ރިސޯޓް ތަރައްޤީ ކުރަން ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކުރި ލިސްޓުން ބޯހުރާ އުނިކޮށް އަލުން ބީލަމަށް ހުޅުވަަލައިފިއެވެ.

23 ޖެނުއަރީ 2023 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ 14 ރަށް ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ހުޅުވާލާފައެވެ. އޭގެތެރެއިން ބޯހުރާ އުނިކުރުމަށްފަހު މިހާރު ވަނީ އަލުން ރަށްތައް ރިސޯޓު ހެދުމަށް ހުޅުވާލާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނާގޮތުން ބޯހުރާ ލިސްޓުން އުނިކޮށްލަން ޖެހުނީ ޝަކުވާ ގިނަވެގެންނެވެ. އެރަށާއި ގުޅިގެން އައި ޝަކުވާތައް އިތުރަށް ބެލުމަށް ފަހު މިވަގުތަށް އެއީ އެންމެ ރަނގަޅު ގޮތް ކަމަށްވާތީ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ބޯހުރާގައި ރިސޯޓު ތަރައްގީ ކުރަން ބިޑަށް ލުމުން ސާފްކުރުމުގައި ހަރަކާތްތެރިވާ ގިނަ ޒުވާނުންނާއި ޖަމިއްޔާތަކުން ކަންބޮޑުން ފާޅުކޮށްފައި ވާއިރު ސޭވް އަވާ ވޭވްސް ޖަމިއްޔާއިން ވަނީ ބޯހުރާއަކީ ރާއްޖޭގައި ސާފިންއަށް އޮތް އެންމެ ރަނގަޅު އެއް ތަން ކަމަށް ވުމުން އެތަން ރިސޯޓު ހަދަން ދޫކުރުން ބަލައިގަންނަން ދަތި ކަމަށް ބުނެފައެވެ. ސާފިންއަށް ލޯބިކުރާ މީހުން ނުރުހުން ފާޅުކުރަނީ އެތަނަކީ ރާޅާ އަޅާ މަންޒިލަކަށްވެފައި ރިސޯޓް ހެދުމުން އެތަން ހަލާކުވެދާނެތީއެވެ.

ބޯހުރާގެ އިތުރުން އެންމެ ބޮޑު އެކުއިޒިޝަން ކޮސްޓް ދައްކަން ޖެހެނީ ކ. ކާށިދޫ ފަޅާއި ނިލަންދޫ ފަޅުގެ ސަރަހައްދަށެވެ. އެ ދެ ތަނަށް ވެސް އެންމެ ދަށް ލޭންޑް އެކުއިޒިޝަން ކޯސްޓެއްގެ ގޮތުގައި 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެއެވެ.

ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ގިނަ ރަށްތަކުގެ އެކުއިޒިޝަން ކޯސްޓް އުޅެނީ ފަސް ލައްކަ އާއި ދެ ލައްކަ ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.

ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތައަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދޭނެ އެވެ.

އަލަށް ހުޅުވާލި ރަށްތަކަށް ބީލަށް ހުށަހެޅުމަށް އަންނަ މާޗް 21 ވަނަ ދުވަހުގެ ނިޔަލަށް އިންވެސްޓަރުންނަށް ފުރުސަތު އޮންނާނެ އެވެ.