ދިވެހިރާއްޖެއިން ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ފަހުރުވެރި ލަގަބު އަނެއްކާވެސް ކާމިޔާބުކޮށްފިއެވެ.

މިއީ ރާއްޖެއިން މި ލަގަބު ޖެހިޖެހިގެން ކާމިޔާބުކުރި ހަތަރު ވަނަ އަހަރެވެ. މި އަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ މަގާމު ރާއްޖެއިން ހާސިލްކޮށްފައިވަނީ ވޯލްޑް ޓްރެވަލް އެވޯޑްސް 2023 ގައި ދުބާއީ، އިންޑޮނޭޝިއާ، ނިއުޒީލެންޑް، ސްޕެއިން، އަދި ވިއެޓްނާމް ފަދަ ދުނިޔޭގެ މަޝްހޫރު 17 މަންޒިލަކާ ވާދަކޮށްގެންނެވެ.

މި އެވޯޑަކީ ދުނިޔޭގެ އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ނަން އިތުރަށް ވަރުގަދަކޮށްދޭ އެވޯޑެއް ކަަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

ދުބާއީގެ އައިކޮނިކް ބުރުޖް އަލް އަރަބްގައި މި މަހުގެ އެއްވަނަ ވަނަ ދުވަހު ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް އިވެންޓުގައި ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން 2023 ހޯދުމުގެ އިތުރުން އެމްއެމްޕީއާރުސީއިން ވަނީ ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑް 2023 ގެ ޝަރަފު ކާމިޔާބުކޮށްފައެވެ. މިއީ ޖެހިޖެހިގެން މި ޝަރަފުވެރި އެވޯޑު އެމްއެމްޕީއާރުސީން
ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

އޭގެ އިތުރުން ދުނިޔޭގެ ލީޑިންގ ބީޗް ޑެސްޓިނޭޝަން ،2023 ދުނިޔޭގެ ލީޑިން ޑައިވް ޑެސްޓިނޭޝަން ،2023 ދުނިޔޭގެ ލީޑިން ހަނީމޫން ޑެސްޓިނޭޝަން ،2023 ދުނިޔޭގެ ލީޑިން އައިލެންޑް ޑެސްޓިނޭޝަން ،2023 އަދި ދުނިޔޭގެ އެންމެ ރޮމޭންޓިކް ޑެސްޓިނޭޝަން 2023 ގެ ގޮތުގައި ވެސް ރާއްޖެ މިއަހަރު ނޮމިނޭޓްވެފައިވެއެވެ.

އަދި މިއަހަރު ޑަބްލިއުޓީއޭ އެވޯޑްސްއަށް އަލަށް ތައާރަފްކުރި ގްލޯބަލް ޓޫރިޒަމް ރެސިލިއެންސް އެވޯޑް ވެސް ރާއްޖެއަށް ލިބިފައިވެއެވެ. މިއީ ސްޓްރެޓެޖިކް ގޮތެއްގައި ކެޕޭސިޓީ ބިނާކޮށްގެން ޑިސްޓްރަޕްޝަންތަކުން ހަލުވިކަމާއެކު އަރައިގަތުމުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ކުރީ ސަފުގައި ނަގާކިޔާލެވޭ 5 ޑެސްޓިނޭޝަން ނުވަތަ ގައުމަކަށް ދޭ އެވޯޑެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަސްތާ

    އެހެނެކޭ ކިޔާފަ އަހަރުމެން އާދައިގެ ދިވެއްސަކަށް ތިކަމުން ކުރާނެ ފައިދާޔެއް ކޮބާ؟ ވަންނަ ކަމަސް ބުނާ ޑޮލަރުތައް ޖަމާވަނީ ދެތިން ހަތަރު މުއްސަންޖެއްގެ ޔޫރަޕު ކޮންމެވެސް އެކައުންޓަކަށް!