މިފްކޯ ކޫއްޑޫ އަދި ސ.ހުޅުހުމީދޫގެ ފިއުލް ޓާމިނަލް ހިންގުން އެފްއެސްއެމްގެ ދަށަށް ބަދަލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މިފްކޯ އިން ބުނީ މި ބަދަލަކީ މިފްކޯގެ ސައިޓްތައް މެދުވެރިކޮށް މަސްވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ގެނެވުނު ސްޓްރެޓެޖިކް ބަދަލެއް ކަމަށެވެ. މި ބަދަލުގެ މައިގަނޑު މަގުސަދަކީ މަސްވެރިންނަށް ބޭނުންވާވަރަށް، މިފްކޯގެ ސައިޓުތަކުން ތެޔޮ ގަންނަން ލިބޭނޭގޮތް ހަމަޖައްސައިދިނުން ކަމަށް އެކުންފުނިން ބުނެއެވެ.

އެފް.އެސް.އެމް ވަނީ، މިފކޯގެ ޓާމިނަލްތަކުގައި މަދުނުވާވަރަށް އަބަދުވެސް ތެޔޮލިބެން ހުންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ސޮއި ކުރެވުނު އެމްއޯޔޫގެ ދަށުން މިފްކޯއިން ފިއުލް އޮޕަރޭޝަންތައް އެފްއެސްއެމްއަށް ހަވާލުކުރުމަށް އެހީތެރިވެދޭނެ ބަދަލެކެވެ. މި ބަދަލާއެކު މިފްކޯގެ މައިގަނޑު ވިޔަފާރި ކަމުގައިވާ، މަސް ޕްރޮސެސްކުރުން، ކުރިއެރުވުމަށް ހާއްސާ ސަމާލުކަމެއް ދެވިގެންދާނެ ކަމަށް ވެސް މިފްކޯ އިން ބުނެއެވެ.

މިވަގުތު މިފްކޯއިން މަސްވެރިންނަށް ފައިސާ ދައްކަނީ ފިއުލް ބިލް އުނިކުރުމަށްފަހުއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ފިއުލް އޮޕަރޭޝަންތައް ފުރިހަމައަށް އެފްއެސްއެމްއާއި ހަވާލުވުމުން، މަސްވެރިން ފިއުލް ބިލް ދެއްކުމަށް ހަމަޖެހިފައިވާނީ ސީދާ އެފްއެސްއެމްއަށެވެ. މިއާއެކު މިފްކޯއިން މަސްވެރިންނަށް އެ ފަރާތްތަކުން ބާނާ މަހުގެ ޖުމްލަ ފައިސާ، ފިއުލްއަށް ނުކަނޑާ، ލިބިގެންދާނެއެވެ.

އޮޕަރޭޝަންތަކަށް ބަދަލު ގެނައުމުގެ އިތުރުން މަސްވެރިކަންކުރާ އުޅަނދުތަކަށް ކްރެޑިޓް ސްކީމެއް ހުޅުވާފައިވާނެކަމަށް އެފްއެސްއެމްއިން ވަނީ އިއުލާން ކޮށްފައެވެ. އެ ސްކީމްގެ ދަށުން މަސްބަނާ އުޅަނދުތަކަށް ކްރެޑިޓް އުސޫލުން، ތެޔޮ ގަނެވޭނެ އެވެ. މި ކްރެޑިޓް ފެސިލިޓީ ބިނާވެގެންދާނީ އެފްއެސްއެމް، މިފްކޯ އަދި އޮޑިވެރިޔާ އާއި ދެމެދު ހެދޭ ޓްރައި ޕާޓީ އެގްރީމަންޓެއްގެ މައްޗަށް ކަމަށް މިފްކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އެފްއެސްއެމް އިން ކްރެޑިޓް ސްކީމަށް އެޕްލިކޭޝަން ހުޅުވާފައިވަނީ އެ ކުންފުނީގެ ވެބްސައިޓުން ލިބޭ ފޯމެއް މެދުވެރިކޮށް ކަމަށާއި އެ ފޯމު މިފްކޯ ކޫއްޑޫ އަދި ހުޅުމީދޫ ސައިޓުން ވެސް ލިބެން ހުންނާނެ ކަމަށް އެފްއެސްއެމް އިން މައުލޫމާތު ދެއެވެ. އަދި މީގެ އިތުރުން މަސްވެރިން ހަރަކާތްތެރިވާ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް މި ފޯމު ވަނީ އާންމުކުރެވިފައެވެ.

އެފްއެސްއެމް އިން ފަސޭހަކަމާއެކު ބަދަލުތައް ގެނައުމަށް ހުރިހާ މަސްވެރިން ވެސް ކްރެޑިޓް ފެސިލިޓީ އަށް މަހެއްހާ ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ވުމަށް އިލްތިމާސް ކޮށްފައެވެ.

ކުރިއަށް އޮތްތާންގައި، މަސްބިލުން ތެލަށްދައްކަންޖެހޭ ފައިސާ ނުކެންޑޭނެތީ ކްރެޑިޓް ފެސިލިޓީ ހަމަޖެހިފައިނުވާނަމަ، ތެޔޮ ގަތުމުގައި މަސްވެރިންނަށް އުނދަގޫތެކެއް ކުރިމަތިވެގެން ގޮސްދާނެތީވެ މި މުއްދަތު ތެރޭގައި ހުރިހާ ރަސްމީ ކަންތައްތައް ފުރިހަމަ ކުރުމަށް އެފްއެސްއެމްއިން ވަރަށް ބޮޑަށް ލަފާދެއްވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މަސްވެރިންނަށް ޑީސަލްގެ އަގުތައް 'ފަހި ހަކަތަ' އެޕްލިކޭޝަންގައި ޝާއިޢުކޮށްފައިވާގޮތަށް ސަބްސިޑައިޒްޑް ރޭޓެއްގައި ލިބިގެންދާނެއެވެ. އަދި "ފަހި ހަކަތަ" ޕްރޮގްރާމްގައި ބައިވެރިނުވާ މަސްވެރިކަން ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ އުޅަންދުފަހަރުތަކަށް މަސްވެރިންނަށް ހާއްސަކުރެވިފައިވާ ސްޓޭންޑަރޑް ރޭޓެއްގައި ޑީސަލް ލިބިގެންދާނެއެވެ.