މި އަހަރު އެޗްޑީސީ އިން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 72 ބައިވެރިން ނިންމާ ސަނަދު ހާސިލްކޮށްފިއެވެ.

މި ޕްރޮގްރާމް 4 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނުއިރު، ޕްރޮގްރާމްގައި 10 ދާއިރާއަކުން ބައިވެރިން ވަނީ ތަމްރީން ކޮށްފައެވެ. މި ދާއިރާތަކުގެ ތެރޭގައި ހެވީ ވެހިކަލް، ވެލްޑިންގ، މޭސަނަރީ، ގާރޑަނިންގ، އިލެކްޓްރިކަލް، ބިލްޑިންގ މެއިންޓެނަންސް، ކާޕެންޓްރީ، ޕްލަމްބިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާ ހިމެނެއެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެޗްޑީސީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި އެކު ސޮއި ކޮށްފައިވާ ފަހުމްނާމާއެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑް ބެންކްގެ ފަންޑް "ކޮވިޑް -19 އެމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ އެހީއާއެކުގައެވެ. އަދި ތަމްރީނުދޭ އިންސްޓްޓިއުޓެއްގެ ގޮތުގައި އެމް.އައި.ޓީ ހަމަޖައްސަވާފައި ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުންނެވެ.

3000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ފަށާފައިވާ އަމާޒުގައި އެޗް.ޑީ.ސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމާއި ޤައުމު ތަރައްޤީ ކުރުމުގައި، ޤައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗް.ޑީ.ސީން ކުރާނެކަމުގައި އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފް މިއަދު ވެސް ވަނީ ވިދާޅުވެފައެވެ. އަދި 2022 ވަނަ އަހަރު ނެޝަނަލް އެޕްރެންޓިޝިޕް ޕްރޮގްރާމްގައި އެއްމެ ގިނަ އަދަދަކަށް ޒުވާނުން ތަމްރީން ކުރުމުގެ ޝަރަފު ހާސިލްކޮށްފައިވަނީ އެޗްޑީސީ އިންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެޗްޑީސީ އިން ބުނީ ރާއްޖޭގައި ތަފާތު ގިނަ ދާއިރާތަކުން ފަންނީ، ހުނަރުވެރި، ޤާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުން ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދީ އެކަމަށް މަގުފަހި ކޮއްދިނުމަކީ އެޗްޑީސީއިން ވަރަށް ބޮޑު އަހައްމިއްޔަތެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ. މިގޮތުން ކޮންމެ އަހަރަކު އެޗްޑީސީގެ ފަރާތުން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުންނަށް މަސައްކަތުގެ ތަޖުރިބާ ލިބި ގައުމީ ފެންވަރުގެ ސަނަދެއް ހާސިލުކުރުމަށް ދެވޭ ރަނުގެ ފުރުސަތެއްކަން އެކުންފުނިން ފާހަގަ ކުރެއެވެ.

މި ޕްރޮގްރާމްގެ މަޤުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް އިޚްތިޔާރު ނުކުރެވި ނުވަތަ ކުރިއަށް ދާންބޭނުންވާ ދާއިރާއިން ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވައިދިނުމެވެ. އަދި ވަޒީފާގެ ބާޒާރުގައި ޒުވާނުންނަކީ ފަސްނުޖެހި، އެ ވަޒީފާއެއްގެ އަމަލީ މަސައްކަތްތައް ދަންނަ ޤާބިލް ބަޔަކަށް ހެދުމެވެ.

މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެޗްޑީސީގެ ފަރާތުން ހުއްޓުމެއްނެތި ހިންގާ މިފަދަ ފަސްވަނަ ޕްރޮގްރާމެވެ.

ކިޔުންތެރިންގެ ހިޔާލު