މޯލްޑިވްސް ބޮޑީބޯރޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އާއި އިންޓަނޭޝަނަލް ބޮޑީބޯރޑިންގ ކޯޕަރޭޝަން (އައިބީސީ)ން ގުޅިގެން ބާއްވާ 'ވިޒިޓް މޯލްޑިވްސް ޕްރޯ 2023' އައިބީސީ ބޮޑީބޯރޑިންގ ވަރލްޑް ޓުއާރގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

'ވިޒިޓް މޯލްޑިވްސް ޕްރޯ 2023' އަކީ އައިބީސީ ވަރލްޑް ޓުއަރގެ މޯލްޑިވްސްޕްރޯ ސީރީޒްގެ ދެ ވަނަ އެޑިޝަންއެވެ. މި އިވެންޓަކީ އޭޝިއާ ސަރަހައްދުގައިބޭއްވޭ އެންމެ ބޮޑު ބޮޑީބޯރޑިންގ އިވެންޓަށް ވާނެކަމަށް ލަފާކުރެވޭއިރު މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުނު އިވެންޓް ވަނީ 2022 ވަނަ އަހަރުގެ ވަރލްޑް ޓުއާރގެ އެންމެ ކާމިޔާބު އިވެންޓުގެ ގޮތުގައި ރޭޓް ކުރެވިފައެވެ. އެގޮތުން މި އަހަރުގެ އިވެންޓަށް ދުނިޔޭގެ ފެންވަރުގެ މަޝްހޫރު އެތައް ބޮޑީބޯރޑަރުންނާއެކު މިދިޔަ ފަހަރަށް ވުރެ ދެގުނަ އިތުރަށް އެތުލީޓުންވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އިވެންޓް ކުރިއަށްދާނީ ތިނަކުން 12 އޯގަސްޓުގެ ނިޔަލަށް މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައެވެ.

ދިރާގުގެ ކަސްޓަމަރ ސާރވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސްގެ ޑިރެކްޓަރ، މަސްއޫދު އަލީ ވިދާޅުވީ 'ވިޒިޓް މޯލްޑިވްސް ޕްރޯ 2023' އައިބީސީ ބޮޑީބޯރޑިންގ ވަރލްޑް ޓުއާރގެޑިޖިޓަލް ޕާޓްނަރަށްވެ، ދެވަނަ ފަހަރަށް މި އިވެންޓް ރާއްޖެއަށް ގެނެސްދިނުމަށް އެހީތެރިވެދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މީގެ އިތުރުން ރާއްޖޭގައި ބޮޑީބޯރޑިންގ ހަލުވިކަމާއެކު ކުރިއަރަމުން އައުމާއި، އަޅުގަނޑުމެންގެ ޤައުމީ އެތުލީޓުން ރާއްޖޭގެ ރާޅުތަކުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވިދާލާތަން ފެނުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް،" ވިދާޅުވިއެވެ.

އެމްބީބީއޭގެ ރައީސް، އަބްދުﷲ އަރީފް ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ މި އިވެންޓް ދެވަނަ ފަހަރަށް ރާއްޖެގައި ކުރިއަށްވުރެ ފުރިހަމަކޮށް ގެނައުމުގައި ދިރާގުން ދެމުން ގެންދާއެއް ބާރުލުމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަަމަށެވެ.

"މިއަހަރު ރާއްޖޭގައި ބާއްވާ މި އިވެންޓަކީ އައި.ބީ.ސީ ޓުއަރގެ ރޭންކިންގއަށް ވަރަށް މުހިންމު އިވެންޓެއް. އެހެންކަމުން މި އިވެންޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރިބޮޑީބޯރޑަރުން އައިސް، ރާއްޖޭއަކީ ކުރިއަރާފައިވައި ބޮޑީބޯރޑިންގ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި މަޝްހޫރުވުމަށް އިތުރަށް މަގުފަހިވެގެންދާނެ،"

ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދުވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު