23:44

ރަނގަޅު ފަރުވާ ނުލިބި، އަނުރާފަ ވެގެން ޣައްޒާގެ ކަމާލް އުދުވާން ހޮސްޕިޓަލުގައި މަރުވި ތުއްތު ކުއްޖާ

23:32

ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ހަތަރު މީހަކު ބޯހިޔާވަހިކަން ހޯދަން ޚާން ޔޫނިސްގެ ހަމަދުގައި ހުރި ސްކޫލަކުން ބޯހިޔާވަހިކަން ހޯދައިގެން އުޅެނިކޮށް ނިރުބަވެރި އިސްރާއީލުން އެތަނަށް ހަމަލާތަކެއްދީ، އެމީހުން ޝަހީދު ކޮށްލައިފި.

22:12

ފަލަސްތީނުގެ ރައްޔިތުން ނަމާދު ކުރަނީ

21:54

ނިރުބަވެރިން އިއްޔެ ޣައްޒާގައި އެހީ ހޯދުމަށް އެއްވެ ތިބި މީހުން ޝަހީދުކޮށްލި ސަރަހައްދުން އިތުރު ތިން މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި މިއާއި އެކީ މި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 115 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފި.

21:52

އީރާނުގެ އިސްލާމިކް ރިވޮލިއިޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ މެމްބަރަކާއި އިތުރު ދެ މީހަކު އިސްރާއީލުން ދިން ހަމަލާއެއްގައި ސީރިއާގައި ޝަހީދުވެއްޖެ.

21:51

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި އެހީ ހޯދުމަށް ކިޔުގައި ތިބި އާންމު ރައްޔިތުން ޝަހީދު ކޮށްލުން ދެކުނު އެފްރިކާއިން ވެސް ކުށްވެރިކޮށްފި.

19:54

އިސްރާއީލުގެ އަސްކަރިއްޔާއަށް އިތުރު 7،000 ސިފައިން ބޭނުންވާ ކަމަށް ރިޕޯޓްތަކުން ބުނެފި. ރިޕޯޓްތަކުން މިފަދައިން ބުނެފައިވާއިރު، މިހާރު ވެސް އިސްރާއީލް އަސްކަރިއްޔާގައި އެތައް ހާސް ރިޒާވް ސިފައިން ވެސް ތިބިކަން ރިޕޯޓްތަކުން ވަނީ ހާމަކޮށްފަ.

19:53

ކުރިއަށް އޮތް ރަމަޟާން މަހަށް އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލާނެ ކަމަށް އުންމީދު ކުރާ ކަމަށް މިސްރުގެ ފޮރިން މިނިސްޓަރ، ސަމީހް ޝައުކްރީ ވިދާޅުވެއްޖެ.

19:53

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނަނީ ޣައްޒާގެ ރައްޔިތުން ކާބޯތަކެއްޗާއި ފެނާއި އެހެނިހެން ސާމާނު ހޯދުމަށް ފުރާނަ އަށް ނުރައްކާ ކުރަމުން އަންނަ ކަމަށް. އަދި މިހާރު ޣައްޒާގެ ސިއްހީ ނިޒާމު އޮތީ ވަރަށް ދެރަ ހާލެއްގައި ކަމަށް ވަނީ ބުނެފަ.

18:48

ޣައްޒާގައި އެހީ ހޯދުމަށް ގޮސް ތޮބި މީހުންނަށް ނިރުބަވެރި އިސްރާއީލް ދިން ހަމަލާއާއި ގުޅިގެން އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފި.

17:35

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ އޮޕަރޭޝަނަކީ ވަކި މިންގަނޑެއް ނެތި ހިންގަމުން އަންނަ އޮޕަރޭޝަނެއް ކަމަށާއި އޮޕަރޭޝަން ހުއްޓާލުމަށް ބްރެޒިލްގެ ސަރުކާރުން ގޮވާލައިފި.

16:52

ނިރުބަވެރި އިސްރާއީލުން އިއްޔެ ޣައްޒާގައި ހިންގި ގަތުލު އާންމުގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލުމުން އިސްރާއީލަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ގޮވާލައިފި.

16:15

ޣައްޒާގައި އެހީ ހޯދުމަށް ކިޔުގައި ތިބި ގިނަ އަދަދެއްގެ ބަޔަކަށް ނިރުބަވެރި އިސްރާއީލުން ދިން ހަމަލާ ލުބުނާނުން ކުށްވެރިކޮށްފި.

16:10

ނިރުބަވެރި އިސްރާއީލުން ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 30،228 އަށް އަރައިފި

 

15:47

އެހީ ހޯދަން އެއްވެފައި ތިއްބައި، އިސްރާއީލުގެ ނިރުބަވެރިން ފަލަސްތީނުގެ އާންމުންގެ ތެރެއަށް ބަޑިޖަހައި ހިންގި ގަތުލުއާންމު ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް ރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލައިފި

 

15:23

އިސްރާއީލުން ހިފާފައިވާ އަލް އަޤްޞާ މިސްކިތާ ދިމާލަށް ދަތުރުކުރަމުންދިޔަ އަންހެނަކަށް ހަމަލާދީފި.

14:58

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ ސިޓީގެ އަލް-ޝޯކާ އަވަށުގެ ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެކަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އަލްޖަޒީރާގެ ނޫސްވެރިން ބުނެފި.

14:45

އިސްރާއީލުން ރަފަހުގައި ދިން ބޮމުގެ ހަމަލާއެއްގައި އެތައް ބަޔަކު ޒަހަމްވެއްޖެ

އަލްޖަޒީރާގެ ނޫސްވެރިން ބުނާ ގޮތުގައި ރަފަހްގެ އިރުމަތީގެ ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި އެތައް ބަޔަކު ވަނީ ޒަހަމްވެފައި.

ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހަކީ ފަލަސްތީނުގެ އުތުރުގެ ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކުން ސަލާމަތްވެ ފަލަސްތީނުގެ މިލިއަނަކަށްވުރެ ގިނަ މީހުން ހިމާޔަތް ހޯދަމުން އަންނަ ސަރަހައްދެއް.

14:24

އިސްރާއީލު ސިފައިން ޣައްޒާ ސިޓީގެ ޒައިތޫން އަވަށުގެ އުމްރާނީ ވަސީލަތްތަކާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފި.

ޝަހީދުވި ފަލަސްތީނުގެ އެތައް ބައެއްގެ ހަށިތައް މަގުތަކުން ފެނިފައިވާއިރު، އިސްރާއީލު ސިފައިންގެ ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެތައް ސަތޭކަ ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ނޫސްވެރިން ބުނޭ.

13:11

އިއްޔެ ޣައްޒާގެ އުތުރުގައި ދިން އެހީގެ ތެރެއިން ފަލަސްތީނުގެ 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލި ހާދިސާ ޗައިނާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި.

13:10

ޚާން ޔުނިސްގެ ރެސިޑެންޝަލް ކޮމްޕްލެކްސްއެއް ކަމަށްވާ ހައްމާދު ޓައުންގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ސްކޫލަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި މަދުވެގެން ތިން މީހުން ޝަހީދުވެ، 10 މީހުން ޒަޚަމްވެއްޖެ.

މި ހާދިސާގައި ޝަހީދުވި މީހުން ގެންދިޔައީ ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރް އަލް ބަލާހްގައި ހުންނަ އަލް އަޤްޞާ ހޮސްޕިޓަލަށް

ޚާން ޔުނިސްގެ އުތުރުގައި އޮންނަ އަލްޤަރާ އަވަށުގެ ވަށައިގެން ފަލަސްތީނުގެ ޖަމާއަތްތަކާއި އިސްރާއީލުގެ އަސްކަރިއްޔާއާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމަށް ރިޕޯޓްތައް ބުނޭ.

13:10

އިސްރާއީލުގެ އަސްކަރިއްޔާއިން ލަޔަންސް ގޭޓް ކުރިމަތީގައި ބެރިކޭޑް އަޅައި، ހިފާފައިވާ އިރުމަތީ ގުދުސްގައި އަލްއަޤްޞާ މިސްކިތަށް ހުކުރު ނަމާދަށް ދިއުމަށް ހުރަސްއަޅައިފި

13:10

ވައިދާ ހިލާފަށް އެލީގެ އާބާދީގައި އިސްރާއީލުގެ ދެ މީހަކު ޝަހީދުކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ގެ ތަޅާލުމަށް ތައްޔާރުވަމުންދާކަން އިސްރާއީލު އަސްކަރިއްޔާއިން ކަށަވަރުކޮށްދީފި

13:10

ޣައްޒާ ސިޓީ ކައިރީގައި ކާބޯތަކެތީގެ އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ 100 އަށް ވުރެ ގިނަ އާންމުން އިސްރާއީލުން ޝަހީދުކޮށްލުމުން އެކަން ކުށްވެރިކޮށް ޔަމަނުން ބުނީ، މިހާރު ހިނގަމުންދާ "މީހުން" ގެ ތެރޭގައި ހިޔާތަކަށާއި އެހީ ބަހާ ތަންތަނަށް ބޮން އެޅުން ފަދަ ކަންކަމަކީ "ހަނގުރާމައިގެ ޖަރީމާތަކާއި ކުށެއް ނެތް މީހުންނަށް އެންމެން ގުޅިގެން އަދަބު ދިނުން" ކަމަށް.

13:10

އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އަންނާނެ ކަމަށް މި ހަފުތާގެ ކުރީކޮޅު ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން އެމެރިކާގެ ރައީސް ބައިޑަން އަނެއްކާވެސް ވާހަކަ ދައްކަވައިފި.

ކުރިއަށް އޮތް ދުވަސްތަކުގައި އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުއްމީދު އަދިވެސް އެބައޮތްތޯ ވައިޓް ހައުސްގެ ބޭރުގައި ނޫސްވެރިޔަކު ސުވާލު ކުރުމުން އޭނާ ވިދާޅުވީ އުއްމީދަކީ އަބަދަށް ދެމިއޮންނާނެ އުއްމީދެއް ކަމަށް

"އެ ސަރަޙައްދުގެ ރައްޔިތުންނާ ފޯނުން ވާހަކަ ދެއްކިން. ހޯމަ ދުވަހާ ހަމައަށް ނޫން ކަމަށް ވެދާނެ، އެކަމަކު އަޅުގަނޑު އުންމީދު ކުރަން،" ބައިޑަން ވިދާޅުވި.

11:48

ފަތަހު ޖަމާއަތާއި ހަމާސް ހިމެނޭ ގޮތަށް ފަލަސްތީނުގެ ބައެއް ފެކްޝަންތަކުގެ މަންދޫބުން މޮސްކޯގައި ބައްދަލުކުރަނީ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް "އިންޓަ ފަލަސްތީނު" މަޝްވަރާތަކަށް ކަމަަށް އަލްޖަޒީރާއިން ބުނެފި.

ރަޝިޔާގެ ވެރިރަށުން އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ފަލަސްތީނުގެ ނޭޝަނަލް އިނިޝިއޭޓިވްގެ ސެކްރެޓަރީ ޖެނެރަލް މުސްތަފާ ބަރްޣޫތީ ވިދާޅުވީ މަޝްވަރާތަކުގައި ޒިންމާގެ އާންމު އިހުސާސެއް އެބައޮތް ކަމަށް.

10:09

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އދ.ގެ އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީ (ޔޫއެންއާރްޑަބްލިއުއޭ)ގެ ގާތްގަނޑަކަށް 12 މުވައްޒަފުން ބައިވެރިވި ކަމަށް އިސްރާއީލުން ބުނާ މައްސަލައިގެ އދގެ ތަހުގީގަށްއިސްރާއީލުން އަދި ވެސް އިންޓެލިޖެންސް ލިޔުންތައް ފޯރުކޮށްދީފައި ނުވާ ކަމަށް ޑީޕީއޭ ނިއުސް އެޖެންސީން ބުނެފި

 

10:08

ހަމާސް އާއި އެހެނިހެން ނުރައްކާތަކުން އިސްރާއީލަށް ދިފާއުވެވޭނެ ގޮތް ހެދުމަށް ޓަކައި ބޭރުގެ އެހީގެ ބިލެއް ފާސްކުރުމަށް ހައުސް ރިޕަބްލިކަން މެމްބަރުންގެ ކިބައިން އެމެރިކާގެ ރައީސް ޖޯ ބައިޑަން އެދިވަޑައިގެންފި.

ބައިޑަން ވިދާޅުވީ، ހައުސްގެ ރިޕަބްލިކަން މެންބަރުން ވޯޓަށް އެހުމަށް ދެކޮޅު ހަދަމުންދާ ބައިޕާޓިޝަން ނޭޝަނަލް ސެކިއުރިޓީ ސަޕްލިމެންޓްރީ ޕެކޭޖުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ވެސް ލިބިގެންދާނެ ކަމަށް.

09:30

ޣައްޒާގެ ހުޅަނގުދެކުނުގައި އެހީގެ ޓްރަކުތަކުގެ އިންތިޒާރުގައި އެއްވެފައި ތިބި އެތައް ސަތޭކަ ބައެއްގެ ތެރެއަށް ނިރުބަވެރި އިސްރާއީލުން ހަމަލާދީ ހިންގި ގަތުލު އާންމު ފަލަސްތީނުގެ ލީޑަރުންނާއި އަވަށްޓެރި ގައުމުތަކުން ކުށްވެރި ކޮށްފި

09:01

ޣައްޒާގައި 25،000 އަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ޝަހީދުވެފައިވޭ: އޮސްޓިން

08:33

އިޒްރޭލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާރު ބެން-ގްވީރު މިއަދު ފަތިހު މީސް މީޑިއާގައި ވަނީ އިސްރާއީލުގެ ޖަލުތަކުގައި މީހުން ގިނަވުމަކީ ބަންދުގައި ތިބި ފަލަސްތީނު މީހުން ދޫކޮށްލަން ޖެހުނު ސަބަބެއް ކަމަށް ބުނެފައި.

08:32

ޣައްޒާގެ އުތުރުގައި ކާބޯތަކެތީގެ އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލި މައްސަލާގައި އިސްރާއީލުގެ ބޮލުގައި އެޅިދާނެ ކަމަށް ބުނެ އަލްޖީރިއާއިން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ބަޔާނަށް އެމެރިކާއިން ހުރަސް އަޅައިފި.

ފަލަސްތީނުގެ އދ.ގެ ސަފީރު ރިޔާދު މަންސޫރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ބަޔާނަށް އެމެރިކާ ފިޔަވައި ޔޫއެންއެސްސީގެ 15 މެންބަރުންގެ ތެރެއިން ހުރިހާ މެންބަރުންގެ ތާއީދު ލިބިފައިވާ ކަމަށް.

08:30

"ޖަލުތަކުގައި ޖާގައިގެ ދަތިކަން" ހުރުމުގެ ސަބަބުން "އިދާރީ ބަންދުގައި ތިބޭ މީހުން" އަވަހަށް ދޫކޮށްލަން ނިންމީ "ނުރައްކާ ބޮޑު ބަޔަކަށް ޖާގަ ދިނުމުގެ ގޮތުން" ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

07:59

ޣައްޒާ ސިޓީގައި އިސްރާއީލުން ހަމަލާ ދީ ބިމާއި ހަމަކޮށްލާފައިވާ އިމާރާތެއްގެ ދަށުން 9 ދުވަސް ފަހުން ކުޑަ ކުއްޖަކު ސަލާމަތް ކޮށްފި

07:32

ފަލަސްތީނުގެ ޣައްޒާގެ އުތުރުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން އިތުރު ހަތަރު ކުއްޖަކު ދުނިޔެ ދޫކޮށްފައިވާ ކަަމަށް، ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފި

07:24

އިސްރާއީލުގެ އަސްކަރިއްޔާއިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ކަލަންދިޔާ ރެފިއުޖީ ކޭމްޕަށް ވަންނަ ދޮރުމަތީގައި އޮތް ކާރަކަށް ބަޑީގެ ހަމަލާތަކެއް އަމާޒުކޮށްފައިވާ ކަމަށް އަލްޖަޒީރާ އަރަބި އިން ރިޕޯޓްކޮށްފި.

އިސްރާއީލުގެ މި ހަމަލާގައި ސީރިއަސް ޒަހަމްވި މީހަކާ ހަމައަށް އެމްބިއުލާންސްގެ މީހުން ދިއުމަށް އިސްރާއީލުގެ ސިފައިން ހުރަސް އަޅަމުންދާ ކަމަށް އެގައުމުގެ މީޑިއާތަކުން ދަނީ ރިޕޯޓް ކުރަމުން.

07:22

ޣައްޒާ ސިޓީގައި އިންސާނީ އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލި މައްސަލަ މިނިވަން ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ.

07:21

ޔަމަނުގައި ތިބި ހޫތީންގެ ހަ މޮބައިލް އެންޓިޝިޕް ކްރޫޒް މިސައިލަށް "ސެލްފް ޑިފެންސް" ދެ ހަމަލާއެއް ދީފައިވާ ކަމަށާއި އެއީ "ރަތް ކަނޑުގެ ސަރަހައްދަށް ފޮނުވަން ތައްޔާރަށް އޮތް" މިސައިލެއް ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފި.

އަދި އަމިއްލަ ދިފާއުގައި ދެކުނު ރަތް ކަނޑުގެ މަތިން ހޫތީން ނެތް އޭރިއަލް ވެހިކަލެއް (ޔޫއޭވީ) ވައްޓާލާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވޭ.

07:21

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ މެދުތެރޭގައި ހުންނަ ބުރެއިޖް ރެފިއުޖީ ކޭމްޕްގެ ގެއަކަށް ބޮން ގޮއްވާލައި ހަތަރު މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފި

އަލްގާރިނަވީ އާއިލާގެ ގެއަކަށް ދިން ހަމަލާގައި އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށް އަލްޖަޒީރާ އަރަބިކް އިން ބުނޭ.

07:20

ޣައްޒާ ސިޓީގައި ކާބޯތަކެތީގެ އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ 100 އަށް ވުރެ ގިނަ އާންމުން އިސްރާއީލުން ޝަހީދުކޮށްލުމާ ގުޅިގެން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި.

07:19

ޣައްޒާގެ އުތުރުގައި ހިނގަމުންދާ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަޤްވާމީ ގޮތުން މިހާރު ކުރިމަތިވާނެ ބޮޑެތި ޕްރެޝަރުތައް އިސްރާއީލުން ވަރަށް ސާފުކޮށް ޤަބޫލު ކުރާ ކަމަށް އަލްޖަޒީރާއިން ބުނެފި.

އިސްރާއީލުގެ މީޑިއާތަކުން ދަނީ އަސްކަރިއްޔާއިން ދައްކާ ވާހަކަތައް ރިޕޯޓްކުރަމުން ކަމަށާއި މިކަމުގެ ސަބަބުން އިސްރާއީލަށް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި އިތުރު ލުއިތަކެއް ދިނުމަށް ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެދާނެކަމަށް ގަބޫލު ކުރެވޭ ކަަމަށްވެސް ބުނެފައިވޭ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބެންޖަމިން ނަތަންޔާހޫ ބުނީ އާންމުގޮތެއްގައި ބައިނަލްއަގްވާމީ ގޮތުން ވަރަށް ބޮޑު ޕްރެޝަރެއްގެ ތެރެއަށް ގޮސްފައިވީނަމަވެސް، ޣައްޒާގައި އިސްރާއީލުން މަގްސަދުތައް ހާސިލްކޮށްގެން ނޫނީ ހަނގުރާމަ ހުއްޓައެއް ނުލާނެ ކަމަށް.

07:16

ޣައްޒާގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގެ އުޅަނދެއް ފޮނުވުމަށާއި އިސްރާއީލުގެ ހަމަލާތަކާއި ސަޕްލައިއަށް ހުރަސްއެޅުމުގެ ސަބަބުން ސިއްހީ ހިދުމަތްތައް ފުނޑުފުނޑުވުމުގެ އައްސޭރިއަށް ގޮސްފައިވާ ކަމަށް މެޑިކަލް ގްރޫޕްތަކުން ބުނަމުންދާތީ އެމެރިކާގެ ސެނެޓަރުން ކަމަށްވާ ޖެކް ރީޑް އާއި އަންގަސް ކިންގް ބައިޑަންގެ ސަރުކާރަށް ސިޓީއެއް ފޮނުއްވައިފި.

07:15

ޣައްޒާގެ އުތުރުގައި ކާބޯތަކެތީގެ އެހީގެ ގާފިލާއެއްގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ ބަޔަކަށް އިސްރާއީލުން ދިން ހަމަލާ ފަރަންސޭސި ޚާރިޖީ ވުޒާރާއިން ކުށްވެރިކޮށްފި.

"ކާބޯތަކެތި ހޯދަން މަސައްކަތް ކުރާ އާންމުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ދިން ހަމަލާއަކީ ބޭއިންސާފު ހާދިސާއެއް،"

އެ ވުޒާރާއިން ބުނީ މި ހިތާމަވެރި ހާދިސާ ހިނގާފައި ވަނީ ބަނޑުހައިހޫނުކަމާއި ބަލިތަކުގެ ޝިކާރައަކަށްވެފައިވާ ފަލަސްތީނުގެ އާންމުންގެ އަދަދު އިތުރުވަމުންދާ އަދި ކެތް ނުކުރެވޭ ވަރުގެ ދަނޑިވަޅެއްގައި ކަމަށް.

07:14

ޣައްޒާގެ އުތުރުގައި ކާބޯތަކެތީގެ އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދިން ހަމަލާ ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯސޭ މެނުއަލް އަލްބަރޭސް ކުށްވެރިކުރައްވައިފި.

07:13

ކާބޯތަކެތީގެ ބާވަތްތަކުން މީހުން މަހްރޫމްކުރުމަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ވަރަށް ބޮޑަށް ހިލާފު ކަމެއް ކަމަށް އީޔޫގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވެއްޖެ.

"މި މަރުތަކަކީ މުޅިން ބަލައިގަނެވޭނެ މަރުތަކެއް ނޫން... އެއްވެސް ހުރަހެއް ނެތި ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ،" އެކްސްގައި އޭނާ ލިޔުއްވާފައިވޭ.

ފަލަސްތީނުގެ މުޅި ޣައްޒާގައި ބަނޑުހައިހޫނުކަން ވަނީ ފެތުރިފައެވެ. އެހީ ހިފައިގެން އެ ސަރަހައްދުތަކަށް އުޅަނދުތައް ދަނީ ކައިރިވަމުންނެވެ. އެހެން ނަމަވެސް އެހީ ބަލާ އެއްވާ މީހުންނަށް އަމާޒުކޮށް ފާއިތުވި ދުވަސްތަކުގައި އިސްރާއީލު ސިފައިން ދަނީ ހަމަލާ ދެމުންނެވެ.

މިިގޮތުން ޣައްޒާ ސިޓީގެ ހުޅަނގުދެކުނުގައި އެހީގެ ޓްރަކު ތަކުގެ އިންތިޒާރުގައި އެއްވެފައި ތިބި އެތައް ސަތޭކަ ބައެއްގެ ތެރެއަށް އިސްރާއީލުގެ ސިފައިން ހަމަލާދީ 100 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާ ބޮޑު ގަތުލު އާންމެއް އިއްޔެ ވަނީ ހިންގާފައެވެ.

އިސްރާއީލުން ދިން ހަމަލާގައި މިހާތަނަށް 150 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ޓީވީން ވަނީ ބުނެފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 700 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށްވެސް ވަނީ ރިޕޯޓު ކޮށްފައެވެ.

މި ލައިވް ބްލޮގްގައި ގެނެސް ދޭނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތާއި އެ ހަނގުރާމައާ ގުޅޭ މައުލޫމާތުތަކެވެ.