ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް ބްރިޓިޝް އެއާވޭސް އިން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އިތުރުކޮށްފިއެވެ.

ބްރިޓިޝް އެއާވޭސް އިން މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ހަފްތާއަކު ދެ ދަތުރެވެ. ނަމަވެސް ހައި ސީޒަން ފެށުމާއި އެކު އަންނަ މަހުން ފެށިގެން ކޮންމެ ދުވަހަކު އެއް ދަތުރުކުރުމަށް ވަނީ ނިންމާފައެވެ.

އިނގިރޭސި ވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި އިސް ދައުރެއް އަދާކުރަމުން އަންނަ ސަރަހައްދެކެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިނގިރޭސިވިލާތުން 131،396 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ބްރިޓިޝް އެއާވޭސް ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ދަތުރުކުރަނީ ޔޫރަޕްގެ ފިނި މޫސުމާ ދިމާކޮށެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް މިހާރު ކުރަނީ ހޯމަ، އަދި ހޮނިހިރު ދުވަހުއެވެ.

ބްރިޓިޝް އެއާވޭސް އިން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2015ގައެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލި ނަމަވެސް އަނެއްކާވެސް ގިނަ އެއާލައިންތަކުން ދަތުރުތައް ވަނީ ފަށާފައެވެ.