މިމަހުގެ 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިނގިރޭސި ޕްރިމިއަރ ލީގުގެ މެޗުތައް ރާއްޖެއަށް މިފަހަރުވެސް ފެންނާނީ ހަމައެކަނި މީޑިއާނެޓުން ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މީޑިއާ ނެޓުން ބުނީ، މި މެޗުތައް ލައިވް ކުރުމަށް ނިންމާފައިވަނީ އައިސް ސްޕޯޓްސް (102) އާއި ސްޓާ ސްޕޯޓްސް ޕްރިމިއަރ ލީގު އެޗްޑީން (880) ކަމަށެވެ. މި ދެ ޗެނަލްވެސް ރާއްޖެއިން ފެންނާނީ ހަމައެކަނި މީޑިއާނެޓުންނެވެ.

އެ ކުންފުނިން ބުނީ، މެޗްތައް މީޑިއާނެޓުގެ މަލްޓި ސްކްރީން އަދި އެމްއެސް ޓީވީންވެސް ބަލައިލެވޭނެ ކަމަށެވެ.

މިއަހަރުގެ ޕްރިމިއަރ ލީގު ސީޒަން ފެށުމަށް ކުޑަތަންވަމުން އަންނައިރު އެންމެ ފަހުން ނިމިގެންދިޔަ ސީޒަނުގެ ޗެމްޕިއަނަކީ މެންޗެސްޓަރ ސިޓީއެވެ. މި ސީޒަނާއި އެ ޓީމު ކުރިމަތިލާނީ ލީގު ދިފާއުކުރާށެވެ.

މުބާރާތާއި ދިމާކޮށް ބައެއް ޓީމުތަކުން ވަނީ ތަށި ނެގުމަށް ބޮޑެތި ހަރަދުތަކެއްކޮށް ސްކޮޑު ވަރުގަދަކޮށްފައެވެ.

ފާހަގަކޮށްލެވޭ ޓްރާންސްފަރ ތަކުގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑުން ވަނީ މިޑްފީލްޑަރ ސަންޗޯގެ އިތުރުން ރެއާލް މެޑްރިޑްގައި ކުޅުނު ރަފައެލް ވަރާން ހޯދާފައެވެ.

އާ ސީޒަނުގެ އެންމެ ފުރަތަމަ މެޗުގައި އާސެނަލް އާއި ވާދަކުރާނީި މިފަހަރު އަލަށް ޕްރޮމޯޓްވި ބްރެންފޯޑްއެވެ.

މި މެޗުތައް ފޯން މެދުވެރިކޮށް މަލްޓި ސްކްރީންކޮށް ވެސް ބެލޭނެއެވެ. އަދި އެންޑްރޮއިޑް ޓީވީ ގެންގުޅޭ ފަރާތްތަކަށް އެމްއެސްޓީވީ މެދުވެރިކޮށް ވެސް މެޗުތައް ބެލޭނެއެވެ.

މުބާރާތުގެ މެޗުތައް ކުޅޭ ގަޑިތައް މީޑިއާނެޓްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފެނިގެން ދާނެއެވެ.