ރާއްޖެ އާއި ދެކުނު ކޮރެއާ އާއި ދެމެދުގައި ފަތުރުވެރިކަމުގެ ގުޅުން ވަރުގަދަ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ. ކޮރެއާގެ ފަރާތުން ސޮއި ކުރެއްވީ ކޮރެއާ ޓޫރިޒަމް އޮގަނައިޒޭޝަންގެ ވައިސް ޕްރޮޒިޑެންޓް ލީ ޖިން ހޯ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި ސޮއި ކުރެވުނު އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދޭތޭރޭގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެވި ރާއްޖެ އަންނަ ކޮރެއާ ޓޫރިސްޓުން އިތުރު ކުރުމުގެ ގޮތުން މިއަހަރުތެރޭގައި ކޮރެއާއިން ޑައިރެކްޓް ފްލައިޓް ފެށޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ.

ލީ ޖިން ހޯ ވިދާޅުވި ގޮތުގައި ކޮރެއާ ޓޫރިސްޓުންގެ މެދުގައި ރާއްޖެ އަކީ މަގަބޫލް މަންޒިލެއްކަމާއި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ފަތުރުވެރިކަން ފުޅާ ކުރުމަށް އިތުރު ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

އަދި މިހާރު ޒުވާނުން ތެރޭގައި މަޝްހޫރުވެފައިވާ ކޭ-ޕޮޕް އާއި ކޭ-ކަލްޗާ އިތުރަށް ކުރިއަރުވާ އަދި އެކަމުގެ ތެރެއިން ކޮރެއާ އިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން ބުނީ އެ އެއްބަސްވުމުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ދެފަރާތުން ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ތާރީހީ ގުޅުން ބަދަހި ކުރާނެ ކަމަށެވެ.

އަދި ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުމާއި، ދިރާސާތައް ކުރުމާއި، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރޭވިފައި ކަމަށެވެ.

ދެ ގައުމުގެ ކަމާގުޅޭ މޭސްތިރިން ގެ މެދުގައި މައުލޫމާތު ހިއްސާ ކުރުމަށް ސެމިނާ، ވޯކްޝޮޕްތައް ކުރިޔަށް ގެންދެވޭނެ ކަމަށް ވެސް މިނިސްޓްރީއިން ބުނެ އެވެ.