ލިފްޓުން ދިމާވި އަންހެނެކެވެ. އަތުގައި ޕްލާސްޓިކް ކޮތަޅެއް އޮތުމުން ލޯ އަޅާލިއެވެ. އިރުކޮޅެއް ފަހުން ބުނެލިއެވެ. ކޮއްކޯއެވެ. ޕްލަސްޓިކް ކޮތަޅު ހުއްޓާލަން އެޔޮށް ގޮވަނީއެވެ. ދައްތަމެން މިހާރު ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލައިފީމެވެ. ވިޔަފާރި ކުރަން ދަނީ އަމިއްލައަށް ކޮތަޅެއް ހިފައިގެންނެވެ. ބޭނުންވާ ވަރަކަށް އެއްޗެހި ގަނެގެން އޭގެ ތެރެއަށް އަޅައިގެން އަންނަނީއެވެ. އޭގެ ހަތަރު ފަސް ވަރަކަށް މަސް ފަހެވެ. އަދިވެސް އެ ދައްތަ ފެންނަނީ ހަމަ އެ ކޮތަޅު ހިފައިގެން ވިޔަފާރި ކުރަން ދާތަނެވެ. އެ ދައްތައަށް ހާދަ ވިސްނެއޭ ހިތައް އަރައެވެ.

މިއީ ރައްޖޭގައި ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ފެށުމުން ކަންތައް ވެގެން ދިޔަ ގޮތެވެ. އެއްބަޔަކަށް ފިހާރައަށް ދަނީ އަމިއްލަ ކޮތަޅު ހިފައިގެންނެވެ. އަނެއް ބަޔަކު އުނގަށް ލައިގެން ތަަކެތި ގެއަށް ގެންނަ ތަން ފެނިގެން ދެެއެވެ. ކޮތަޅަށް ނުލާ އަތުންވެސް ހިފައިގެން ދެެއެވެ.

އެކަމަކު މިހާރު އެކަން ބަދަލުވެއްޖެއެވެ. މާލެ ސަަރަހައްދުގެ ބޮޑެތި ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު އެއްކޮށް ހުއްޓާލިއިރު، ބައެއް ފިހާރަަތަކުން މިހާރު ޕްލާސްޓިކް ކޮތަޅު ބޭނުން ކުރަނީ ވަރަށް މަދުންނެވެ. މިއީ ރަނގަޅު ބަދަލެއް ހެއްޔެވެ؟. ނޫނީ މަގްސަދު ހާސިލްވޭ ހެއްޔެވެ؟.

ޕްލާސްޓިކް ކޮތަޅުން ދައުލަތަށް ބޮޑު އާމްދަނީއެއް!

އޭޕްރިލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ފެށިއެވެ.

ވިޔަފާރި ކުރުމުން ފިހާރަތަކުން ދޫކުރާ ޕްލާސްޓިކް ކޮތަޅުން އަގު ނެގުން ލާޒިމް ކުރާ ގާނޫނު ފާސްކޮށްފައިވަނީ 2021 ވަނަަ އަހަރުގެ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ކުނި މެނޭޖުކުރުމުގެ ގާނޫނުގައި ވަނީ ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ޖެހޭނެ ކަމަށެވެ.

މިއާއެކު ކޮތަޅުން ދެ ނަގަން ފެށިއެވެ.

ފޮތި ކޮތަޅު ތަކެއް ފިހާރައެއްގައި -ވަގުތު އިމޭޖްސް: ހުސައިން ރިޔާޝް

މީރާގެ ތަފާސްހިސާބުތަކުގައިވާގޮތުން ޕްލާސްޓިކް ކޮަތަޅުގެ ފީގެ ގޮތުގައި މެއި މަހު 1.1 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައި ވެއެވެ. ޖެހިގެން އައި މަހު ޕްލާސްޓިކް ކޮަތަޅުގެ ފީގެ ގޮތުގައި 778.693 ރުފިޔާ ދައުލަތަށް ލިބިގެން ދިޔައިރު، ޖުލައި މަހު 4.1 މިލިއަން ރުފިޔާ ލިބިގެން ދިޔައެވެ. އޮގަސްޓް މަހު ޕްލާސްޓިކް ކޮަތަޅުގެ ފީގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ދައުލަތަށް ލިބިގެން ދިޔައިރު، ސެޕްޓެމްބަރު މަހު 482،446 ރުފިޔާ ލިބިގެން ގޮސްފައި ވެއެވެ. އަދި އޮކްޓޯބަރު މަހު ޕްލާސްޓިކް ކޮަތަޅުގެ ފީގެ ގޮތުގައި 2.5 މިލިއަން ރުފިޔާ ލިބިގެންދިޔައިރު، 996،977 ރުފިޔާ ލިބިގެން ގޮސްފައި ވެއެވެ.

މިއާއެކު މި މަސްތަކުގެ ތެރޭގައި ދައުލަތަށް ޕްލާސްޓިކް ކޮަތަޅުގެ ފީގެ ގޮތުގައި 11.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިގެން ގޮސްފައި ވެއެވެ.

ކޮތަޅުން ފީ ނަގަން ފެށުމާއެކު ގިނަބަޔަކު ކެކިއްޖެ!

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާއެކު އާއްމުންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ތަކެތީގެ އަގު އަނެއްކާވެސް މައްޗަށް ދިޔަ ކަމަށް ބުނެ ވާހަކަ ދެކެވިގެން ދިޔައެވެ. ރައްޔިތުން ބޮޑު ތަކުލީފަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ގޮވަމުން ދިޔައެވެ. ވީވެސް އެހެންނެވެ. މި އަހަރުގެ ޖެނުއަރީ މަސް ފެށުނީ ޖީއެސްޓީ ބޮޑުވެގެންނެވެ. މިއާއެކު ތަކެތީގެ އަގު ބޮޑުވެގެން ދިޔައެވެ. އަނެއްކާ އެ އަގުބޮޑުވުމާއެކު އޭޕްރިލް 18 ވަނަ ދުވަހުން ފެށިގެން އަނެެއްކާވެސް އިތުރު ފައިސާތަކެއް ރައްޔިތުންގެ އަތުން ދާ ވާހަކަ ދައްކަން ފެށިއެވެ.

މީހަކު ޕްލާސްޓިކް ކޮތަޅަށް ތަކެތި އަޅައިގެން ގެންދަނީ -ވަގުތު އިމޭޖްސް: ހުސައިން ރިޔާޝް

މި ކުޅިގަނޑު ތެރޭގައި ވިޔަފާރުތަކުން ރައްޔިތުންނަށް ލުއި ދިނުމަށް މަސައްކަތް ފެށިއެވެ.

ފިހާރަތަކުން ޕްލާސްޓިކް ކޮތަޅާއި ދުރަށް!

މާލެ ސަރަހައްދުގައި އާއްމުކޮށް ވިޔަފާރި ކުރަމުންދާ ބޮޑެތި ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު އެއްކޮށް ބޭނުން ކުރުން ހުއްޓާލައިފިއެވެ. ބައެއް ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ވަރަށް ބޮޑަށް ހުއްޓާލުމާއެކު، ފޮތި އަދި ކަރުދާސް ކޮަތަޅު ބޭނުން ކުރަން ފެށިއެވެ. ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލި ބޮޑެތި ފިހާރަތަކުގެ ތެރޭގައި ބޮޑެތި ފިހާރަތައް ހިމެނޭއިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ ބައެއް ފިހާރަތަކުން ދޫކުރާ ކޮތަޅަށް ޗާޖްވެސް ނުކުރާ ކަމެވެ. އެ ފިހާރަތަކުން އަމިއްލަ ކޮތަޅުތައް ބޭނުން ކުރާއިރު، ވަރަށް މަދުން ޕްލާސްޓިކް ކޮތަޅު ވިއްކައެވެ.

މިއީ ރަނގަޅު ކަމެކެވެ. ހެޔޮ ބަދަލެކެވެ.

"ވަގުތު"އާ ވާހަކަދެއްކި މާލެ ސަރަހައްދުގައި ބޮޑެތި ފިހާރަތައް ހިންގާ ކުންފުންޏެއްގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އެ ކުންފުނީގެ ފިހާރަތަކުން އެއްކޮށް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލިއެވެ. އެގޮތުން ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ފޮތި ކޮތަޅު ބޭނުން ކުރައިރު، ތަރުކާރީ އާއި މޭވާ އަދި ފުށާއި ހަކުރު އަދި ހަނޑޫ ފަދަ އެއްޗެެހިވެސް އަޅަމުން ދަނީ ފޮތި ކޮތަޅަށެވެ. އަދި މި ކޮތަޅަށް ކަސްޓަމަރުންގެ އަތުން އެއްވެސް ފައިސާއެއް ނަަގަމުން ނުދެއެވެ.

މީހަކު ޕްލާސްޓިކް ކޮތަޅަށް ތަކެތި އަޅައިގެން ގެންދަނީ -ވަގުތު އިމޭޖްސް: ހުސައިން ރިޔާޝް

"އަޅުގަނޑުމެން މުޅި އޮޕަރޭޝަން ބަދަލުކޮށްލީ ޕްލާސްޓިކް ކޮތަޅާއި ނުލާ، އަޅުގަނޑުމެން ފޮތި ކޮތަޅަށް މި ނަގަނީ ދޮޅު ރުފިޔާ،". މާލެ ސަރަހައްދުގައި ވިޔާފާރި ހިންގަމުންދާ ކުންފުންޏެއްގެ އޮފިޝަލަކު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ޕްލާސްޓިކް ކޮތަޅު އެއްކޮށް ހުއްޓާލާ ކަސްޓަަމަރުންގެ އިތުރު ފީއެއް ނުނަގާ ވިޔަފާރި ކުރަމުންދާ ފިހާރައެއްގެ އޮފިޝަލަކު ވިދާޅުވީ، އެ ކުންފުނީގެ ފިހާރަަތަކުން އެއްވެސް ވަރަކަށް ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރާނެ ކަަމަށެވެ.

"ކޮތަޅު މިކޮޅުން ހަމަ ކުންފުނީގެ، ހަރަދެއްގެ ގޮތުގައި ބަލައިގެން ކުރިއަށް ދަނީ، މި މަސައްކަތް ފެށީ މާލެ ސަރަހައްދުގައި ހުޅުވި އާ ފިހާރަ އާއެކު،".

ކޮތަޅު ފީގެ އަގު ކުޑަ ކުރަން ހުށަހެޅުން

ޕްލާސްޓިކް ކޮތަޅުން މިހާރު ނަގަމުންދާ ފީ ބައި ރުފިޔާއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިއެވެ. އެ މައްސަލަ ހުށަހެޅީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.

ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް އިސްލާހު ގެންނަން ފަހުން މަޖިލީހަށް ހުށަހެޅީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ހުށަހެޅި ބިލަށް ރައްޔިތުންގެ މަޖިލީހުގައި މި އަހަރުގެ އޮކްޓޯބަރު 10 ވަނަ ދުވަހު ޖަލްސާގައި ކުރި ބަހުސްގައި ސަލީމް ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގައި ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ދެ ސްޓްރެޓަޖީއެއް ދަނީ ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމާއި އަދި ވަކި ބާވަތްތަކެއްގެ ޕްލާސްޓިކް މަދު ކުރުން ހިމެނެއެވެ.

ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު--

އޭނާ ވިދާޅުވީ އެކަން މައްސަލައަކަށް ވެގެން ދިޔައީ ކިއުމުލޭޓިވް އެއްޗެއްގެ ގޮތުގައި ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުން ކަމަށެވެ.

"އޭގެ މާނައަކީ ދެ ރުފިޔާ ތައާރަފް ކުރި ކަމުގައި ވިޔަސް ބައެއް ފަހަރު ދެ ރުފިޔާއިން ހަތަރު ރުފިޔާއަށް ހަ ރުފިޔާ އަދި އަށް ރުފިޔާއަށް ވެސް ޗާޖު ކުރަމުން ދިޔަ ދިޔުން. މިއީ ހަގީގީ މައްސަލައަކަށް ވި ދިޔަ ކަމަކީ. އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ޕްލާސްޓިކް ކޮތަޅަށް ފީއެެއް ތައާރަފް ކުރުމުގެ ބޭނުމަކީ ވެސް ކޮތަޅަށް އަގެއް ނަގަން ފެށުން. ކުރިން އަޅުގަނޑުމެންނަށް ގަބޫލު ކުރެވިފައި އޮތީ މުޅިން ހިލޭ ދޭ އެއްޗެއްގެ ގޮތުގައި. އެހެންވީމާ ކުއްލިއަކަށް ޓެކްސްއެއް ތައާރަފްކުރީމަ އެއަށް އަގެއް ނަގަން ފެށީ. އެއާއެކު ކަސްޓަމަރުންގެ ހިތްހަމަ ނުޖެހުން މިއަށް އައީ" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ޓެކްސްގެ ބޭނުމަކީ އަގެއް ނަގައިގެން ޕްލާސްޓިކް ކޮތަޅާ ދުރުހެލި ކޮށް ޕްލާސްޓިކް ނޫން ގޮތެއް ހިޔާރުކުރަން ފުރުސަތު ދިނުން ކަމަށެވެ.

މިގޮތުން އޭނާ ވަނީ "ފުރަތަމަ ކަމަކަށް އަޅުގަނޑު މި ހުށަހަޅަނީ ގަނޑުކޮށް ކޮތަޅު ގަތަސް ބިން ލައިނާ ފަދަ ބޭނުންތަކަށް ގަނޑުކުރި މަސް ނުވަތަ ރޯ މަސް ފަދަ ތަކެތި އެޅުމަށް ނޫނީ އިސްތިސްނާވާ ގޮތަށް ހަދަން]" ހުށަހަޅާފައެވެ.

ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) - ފޮޓޯ: މަޖިލިސް
ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) - ފޮޓޯ: މަޖިލިސް

އޭގެ އިތުރުން ކޮތަޅަކަށް ނަގާ އަދަދު މިހާރަށް ވުރެ ދަށްކޮށް ފުރަތަމަ ފަހަރު 50 ލާރި ކޮތަޅަކަށް ނަގާ ގޮތަށް ހަދަން އޭނާ ހުށަހެޅުއްވިއެވެ.

މި މައްސަލައިގެ ބަހުސް ނިންމާ އެ ބިލު މުޅި މަޖިލީހުގެ ސަބް ކޮމިޓީއަށް ފޮނުވަން ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު މުޅި މަޖިލީހުގެ ކޮމިޓީގައި ފާސްކޮށްފައި ވެއެވެ.

މިދިޔަ ޑިސެމްބަރު މަހު ފާސްކުރި ކުނި މެނޭޖުކުރުމުގެ ގާނޫނުގައި ވަނީ ކޮތަޅު ބޮނޑި ހޯލްސޭލް ރޭޓުގައި ގަތަސް، އެ ބޮނޑީގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީ ދައްކަން ޖެހޭނެ ކަމަށެވެ.

ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ 50 ނުވަތަ އެ އަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ފީ އިސްތިސްނާ ކުރުމަށެވެ.

ޕްލާސްޓިކް ކޮތަޅު ފީ އާ ގުޅޭ ތަފާތު ހިޔާލުތައް!

"ތިމާވެށި ހިމާޔަތްކުރުމުގެ ނަމުގައި މިކަން ކުރާއިރު އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ ކީއްވެގެންތޯ އަދިވެސް ރާއްޖޭގައި ޕްލާސްޓިކް ފުޅި މަނާ ނުކުރެވިގެން މި އުޅެނީ. އަޅުގަނޑުވެސް ގަބޫލުކުރަން ގާނޫނުގެ ދަށުން އިމްޕޯޓް ކުރުން މަނާވޭ، އެހެން ނަމަވެސް ރާއްޖޭގެ ކުންފުނިތަކުން އެތައް ބައިވަރު އެތައް މިލިއަން ޕްލާސްޓިކް ފުޅިއެއް އެބައުފައްދާ. އެކަންކަން މަނާ ނުކުރެވިގެން މި އުޅެނީ ކީއްވެގެންތޯ. އޭގެ އޯލްޓަނޭޓިވް ގޮތެއް ކިޔާ ނުދެވިގެން މިއުޅެނީ ކީއްވެގެންތޯ." މި އަހަރުގެ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރުގެ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވިއެވެ.

ވިިލިމާލެ ދާއިރާގެ ކުރީގެ މެމްބަރ އަހުމަދު އުޝާމް-- ފޮޓޯ/ މަޖިލިސް

އުޝާމް އެ ދުވަހު ވިދާޅުވިގޮތުގައި ޕްލާސްޓިކް ކޮތަޅުން ފީ ނުނަގައި ތިމާވެށި ހިމާޔަތްކުރަން ކުރެވޭނެ ކިތަންމެ ކަމެއް އެބަހުއްޓެެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ނަޝީދު އޭޕްރިލް 24 ވަނަ ދުވަހު ވިދާޅުވިގޮތުގައި ސަރުކާރުގެ ސިޔާސަތަކީ ސިންގަލް ޔޫސް ޕްލާސްޓިކް މަދު ކުރުމެވެ. މިކަން ކޮންޓްރޯލް ކުރެވޭނީ އުގޫބާތެއް ކަނޑައަޅައިގެން ނޫނީ ޓެކްސް ބޮޑުކޮށްގެން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވިއެވެ.

, މުހައްމަދު ނަޝީދު

"ޕްލާސްޓިކް ކޮތަޅު ބޮޑު ކުރީ އެނގިތިބެ، އަދިވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮތަޅު ބޭނުން ކުރުން މަދު ކުރުމަށް ކުރާ މަސައްކަތް ހުއްޓާލައިގެން ނުވާނެ". ސިޔާސީ ކަންކަމާއި ދުރަށް ވަޑައިގެންނެވިކަން ދާދި ފަހުން އިއުލާނު ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ޕްލާސްޓިކް ކޮތަޅުގެ އަގު ދަށް ކުރަން ތާއިދު ނުކުރައްވާ ކަަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް އޭޕްރިލް 25 ވަނަ ދުވަހު ވިދާޅުވީ، ޕްލާސްޓިކް ކޮތަޅު މަދުކުރަން ސަރުކާރުގެ އިހުލާސްތެރި ނިޔަތެއް ނެތް ކަމަށެވެ. ސަލީމް ވިދާޅުވީ ކުރިން ފޮތިން ކޮތަޅު އުފެއްދުމަށް އެދުމުން ވެސް ހުއްދަ ނުދިން ކަމަށެވެ.

ރެޑްވޭވް ސަލީމް މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

"ސަރުކާރުގެ އިހުލާސްތެރިކަން ކޮބައިތޯ؟ އެއްކޮޅުން ތިމާވެށި ސަލާމަތްކުރާ ވާހަކަ ދައްކާފައި އަނެއްކޮޅުން ސިއްރު ސިއްރުން ބަޔަކަށް ލުއިތަކެއް ދީގެން ކުރެވޭ ނިޒާމެއް މިއޮތީ ގާއިމް ކޮށްފައި،" ސަލީމް ވިދާޅުވިއެވެ.

ކޮތަޅުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބެއެވެ. އަދި ކޮތަޅުން ފީ ނަގަން ފެށުމުން ބައެއް ވިޔަފާރިތަކުން ގެނައި ބަދަލަކީ ރަނގަޅު ބަދަލަކެވެ. މި ބަދަލާއެކު، މުޅިން ރާއްޖެއިން ޕްލާސްޓިކް މަދުކޮށް، ތިމާވެއްޓަށް ލުޔެއް އަތުވެދާނެ ކަަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ޕުލާސްޓިކާއި ކިތަންމެ ހަނގުރާމައެއް ކުރިޔަސް ޕުލާސްޓިކާއި ނުލައި ދުނިޔޭގައި އުޅެވިދާނެބާ ؟

    14
    1
  2. ދެރުފިޔާ

    ދެ ރުފިޔާގެ ޓެކްސްއެއް ދައްކަންޖެހެނީ ޕްލާސްޓިކް ކޮތަޅަށޭ ބުނާތީ އަޑު އިވޭ. ޕްލާސްޓިކް ކޮތަޅު ނޫނަސް ކޮންމެ ވައްތަރެއްގެ ކޮންމެ ބާވަތެއްގެ ކޮތަޅަކުން ކަމަށްވިޔަސް 2 ރުފިޔާ މިހާރު ފިހާރަތަކުން އެބަ ނަގާ. މި ނަގާ 2 ރުފިޔާ މި ލިބެނީ ކާކަށްތަ؟ ޕްލާސްޓިކް ކޮތަޅުނޫން ކޮތަޅުން އަގު ނަގާއިރު ކުޑަކޮތަޅަކަށްވިޔަސް ބޮޑު ކޮތަޅަކަށްވިޔަސް ނަގަނީ 2 ރުފިޔާ. ފިހާރައިން ވިއްކާ ކޮތަޅެއް ވިއްޔާ ވަކިން އަގު ޖަހާފައި ވިއްކަން ބަހައްޓާފައި ނުހުންނަންވީ ކީއްވެ؟ ވިއްކާ ކޮތަޅުނަމަ ކުޑަ ކޮތަޅާއި ބޮޑުކޮތަޅުގެ އަގު ތަފާތު ނުވާންވީ ކީއްވެ؟

    16
    • Anonymous

      ބޭފުޅާ ވާނުވާގަތޯ.... ޕްލާސްޓިކް ކޮތަޅު ހިލޭ ދެނީ، އެ ލިބޭ ލާރިކޮޅަކަށް ކޮތަޅެއްގެ ރޭޓުން.

      ފޮތިކޮތަޅު/ކަރުދާސް ކޮތަޅު އެއީ ޚަރަދުބޮޑު އެއްޗެއް. މުދާ އަގުބޮޑު ކުރުމަށްވުރެ، ކޮތަޅު ހިފައިގެން އަންނަ މީހާއަަށް ވިސްނާބަލަ.

      3
      4
  3. ނޫރު

    ކަރުދާސް ކޮތަޅައްވެސް ދެ ރުފިޔާ އަދި ޖީއެޓީ ވެސް ނަގާ ބޮޑުވަރު ފިހާރަތަކުން
    އަދި ތަކެތީ އަގު ޖަހާފަ އަދި އެބުނާ ޖީއެސްޓީވެސް ނަގާ މިރާވެސް މިކަންތަކަށް ހޭލަންވެއްޖެ އަދި ދުވަސް ހަމަވެފަ ހުންނަ ތަކެތި ވިއްކުމަކީ މިހާރު އާދައެއް.

    14
  4. ޑޮކްޓަރމޮންރޯ މަސީހް އާރްއެމްޕީ

    ޕްލާސްޓިކް ކޮތަޅު ރާއްޖެ އެތެރެކުރުން މަނާ ކުރެވިދާނެ. އެކަމަކު ޕްލާސްޓިކްގެ އެހެނިހެން ތަކެތި މަނާ ނުކުރެވޭނެ. އެއީކީ ވާނެކަމެއްނޫން. މުސްތަޙީލްކަމެއް. ހަމަ އެހެންމެ ޕްލާސްޓުކް ކޮތަޅު ރާއްޖެއަށް އެތެރެނުކުރުމުން ތިމާވެއްޓަށް ލިބޭނެ އެއްވެސް ފައިދާ އެއްނެތް. އަނެއްކާ މީގެ ހެއްވާކަމަކީ ވަކިވަރެއްގެ ކުދި ފުޅި ނުވަތަ ކޮތަޅު މަނާކޮށްފައި އޭގެ ބޮޑެތިއެއްޗެތި ހުއްދަވުން. މިސާލަލަށް 50އެމްއެލްގެ ކުދިފެންފުޅި. އޭގެ ބަދަލުގައި500އެމްއެލްފުޅިހުއްދަ. އެއީ ކުދިފުޅީގެ 10ފުޅީގެ ޕްލާސްޓިކް. ކުދިފުޅިނައްތާލަންވެސް ފަސޭހަ. ބޮޑުފުޅި ނައްތާލަން އުނދަގޫ. މީޖޯކް. ތިމާވެއްޓޭ ކިޔާގެން ސަރުކާރުތަކަށް ފައިސާ ހޯދުންނޫންކަމެއްނެތް. ޕްލާސްޓިކް މަދުކޮށްގެން ވާރެވެހުން ހުއްޓުވޭނެތޯ؟ބިންހެލުން ހުއްޓުވޭނެތޯ؟ސުނާމީ ހުއްޓުވޭނެތޯ؟ ތަންކޮޅެއްކުރީގެ ދުވަސްވަރެއްގައި ދެއްކި އޯޒޯން ފަށަލައިގާ ލޯވަޅެއް އެޅިގެން ދުނިޔެހޫނުވެގެން ހުރިހާ ދިރުންތައް ނެތިދާނެވާހަކަ. މިހާރު އެއަޑެއްނީވޭ. ފޫކޮޅުގައި ވަރުގަދަ އަލިފާންގަނޑެއް ރޯކޮށްގެން ޖައްވަށްފޮނުވާ ރޮކެޓްތައް އެދަނީ އޯޒޯން ފޫައަޅުވާލަފައެއްނޫންތަ. އެދާއިރުގައި ލޯވަޅުނޭޅެނީތަ؟މިހިރީޖޯކް.

  5. Anonymous

    ބައެއް ފިހާރަތަކުން އަމިއްލަ ކޮތަޅު ގެންދިޔަޔަސް ކޮތަޅައް ރުފިޔާ ކަނޑާ ، މިހާރު ގިނަމުދަލުގަ 3 ރުފިޔާ އިތުރު ކޮއްފަ ހުރީ. މިދިޔަ އަހަރު ގަނމުދާ މިހާރު ލިބެނީ ކުރިއައްވުރެ 15 ރުފިޔާ އަގު ބޮޑުކޮއް.

  6. ފޮތި ކޮތަޅޭ

    ފޮތި ކޮތަޅޭ ކިޔާފަ ގިނައިން މިގެންގުޅެނީ ފޮތިން ހަދާފަ ހުންނަ ކޮތަޅެއްހެނެއް ހިޔެއްނުވޭ. ފޮތިހެން ހީވާ ގޮތަށް ބާވަތެއްގެ ޕްލާސްޓިކަކުން ހަދާފަ ހުންނަ އެއްޗެއް ކަމަށް ބެލެވެނީ. މީގަ މުހިންމު ސުވާލަކީ އަލަށް މިގެންގުޅޭ ކޮތަޅަކީ ޕްލާސްޓިކް ކޮތަޅުން ދިމާވާ މައްސަލަތައް ނުހުންނަ އެއްޗެއްތޯ؟ އެކަންކަމަށް ކުރެވުނު ދިރާސާކޮބައިތޯ؟ ނޫނީ ފޮތި ކޮތަޅޭ ކިޔައިގެން ބޮޑު ގޭމެއް ޖައްސައިގެން އަނެއްކާވެސް ވަކި ބަޔަކު ކަޓުނަގަން އަޅުވައިގެން އުޅޭ އަނދުނެއްތޯ؟

  7. އުތީމު ތަކުރު

    ދެން ކިއްލި ކޮތަޅު މާގިނަވެއްޖެ މުޅި މަގުމަތީގަ އުކާފަ ކިއްލި ކޮތަޅާ ސުޕާރީފުޅި

  8. ކިޔުންތެރިޔާ

    ޕްލާސްޓިކު ކޮތަޅާ ނުލާ މިހާ ވިއްސާރަ އިރު އުޅޭނީ ކިހިނެއް..؟