ސައުދީ އަރަބިއްޔާގެ ލޯ ކޯސްޓް އެއާލައިނެއް ކަމަށްވާ ފްލައިނަސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

ފްލައިނަސް އެއާލައިންގެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ހެނދުނު 08:00 ޖައްސައިފައިއެވެ. މި ފްލައިޓް ޖެއްސުމާއެކު ވޯޓާ ސެލިއުޓެއް ދީފައި ވެއެވެ.

މި އެއާލައިނުން ހަފްތާއަކު ތިން ދަތުރު ރާއްޖެއަށް ކުރާނެއެވެ. މިގޮތުން ސައުދީގެ ރިޔާދު އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އެއާޕޯޓަށް ދަތުރު ކުރާއިރު، މި ދަތުރުތަކަށް ބޭނުން ކުރާނީ އޭ320 ގެ 170 ފަސެންޖަރުންނަށް ދަތުރު ކުރެވޭ ބޯޓެކެވެ.

ފްލައިނަސް އިން ރާއްޖެ އަށް ދަތުރުތައް ފެށުން:ވަގުތު އިމޭޖެސް:އަހްމަދް އަލީ

ފްލައިޓަށް މަރުހަބާ ކިޔުމަށްޓަކައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ސައުދީއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުﷲ އަލްޢަޖާލީން ބައިވެރިވެވަޑައިގެންނެވިއިރު، އެމްއާސީއެލްގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ ބަޖެޓް އެއާލައިން ފްލައިނަސް އިން ރާއްޖެއަށް ދަތުރުތައް ކުރަން ފެށުމުން ސައުދީން ފަތުރުވެރިން އަންނަ ވަރު ގިނަވެ، ދަތުރުތައް ކުރުމުގައި ދިވެހިންނަށްވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

ފްލައިނަސް އިން ރާއްޖެ އަށް ދަތުރުތައް ފެށުން:ވަގުތު އިމޭޖެސް:އަހްމަދް އަލީ

"ފްލައިނަސްގެ ދަތުރުތައް ފެށުމަކީ މިއީ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް. ސީޒަނާއި ދިމާކޮށް ޢާންމު ރައްޔިތުންނަށްވެސް ދަތުރުކުރެވޭ ފެންވަރެއްގެ ފްލައިޓްއެއް ޑައިރެކްޓްކޮށް ރިޔާދުން ފުރައިގެން މި ކޮޅަށް އައުން އެއީ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. އަޅުގަނޑުމެންނަށް ސައުދީ މާކެޓަކީ އޭގެ ޒާތުގައި ވަރަށް މުހިންމު މާކެޓެއް. ކުރިއަށް އޮތް ތަނުގައި މާކެޓް އިތުރުވެގެންދާނެ.". މިނިސްޓާ މައުސޫމް ވިދާޅުވިއެވެ.

ފްލައިނަސް އިން ރާއްޖެ އަށް ދަތުރުތައް ފެށުން:ވަގުތު އިމޭޖެސް:އަހްމަދް އަލީ

ޑރ މައުސޫމް ވިދާޅުވީ މާލޭގެ އިންޓަނޭޝަނަލް އެއާޕޯޓް ނޫނަސް، އެހެން ސަރަހައްދުތަކަށް ދަތުރުކުރުމަށްވެސް ފްލައިނަސްއާއި މަޝްވަރާކުރަމުން ދާ ކަމަށެވެ.

ފްލައިނަސް އިން ރާއްޖެ އަށް ދަތުރުތައް ފެށުން:ވަގުތު އިމޭޖެސް:އަހްމަދް އަލީ

އަދި ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް އެނދުތައް އިތުރު ކުރުން ކަމަށާއި، އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ފްލައިޓްތައް މައުންޓް ކުރާ އަދަދު އިތުރުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފްލައިނަސްއަކީ ކުރިން ނާސް އެއާއެވެ. މިއީ ސައުދީގެ ފުރަތަމަ ބަޖެޓް އެއާލައިނެވެ. މިއީ އަގުހެޔޮ އެއާލައިނެކެވެ.