ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމަށް މީޑިއާނެޓުން ހުށަހެޅި އަގުތައް ބޮޑުވުމުން ބައެއް ރިސޯޓުތަކުން މެޗުތައް ނުދައްކާތީ މުވައްޒަފުން ވޯލްޑްކަޕް ބެލުމުން މަހުރޫމުވަމުން އަންނާތީ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާނެޓަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ.

މީޑިއާނެޓްގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އޭޑީކޭ ކުންފުނީގެ ވެރިޔާ އަހްމަދު ނާޝީދު (އޭޑީކޭ ނާޝިދު)ގެ ހިއްސާ އޮވެއެވެ. އޭގެ އިތުރުން ދެން އެކުންފުނީގައި އޮންނަނީ އަހްމަދު ޝަފީއު އާއި ހަސަން ޒާހިރު އަދި އާދަމް ނަސީރު ހުސެއިން ކިޔާ މީހެއްގެ ހިއްސާ އެވެ.

ވޯލްޑްކަޕް ކައިރިވެފައި ވަނިކޮށް ބްރޯޑްކާސްޓިން ކޮމިޝަނުން ގަވައިދަށް ގެނައި ބަދަލާއިއެކު ވޯލްޑްކަޕް ދައްކައިގެން ބޮޑު މަންފާއެއް ހޯދުމުގެ ފުރުސަތު މީޑިއާނެޓަށް ވަނީ ފަހިވެފައެވެ.

ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިސޯޓްތަކުގައި ދިވެހި އެތައް މުވައްޒަފުންނެއް ވޯލްޑްކަޕް ބެލުމުން މަހުރޫމުވެފައިވާ ކަމަށެވެ. މިއީ ބްރޯޑްކާސްޓިން ކޮމިޝަނުން ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި ހިލާފަށް ގަވައިދަކުން ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް މީޑިއާނެޓާއި އެކީ ހިންގާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ލިސްޓް ކޮށްފައިވާ އިވެންޓްތަކުގެ ތެރޭގައި ވޯލްޑްކަޕްގެ ހުރިހާ މެޗެއް ހިމެނެއެވެ. އެހެންވެ އޭރު ވޯލްޑްކަޕްގެ މެޗްތައް ރާއްޖޭގައި ދައްކަން ރައިޓް ހޯދާ ކުންފުންޏަކުން، އެމެޗްތައް ހިލޭ ދައުލަތުގެ މީޑިއާއަށް ދޭން ޖެހެއެވެ. ނަމަވެސް ސަރުކާރު ބަދަލުވި ފަހުން އެކުލަވާލި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖޭގައި ބްރޯޑްކާސްޓް ކުރަން ރައިޓް ހޯދާ އިވެންޓްތަކުގެ ތެރެއިން އަގެއްނެތި ދައުލަތުގެ މީޑިއާއަށް ދޭން ޖެހޭނީ ވޯލްޑްކަޕްގެ ފުރަތަމަ މެޗާއި ފައިނަލް މެޗް ކަމަށް ނިންމާފައެވެ.

ރިސޯޓުތަކާއި ހޮޓާތަކުން ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމަށް މީޑިއާނެޓުން ވަނީ ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އޭގެ ދަށުން އަގު ނަގަނީ، ކޮންމެ މެޗަކަށް ކޮންމެ ކޮޓަރިއަކަށް 1 ޑޮލަރުގެ ރޭޓުން، އެވްރެޖުކޮށް %65-75 އޮކިއުޕެންސީއަށް ބިނާކޮށް ފައިސާ ނަގައެވެ. އެހެންވެ ގިނަ ރިސޯޓްތަކުން ދިހަހާސް ޑޮލަރު ނުވަތަ ދޮޅުލައްކަ ރުފިޔާއަށް ވުރެ ގިނަ ފައިސާ ދައްކަން ޖެހެއެވެ.

ރާއްޖޭގައި ކޭބަލް ޓީވީ ދިނުމުގެ ފުރުސަތު ހަމައެކަނި މީޑިއާނެޓަށް ލިބޭ ގޮތައް، އަދި އެކުންފުންޏާއި ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގައި ވާދަކުރާ ދިރާގު ޓީވީ ހުއްޓުވާލާ ގޮތައް ބްރޯޑްކާސްޓިން ކޮމިޝަނުން ގަވައިދެއް ހެދި މައްސަލައިގައި ވެސް ބްރޯޑްކާސްޓިން ކޮމިޝަނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާދިރާ

    އެމްޑީޕީއަށް ރިސޯޓް ބޯއީސް ވޯޓް ދިނީ މިހެންވެ. ތާހިރުވެއްޖެއްނު.

  2. ކެބެރީ

    މީޑިއާނެޓްގެ ނެޓް ވޯރކް ގުރުބާން ކޮށްލަން ވީ

  3. ބީރުމީހާ

    ދެނަކާ ދެނެއްނެތް ރާއްޖެ ޓީވީން ދައްކައޭ މެޗްތައް އޮފީސްތަކުން ބަލަމުންދަނީވެސް ރާއްޖެޓީވީ ދެން ކީއްވެ ނުބެލެނީ ރާއްޖެ ޓީވީގެ ރައިޓްސް ހޯދާލާ އެޢީ ސަތުކާރުގެ ހެޔޮފުޅުކަން