ހދ. ކުޅުދުއްފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން (އާރްއޭސީއެލް) ބުނެފިއެވެ.
އެ ކުންފުނިން ބުނީ އާރްއޭސީއެލްއިން ހިންގަމުން ގެންދާ ކުޅުދުއްފުށީ އެއަރޕޯޓްގައި ނައިޓް ލޭންޑިންގ ސިސްޓަމް ގާއިމުކުރެވި ނައިޓް ލޭންޑިންގްގެ ޚިދުމަތް ރަސްމީކޮށް ފެއްޓުމަށް އަޅަންޖެހޭ ޓެސްޓް ފްލައިޓް މިއަދު ކާމިޔާބުކަމާއިއެކީ ޖެއްސިފައިވާ ކަމަށެވެ.
އެއާއިއެކު، ކުޅުދުއްފުށީ އެއަރޕޯޓުން ދެމުންގެންދާ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުވެގެންދާނެކަމަށް އާރްއޭސީއެލްއިން ބުންޏެވެ. މިކަމުގެ ސަބަބުން ކުޅުދުއްފުށި ކައިރީގައިވާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ޤަބޫލުކުރެއެވެ. މި ބަދަލާއިއެކު ކުއްލި ޙާލަތުގައި ބަލިމީހުންނަށް ދަތުރުކުރުމުގައި އޮތް ހުރަހަށް ނިމުމެއް ލިބިގެންދާނެކަމަށް އާރްއޭސީއެލްއިން ފާހަގަކުރިއެވެ.
އޭގެ އިތުރަށްވެސް، މި އަތޮޅުގައި ރިޒޯޓްތަކާއި ވިޔަފާރިތަކާއި ގެސްޓްހައުސް ހިންގާ ފަރާތްތަކަށްވެސް މަންފާ ކުރާނެއެވެ.
އާރްއޭސީއެލްއިން އިތުރަށް ހާމަކުރިގޮތުގައި ކުޅުދުއްފުށީ އެއަރޕޯޓްގެ އިތުރުން އެ ކުންފުނީގެ ދަށުން ހިންގަމުންގެންދާ ހޯރަފުށި އެއާޕޯޓާއި މާވަރުލު އެއާޕޯޓުގައި ރޭގަނޑު ފްލައިޓް ޖެއްސޭނެ ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަސައްކަތްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި ނައިޓްލޭންޑިންގެ ޙިދުމަތް އެ ދެ އެއާޕޯޓުގައި ދެވެން ފަށާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދީފައިވެއެވެ.
ކުޅުދުއްފުށީ އެއަރޕޯޓްގައި ނައިޓްލޭންޑިންގ ނިޒާމެއް ފަހިކޮށްދިނުމާއިއެކު މި ޚިދުމަތް ލިބޭ އެއަރޕޯޓްތަކުގެ އަދަދު ވަނީ 4 އަކަށް އަރާފައެވެ.
ޖީބަށް ކިހިނެތް ވާނެބާ؟