2024 ވަަނަ އަހަރު ޔޫކުރޭނުގެ އަސްކަރިއްޔާ އިން ރަނގަަޅު ކުރާނެ ކަންކަމުގެ ލިސްޓެއް ޔޫކުރޭނުގެ އަސްކަރިއްޔާގެ ކޮމާންޑަރ އިން ޗީފް ޖެނެރަލް ވަލޭރީ ޒަލޫޒްނީ އެކުލަވާލައިފިއެވެ.

މޭޖަރ ޒަލޫޒްނީގެ މި ލިސްޓް އާންމު ކޮށްފައިވަނީ ޔޫކުރޭނުގެ އަސްކަރިއްޔާއިން ނެރޭ ނޫހަކަށް އޭނާ ލިޔުނު ހާއްސަ ލިޔުމެއްގައެވެ. އެ ލިޔުމުގައި އޭނާ ކިޔައިދީފައިވަނީ 2024 ވަނަ އަހަރު، ހަނގުރާމައިގެ ތެރޭގައި އޭނާ ގެންގުޅޭނެ ފަލްސަފާއެވެ. އަދި އަސްކަރިއްޔާގައި ރަނގަޅު ކުރަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރާ ކަންކަން ވެސް ވަނީ ވަރަށް ތަފްސީލާއި އެކު އެ ލިޔުމުގައި ހިމަނާފައެވެ.

ޒަލޫޒްނީ ދެކޭ ގޮތުގައި 2024 ވަނަ އަހަރު ރަޝިއާގެ އަސްކަރީ ބާރުތައް، ނިމިދިޔަ 2023 ވަނަ އަހަރަށް ވުރެ ބާރު ގަދަ ވާނެއެވެ. އަދި ހަމަލާތައް ދިނުމުގައި ވެސް ރަޝިއާ އިން ގެންގުޅޭ އުކުޅުތައް ބަދަލުކޮށް މާ އަނިޔާވެރި ވާނެއެވެ.

އެއީ ރަޝިއާގެ މިހާރުގެ އަސްކަރީ އުކުޅުތައް ބޭނުން ކޮށްގެން 2023 ވަނަ އަހަރު އެ ގައުމަށް ޔޫކުރޭނުގައި އަސްކަރީ ގޮތުން މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވާތީ ކަމަށް ވެސް ޖެނެރަލް ޒަލޫޒްނީ ވަނީ ބުނެފައެވެ. އޭނާ ބުނެފައިވަނީ މިދިޔަ އަހަރު ރަޝިއާ އިން ޔޫކުރޭނުގެ ބިމުގެ އެތެރެއަށް ވަނުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައި ކަމަށެވެ.

މިއަހަރު ރަޝިއާގެ އަސްކަރީ ބާރު ވަރުގަދަ ވާނެ ކަމަށް ލަފާކުރެވޭތީ ޔޫކުރޭނުގެ އަސްކަރިއްޔާ އިން އެންމެ ފުރަތަމަ ވެސް ކުރަން ޖެހޭނެ ކަމަކީ އެ ގައުމުގެ އަސްކަރިއްޔާ އަށް ޒަމާނީ ފަންނީ ހަތިޔާރު ހޯދުން ކަމަށް ޒަލޫޒްނީ ވަނީ ބުނެފައެވެ. އަދި އެ ކަމުގައި ނޭޓޯ އާއި ޔޫރަޕުގެ ގައުމުތަކުގެ އެހީތެރިކަން ޔޫކުރޭނަށް ވަރަށް ބޮޑަށް ބޭނުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. ރަޝިއާ އިން ވެސް ހަނގުރާމައިގައި މައިދާނަށް ޒަމާނީ ހަތިޔާރު މިހާރު ނެރެން ފަށާފައިވާ ކަންވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ޒަލޫޒްނީ ބުނެފައިވަނީ ދެން އެންމެ ބޮޑު އިސްކަމެއް ދޭނީ ހަމަލާތައް ރޭވުމުގައި ކުރިއާލައި ތައްޔާރުވެ، އެ ހަމަލާތައް އަމާޒުކުރާނެ ތަންތަން ކަނޑައެޅުމަށް ކަމަށެވެ. ރަޝިއާގެ މުހިއްމު ތަންތަން ދެނެގަނެ، އެތަން ތަނަށް އަމާޒު ކޮށްގެން ހަމަލާތައް ދެވިއްޖެނަމަ ކުރާނެ މަންފާ މާ ބޮޑު ވާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ރަޝިއާގެ އިގުތިސޯދަށް ގެއްލުންވާނެހެން ހީވާ ތަންތަނަށް ހަމަލާ ދިނުން އިތުރުކުރަން ޖެހޭ ކަމަށް ވެސް ޖެނެރަލް ޒަލޫޒްނީ ވަނީ ބުނެފައެވެ

ރަޝިއާ ފަދަ ދުނިޔޭގެ ގަދަ ބާރަކާއި ހަނގުރާމަ ކުރާ އިރު އެންމެ މުހިއްމު ކަމެއް ދޭން ޖެހޭނީ އަމިއްލަ ގައުމުގެ ސިފައިން ހަނގުރާމައިގައި މަރުވާ ނިސްބަތް މަދު ކުރުން ކަމަށާއި، އެހެންކަމުން މީހުންނާއި ނުލާ ހަމަލާ ދޭ ހަތިޔާރު ތައް ޔޫކުރޭނުގެ އަސްކަރިއްޔާގައި ގިނަ ކުރަން ޖެހޭ ކަމަށް ޒަލޫޒްނީ ބުނެފައި ވެއެވެ. އެ ގޮތުން ވައިގެ ތެރޭގައި ދުއްވާ ޑްރޯންތަކާއި ކަނޑު އަޑީގައި ދުއްވާ ޑްރޯންތައް ގިނަ އަދަދަކަށް ޔޫކުރޭނުގެ އަސްކަރިއްޔާ އަށް 2024 ވަނަ އަހަރު ބޭނުން ވާނެ ކަމަށް ޒަލޫޒްނީ ވަނީ ބުނެފައެވެ.