އަގުހުރި ފައިސާގެ އިނާމްތަކަކާއި އެކީގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "ކޮބާ ރަސީދު" ކެމްޕެއިން ފަށައިފިއެވެ.

  • މީރާއިން މި ކެމްޕެއިން ފަށާފައިވަނީ 1 ޖަނަވަރީއިން ފެށިގެން ޖީއެސްޓީގެ އަގުތަކަށް އައި ބަދަލަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ. 1 ޖަނަވަރީއިން ފެށިގެން ޖީއެސްޓީ ވަނީ 6% އިން 8%އަށް ބަދަލުކޮށްފައިއެވެ.

މި ކެމްޕެއިންގައި ބައިވެރިވެގެން އެންމެ ގިނަ ތަންތަނުގެ ރަސީދު ފޮނުވާ ފަރާތަކަށް 30000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ކަނޑައެޅިފައިވެއެވެ. އަދި ކޮންމެ މަހަކު ރަސީދު ފޮނުވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 2000 ރުފިޔާ ދިނުމަށް ކަނޑައެޅިފައިވެއެވެ.

މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން މި އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހާއި ހަމައަށެވެ.

މީރާއިން ވަނީ މި ކެމްޕެއިންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މުދާ ވިއްކާ އަދި ޚިދުމަތް ދޭ ތަންތަނުން ވިޔަފާރިކޮށްގެން ލިބޭ ރަސީދުތަކުގައި އެ ފަރާތެއްގެ ފޯން ނަމްބަރ ޖެހުމަށްފަހު މީރާގެ ވައިބާ ނަމްބަރ 7291415 އަށް ފޮނުވުމަށް އިރުޝާދުކޮށްފައިއެވެ.

އަދި މި ކެމްޕެއިނާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑިތަކުގައި މީރާގެ ހޮޓްލައިން ނަމްބަރ 1415 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އެ އޮތޯރިޓީ އިން ބުނެފައިވެއެވެ.

"ކޮބާ ރަސީދު" ކެމްޕެއިންގެ ބޭނުމަކީ ވިޔަފާރިތަކުން ރަސީދު ތައްޔާރުކުރަމުންގެންދަނީ ރަނގަޅަށްތޯ ބެލުމަށެވެ. ހަމައެއާއިއެކު ވިޔަފާރިތަކުން ރަސީދު ދޫކުރުމަށް ބާރުއަޅުވާ ވިޔަފާރިކުރައްވާ ކަސްޓަމަރުންނަށް ރަސީދު ހޯދުމަށް ބާރުއެޅުމަށެވެ. މީގެ އިތުރުން ވިޔަފާރިކުރާ ފަރާތްތައް ދިވެހިރާއްޖޭގެ ޓެކުހުގެ ނިޒާމަށް އަހުލުވެރިކުރުވައި، ވިޔަފާރީގެ ހިސާބުތައް ރަނގަޅަށް ބެލެހެއްޓުމަށް ބާރުއެޅުންވެސް މި ފަދަ ކެމްޕެއިންތަކުގެ މަޤްޞަދަކަށް ވެގެންދެއެވެ. މީރާއިން ވަނީ މީގެ ކުރިންވެސް މިފަދަ ކެމްޕެއިންއެއް ކޮށްފައިއެވެ.

ވިޔަފާރިތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ރަސީދު ދޫކުރުމަށް ބާރު އެޅުމުގެ ގޮތުން "މިއޮތީ ރަސީދު" ގެ ނަމުގައި މީރާއިން ވަނީ 2018 ވަނަ އަހަރުގައި ކެމްޕެއިން އެއް ކުރިއަށް ގެންގޮސް ފައިސާގެ އިނާމްވެސް ހަވާލުކޮށްފައިއެވެ.