ހުޅުމާލޭގައި ދިވެހި އަންހެން ވިޔަފާރިވެރިން އުފައްދާ ތަކެތި ވިއްކުމަށް ހާއްސަކޮށް ކޮންމެ ހަފުތާއަކު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ "ހިޔަލަ ވީކެންޑް މާކެޓް" ފަށައިފިއެވެ.

ހިޔަލަ ނައިޓް މާކެޓް ފަށާފައި ވަނީ ރޭގައެވެ. ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މާކެޓު ހުޅުވައިދެއްވީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އަދި ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއުއެވެ.

ހިޔަލަ ވީކެންޑް މާކެޓް ފެށުން ފޮޓޯ: ޖެންޑަރ މިނިސްޓްރީ

އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މި މާކެޓް ކުރިއަށްދާނީ ހުޅުމާލޭ، ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނަރ ޕާކު ސަރަހައްދުގައެވެ. މި މާކެޓް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.

އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން މި މަސައްކަތް ފަށާއިރު މިއީ އަންހެން ވިޔަފާރިވެރިންނަށް ގިނަ ފުރުސަތުތައް ފަހިވެގެންދާނެ ކަމެކެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނީ މި މާކެޓުގެ ސަބަބުން އިޤްތިސާދުގައި އަންހެން ވިޔަފާރިވެރިން ހަރުދަނާ ވެގެންދާނެ ކަމަށާއި ދެން ކުރާ މަސައްކަތްތަކަކީ ވެސް އަންހެން ވިޔަފާރިވެރިންނަށް ފުރުސަތު ފަހިވާނެ ގޮތަށް ކުރާ މަސައްކަތްތަކެއް ކަމުގައި ހަދާނެ ކަމަށެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މާކެޓް، ކޮންމެ ހަފްތާ ބަންދެއްގައި ކުރިއަށް ދާނެއެވެ. މި މާކެޓުގައި ކާބޯތަކެއްޗާއި އެކިކަހަލަ ދިވެހި އުފެއްދުންތައް ލިބެން ހުންނާނެއެވެ.

ވީކެންޑް މާކެޓް ގެ މަގްސަދަކީ ދިވެހި އަންހެނުންނަކީ ފުދުންތެރި ބަޔަކަށް ހެދުމެވެ. މިއީ އަންހެން އުފެއްދުންތެރިންނަށް ވިޔަފާރިން މަންފާ ހޯދުމަށް ލިބޭ ފަހި ފުރުސަތެކެެެވެ. މިއީ ރައީސް ޑރ. މުއިއްޒުުގެ ހަފްތާ 14ގައި ހިމެނޭ ކަމެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު