އަންނަ މަހުގެ ތެރޭގައި ފެށޭ ރޯދަމަހާއި ދިމާކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދެ މާރުކޭޓެއް ހުޅުވުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން އެގޮތައް ނިންމާފައިވަނީ އިއްޔެ ބޭއްވި ކައުންސިލްގެ އާންމު ޖަލްސާގައެވެ. އެ ޖަލްސާގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ދެ މާރުކެޓެއް ހުޅުވުމަށް ހުށަހެޅުއްވީ މާލެ ސިޓީ ކައުންސިލްގެ މެޔަރު ޑރ.މުހައްމަދު މުއިއްޒެވެ.

އިއްޔެ ޖަލްސާގައި މޭޔަރު މުއިއްޒު ވިދާޅުވީ ހުޅުމާލެ ހިންގުން ސަރުކާރުން ކައުންސިލާއި ހަވާލުނުކުރި ކަމުގައި ވިޔަސް އެއީ ވެސް މާލޭގެ ބައެއް ކަމަށެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ވެސް މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ސަރަައްދެއް ކަމަށެވެ.

"ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ވެސް 10،000 އަށްވުރެ ގިނަ އާއިލާ ދަނީ ދިރިއުޅެމުން. އެހެންކަމުން ވަގުތީ ދެ މާރުކެޓެއް ހުޅުވުން އެއީ މުހިންމު ކަމެއް." މެޔަރު ވިދާޅުވި އެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކުން ރޯދަމަހު އެއްޗިހި ހޯދުމަށް މާލެ ނުވަތަ ފުރަތަމަ ފިޔަވައްސައްދާން ޖެހޭ ކަމަށެވެ. އެއީ ދަތިކަމެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ މާރުކެޓެއް އަޅަނީ އެދަތިތަކަށް ހައްލެއް ގެނެސްދިނުމަށް ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކައުންސިލުން މާރުކެޓް އަޅާނެ ސަރަހައްދެއް އަދި އާންމެއް ނުކިރެ އެވެ. ނަމަވެސް އެ މާރުކެޓްތަކުން ކައުންސިލަށް އާމުދަނީއެއް ލިބޭނެ ކަން ވެސް މެޔަރު ފާހަގަކުރެއްވެވި އެވެ.