި ހާޑް ރޮކް ގުޅިގެން!

މިއަހަރު އުރަމަތީ ކެންސަރަށް މީހުން ހޭލުންތެރި ކުރުވުމަށް ހާޑް ރޮކް އިން ގުޅިގެން މަސައްކަތް ކުރަނީ ދުނިޔޭގެ މަޝްހޫރު ފްރާންސްގެ ޝެފް އަދި އުރަމަތީގެ ކެންސަރުން ސަލާމަތްވި ޑޮމިނިކް ކްރެން އާއި އެކުއެވެ. އޭނާއަކީ އެމެރިކާގެ ކެލިފޯނިއާގެ ސެން ފްރެންސިސްކޯގައި ހުންނަ އޭނާގެ ރެސްޓޯރެންޓް "އެޓެލިއާ ކްރެން" އަށް ތިން "މިޝެލިން ސްޓާ" ހޯދި ހަމައެކަނި އަންހެން ޝެފެވެ.

އެގޮތުން ކްރެންއާ ހެދި ޕާޓްނަރޝިޕްގެ ދަށުން ހާޑް ރޮކް އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ހާޑް ރޮކް ކެފޭތަކުން ލިމިޓެޑް އެޑިޝަންގެ ބާޖާ ސްޓައިލް ޝްރިމްޕް ޓޭކޯސް ވަގުތީ މެނޫ ތެރެއަށް ލާއިރު، އޭގެން ލިބޭ ފައިސާ ކެފޭތަކުން ހޮވާ ލޯކަލް ޗެރިޓީތަކަށް ހަދިޔާ ކުރާނެއެވެ.

ހާޑްރޮކް ހޮޓެލް މޯލްޑިވްސްވެސް ތައްޔާރަށް!

ޕިންކްޓޯބަރ އަށް ހާއްސަ ތަކެތި ހާޑްރޮކް މޯލްޑިވްސްގައި

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމާއި ދިރާސާ ކުރުމަށް އެހީތެރިވުމުގެ ގޮތުން ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގައި ތަފާތު އެކި ޑިޒައިންތަކުގެ ލިމިޓެޑް އެޑިޝަންގެ އުފެއްދުންތައް ލިބޭނެއެވެ. އޭގެ ތެރޭގައި އަމިއްލައަށް ތައްޔާރުކޮށްފައިވާ ޕިންކްޓޯބަރ ކުޝަން އަދި ޓީޝާޓް ހިމެނެއެވެ. އެ ތަކެތި ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއަށް ހަދިޔާ ކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޝެފް ކްރެންއާ ގުޅިގެން ހާޑް ރޮކް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ "ސްޓްރޯންގާ ޓުގޭދަރ" ޖަހާފައިވާ ހާއްސަ ޕިންކް ޝެފް ކޯޓްތައް ބޭނުން ކުރާއިރު، ކެފޭގެ ހުރިހާ ހެޑް ޝެފުން ޕިންކްޓޯބަރ ދުވަސްވަރު އެ ކޯޓު ލައިގެން އުޅޭނެއެވެ.

ހާޑް ރޮކް ހޮޓެލްގައި ހަރަކާތްތަކެއް!

އުރަމަތީގެ ކެންސަރުން ސަލާމަތްވި މީހުންނަކީ ފަސްނުޖެހި ކުރިއަށްދާނެ ވަރުގަދަ ބައެއްކަން ފާހަގަކުރުމުގެ ގޮތުން ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އިން ވަނީ "ޕިންކްޓޯބަރ" މަހުގައި ހުރިހާ އުމުރުފުރައަކަށް ހާއްސަކޮށް ހަރަކާތްތައް ކުރިއަށްގެންދަން ނިންމާފައެވެ.

އެގޮތުން އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު "ޕިންކް ސަންޑައުން ރިޗުއަލް" އެއް ފަށާނެއެވެ. އަދި ރޮކްސިޓީ ކިޑްސް ކްލަބް އެންޑް ޓީން ސްޕީރިޓް ކްލަބުގައި ކުޑަކުދިންނަށް އެކްސްކްލޫސިވް "ޕިންކް ޓައި ޑައި" ހަރަކާތުގައި ބައިވެރިވެވޭނެއެވެ.

އޭގެ އިތުރުން އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ދަ މެރީނާ އާއި ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގައި "ޕިންކް ފަން ރަން" އެއް ބާއްވަން ވަނީ ނިންމާފައެވެ. މި ހަރަކާތުގައި މާލެ އިން އަންނަ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އަދި ހަމަ އެދުވަހުގެ ހަވީރު، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއަށް ހަދިޔާ ހޯދުމުގެ ގޮތުން ރޭގަނޑުގެ ކެއުމުގެ ތެރޭގައި ހިމޭން ވަގުތުކޮޅެއް ބޭއްވާނެއެވެ. މި ހާއްސަ ރޭ ނިންމާލަން ހަމަޖެހިފައި ވަނީ ޕިންކް ޕޫލް ޕާޓީއާ އެކުގައެވެ.

މީގެ އިތުރުން، "ސައުންޑް އޮފް ޔުއާ ސްޓޭ" ޕްރޮގްރާމްގެ ތެރެއިން ބޭނުން ކުރުމަށް ޕިންކް ކޯ ބްރޭންޑްގެ ދެ ފެންޑަރ ގިޓާ ހުރިހާ ހާޑް ރޮކް ހޮޓަލަކަށް ޑެލިވަރީ ކުރާ ގޮތަށް ހަމަޖެހިފައި ވެއެވެ. އަދި ފަތުރުވެރިންނަށް މި މި ގިޓާތައް ބަލާލުމުގެ ފުރުސަތު ލިބޭއޮރު، އެއިން ކޮންމެ ގިޓާއެއްގައި ވެސް ކިއުއާރު ކޯޑެއް ހިމެނެއެވެ. އެ ކިއުއާރް ކޯޑް ބޭނުން ކޮށްގެން އުރަމަތީގެ ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިވެވޭނެއެވެ.