ކޮތަޅު ޓެކްސް ނަގަން ފެށި ފަހުން މެއި މަހު ޓެކްސްގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަަމަށް މީރާގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

ވިޔަފާރި ކުރުމުން ފިހާރަތަކުން ދޫކުރާ ޕްލާސްޓިކް ކޮތަޅުން އަގު ނެގުން ލާޒިމް ކުރާ ގާނޫނު ފާސްކޮށްފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ކުނި މެނޭޖުކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ޖެހޭނެކަމަށް ވަނީ ފާސްކޮށްފައެވެ.

މީރާ އިން އާއްމުކޮށްފައިވާ މެއި މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ދައުލަތަށް 1.71 ބިލިއަން ރުފިޔާ ލިބިފައެވެ.

މީރާ އިން ނެރުނު ބަޔާނެއްގައި ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ %30.4 ގިނަ އަދަދެއް ކަމަށެވެ.

އެގޮތުން މިފަހަރު ދައުލަތަށް އާއްމުދަނީ ހޯދުމަށް އަލަށް ފެށި ކަންކަމުގެ ތެރޭގައި ކޮތަޅު ލެވީ ނެގުން ހިމެނޭއިރު، އެއާއެކު އާއްމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު އިތުރުވެފައެވެ. މީރާގެ ތަފާސްހިސާބުތަކުގައިވާގޮތުން ކޮތަޅު ޓެކްސްގެ ގޮތުގައި 1،177،904 ރުފިޔާ ދައުލަތަށް ލިބިފައި ވެއެވެ.

މެއި މަހު ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ %1.8 ބިލިއަން ރުފިޔާއެވެ.

މީރާ އިން ބުނި ގޮތުގައި މެއި މަހު ލިބުނު އާމްދަނީ އިތުރުވި ސަބަބަކީ ޖީއެސްޓީ، ކުންފުނިތަކާއި ފަރުދުން ނޫން ފަރާތްތަކުގެ ޓެކްސް، އެއާޕޯޓު ޑިވެލޮޕްމަންޓް ޓެކްސް، އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާމާމީ

    ރައްޔިތުން ފެލަނީ

  2. ހުސޭނުބޭ

    ކޮތަޅު އިބުރާހިމަށް މަރުޙަބާ! ރައްޔިތުން ބަނޑުފެޅުމުގައި މަނިކުރާނު ތި ހޯއްދެވީ ދުނީޔޭގެ އެއްވެސް ވެރިއަކަށް ހޯދިފައި ނުވާ ކާމިޔާބީއެއް!

  3. ބާރީ

    ރައްޔިތުންގެ ކޮތަޅުން އިބުރާހިމްގެ ކޮތަޅަށް.