ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްގީ ކުރެވޭ 2،460 މީޓަރުގެ ރަންވޭގެ ތެރެއިން 1،200 މީޓަރުގެ ރަންވޭގެ މަސައްކަތް ނިންމާ އަންނަ އާދީއްތަ ދުވަހު ޓެސްޓް ފްލައިޓް ޖައްސަން ތައްޔާރުވެއްޖެއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމަރާތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހިނިހެން ވަސީލަތްތައް ވެސް ގާއިމު ކުރެވިގެންދާނެއެވެ.

މި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަަތް ކުރިއަށް ގެންދަނީ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ.

އެ އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ކުރިއަށް ގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެންނެވެ. އެ މަސައްކަތުގެ ތެރެއިން ފުރަތަމަ ފޭސްގެ މަސައްކަތް ނިންމާފައިވާއިރު، އާދީއްތަ ދުވަހު އެ ބައި ބޭނުން ކުރަން ފަށާނެއެވެ.

އަދި އާ ރަންވޭގެ ފޭސް ދޭއް ފޭސް ތިނެއްގެ މަސައްކަތް ފަށާނީ މިހާރު ހަނިމާދޫ އެއާޕޯޓްގައި ބޭނުން ކުރާ ރަންވޭ ނައްތާލުމަށް ފަހުއެވެ.

ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލަނީ

އެ އެއާޕޯޓްގެ މަސައްކަތްތަކާއި ގުޅޭގޮތުން އާރްސީއެލްއިން ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ އެއާޕޯޓްގެ އާ ރަންވޭގެ މަސައްކަތް ނިމިފައިވާ 1،200 މީޓަރުގެ ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަންވޭ ލައިޓް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އަދި އާދީއްތަ ދުވަހު އެ ރަންވޭއަށް ޓެސްޓް ފްލައިޓެއް ޖައްސާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ ކުންފުނިން ވަނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ ޓެކްނިކަލް އިންސްޕެކްޝަންގައި މޯލްޑިވިއަންގެ އިން ބައިވެރިވެފައިވާތީ ޝުކުރު އަދާ ކުރައްވާފައެވެ.

"އަޅުގަނޑުމެންނަށް ލިބޭ އުފަލަކީ، މި މަޝްރޫއުގެ މަސައްކަތް ގާއިމުކުރެވިފައިވާ ޓައިމްލައިންގެ ތެރޭގައި ކުރިއަށްދާކަން، އަދި އާ ރަންވޭގެ ނިމިފައިވާ 1،200 މީޓަރުގެ ސަރަޙައްދެއްގައި ފްލައިޓް އޮޕަރޭޓްކުރުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން،". އާރްސީއެލް އިން ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓްގެ 1،200 މީޓަރުގެ އާ ރަންވޭ ބޭނުން ކުރުމަށް ދަނީ ތައްޔާރުވަމުން - ފޮޓޯ: އާރްސީއެލް

އެ ކުންުފުނިން މައުލޫމާތުދިންގޮތުގައި 1،200 މީޓަރުގެ ރަންވޭ ހުޅުވިގެންދާއިރު، ނައިޓް ލޭންޑިންގ ފެސިލިޓީސްވެސް ގާއިމް ކުރެވިގެންދާނެއެވެ. އަދި މީގެ ސަބަބުން، ރޭގަނޑުގެ ދަތުރުތަކަށް ހިދުމަތްދެވޭނެ ކަަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއާ ގުޅޭގޮތުން އިންޑިއާ ހައިކޮމިޝަނުން ވިދާޅުވީ، މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާތީ އުފާވާ ކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބިޔަ މަޝްރޫއު ކުރިއަށްދާނީ ވަރަށް ރޭވުންތެރި ކަމާއެކު، އެއަރޕޯޓް ބަންދުނުކޮށެވެ.

މި މަޝްރޫއަކީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށިގެން ދިޔަ ބިޔަ މަޝްރޫއެކެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ހަމަޖައްސާފައިވާ މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކުރަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ.

މި މަޝްރޫއަށް 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާމިނަތު

    މިހާރުވެސް ރ.އަތޮޅު ދެކުނު ބިތުގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް އެޅުން ލަސްވެއްޖެ. ރ.ބ ހިމެނޭހެން 30 އަށްވުރެ ގިނަރިސޯޓު މިހާރުވެސް އޮޕަރޭޝަންސް ގައި އެބައޮތް. ލޯކަލް އާބާދީ ރ.އަތޮޅު ދެނުނު ބިތުގައި 15000 ވަރު އެބައުޅޭ. މިދެއަތޮޅު އެއްކޮށް ލޯކަލް އާބާދީ 30000 ހާހަށް ވުރެ މައްްޗަށް އަރާނެ. ވީމާ، ރ ބެރިޔަން ފަރުގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ރައީސް މުޢިއްޒު އަޅުއްވައި ދެއްވާނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރަން. އަދި އެއީ މީގެ ކުރީ ސަރުކާރުތަކުންވެސް ކުރަން ނިންމަވާފައިވާ ކަމެއް.

    1
    1
  2. ކީކޭ

    ތިސަރަހައްދުގައި ރެސޯޓް އިތުރު ކޮށްަ ޓްއަރިސްޓުން ގެނެވޭނަމަ ތިތަނުގެބޭނުން ހިފޭނީ.