ރޯދަ މަސް ފެށުމާއިއެކު ބާޒާރުގައި ގިތެޔޮމިރުގެ އަގު ވެސް އުފުލިއްޖެއެވެ.

ބާޒާރުގައި ގިތެޔޮމިރުސް ކިލޯއެއްގެ އަގު އެވްރެޖްކޮށް -/80 ވަރަކަށް ރުފިޔާ އަށް ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން މިރުގެ އަގު އުފުލެން ފެށީ މިދިޔަ ހަފްތާގައެވެ. މިހަފްތާ ފެށުނުއިރު ބާޒާރަށް އެންމެ ގިނައިން މިރުސް ގެންނަ ތ.އަތޮޅު ކަނޑޫދޫ އާއި ލ.ގަމުން ގެންނަ މިރުގެ އަގު ވެސް -/300 ރުފިޔާއަށް ވުރެ މައްޗަށް ދިޔައެވެ.

މިއަދު ބާޒާރުގައި މިރުސް ކިލޯއެއް ހުރީ -/270 ރުފިޔާ އާއި -/250 ރުފިޔާ އާއި ދެމެދުގައެވެ. ބާޒާރުގެ ގޮޅިތަކުން މައުލޫމާތު ދިން ގޮތުގައި މިއަހަރުގެ ރޯދަ މަހު މިރުހުގެ އަގު އިތުރަށް އުފުލޭނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. "ދަނޑުވެރިން ދޭ މައުލޫމާތައް ބަލާއިރު މިރުހުގެ އަގު މިވަރަށް ހިފެހެއްޓިފައި ހުންނާނެ ކަމަށް ލަފާކުރެވެނީ." ދަނޑުވެރިޔަކު ބުންޏެވެ.

މިރުސް ހެއްދުމަށް ރާއްޖެއަށް އެންމެ މަޝްހޫރު ކަނޑޫދޫ ދަނޑުވެރިން މައުލޫމާތުދޭ ގޮތުގައި އެރަށުން ގިނަ އަދަދެއްގެ މިރުސް މިއަހަރު ވެސް ބާޒާރަށް ނެރޭނެއެވެ. ކަނޑޫދޫގެ ވަރަށް ގިނަ ދަނޑުވެރިންގެ ދަނޑުތައް މިހާރު ލ.ގަމުގައި ވެސް އޮވެއެވެ. އަދި އޭގެ އިތުރުން ގަމުގެ ދަނޑުވެރިން ވެސް ގިނަ އަދަދަކަށް މިރުސް ހައްދައެވެ.

މިރުހުގެ އިތުރުން އެހެން ބައެއް ބާވަތްތަކުގެ އަގުތައް ވެސް ބާޒާރުގައި އަދި ހުރީ ބޮޑު ކޮށެވެ. އެގޮތުން ކަރަލާއި ލުނބޯގެ އަގު މިއަދު ވަނީ މައްޗަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ރޯދަމަހަކީ ހެޔޮކަމުގެ މަހޭ ބުނުމުން ބައެއް މީހުންނަށް ހީވަނީ އެއީ ތަކެތީގެ އަގުބޮޑުކޮށް އެންމެ ގިނައިން ލާރިހޯދާ މަސްކަމަށް