ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރަމުން އަންނަ ކޮވިޑް-19 އެކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދުމުގެ ފަހު ތާރީހު އިއުލާނު ކޮށްފިއެވެ.

ބީއެމްއެލުން ވިދާޅުވީ، މި ލޯން ދޫކުރަމުން އަންނަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދީގެން ކަމަށެވެ.

މި ލޯން ސްކީމަކީ ވަކި އަދަދެއް ކަނޑައެޅިފައިވާ ލޯން ސްކީމެއް ކަމަށާއި މިހާތަނަށް ބޭންކުން ބަލައިގެންފައިވާ ލޯން އެޕްލިކޭޝަންތަކުގެ އަދަދު ވެސް ލޯން ސްކީމަށް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރު ވެފައިވާ ކަން ބީއެމްއެލުން ވަނީ ފާހަގަ ކޮށްފައެވެ.

އެހެން ކަމުން މި ލޯނަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 17 ވަނަ ދުވަސް ކަމަށް ބީއެމްއެލުން ވަނީ ވިދާޅުވެފައެވެ.

ލޯނަށް އެދި އެހާތަނަށް ބޭންކަށް ހުށަހެޅިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމަށްފަހު ފަންޑުގައި ބާކީ ފައިސާ ހުރެއްޖެނަމަ، އަލުން ލޯނަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ބީއެމްއެލުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝީޒާ

    ބޭނުންވާ ފަރާތްތަކުގެ އޕްލިކޭށަންތަށް ލިބި ނިމުނީތޯ؟؟؟؟؟؟ ތިވެސް ކަލޭމެން ބޭނުންވާ ބަޔަކަށް ދޭނީ. އެމްޑީޕީ ކުދިން 2023 ގަ ނައަންނާތީ ކުޅި ދަށްކާލާނަން

  2. މޯދި

    ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރި ވުމުގެ ގޮތުން ދޭ މިލޯނު ތައްކަށް ހުށެހެލެނީ ގެސްޓު ހައުސް އާއި ކެފޭތަކަށް އެހެނިހެން ވިއަފާރި ތަކަށް ފުރުސަ ތެއްނެތެވެ. އެކަމަކު މިލޯލުތައް އިސްތިހާރު ކޮއްލިއިރު މިވަރެއްނެތެވެ.