ފަލަސްތީނުގެ ޣައްޒާގެ އެތައް ހާސް ބަޔަކު ހިޔާވަހިކަން ހޯދަމުންދާ ރަފަހްއިން އެކަނި 30 މީހަކު ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ޑޮކްޓަރުން ބުނާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ސިފައިން ރަފަހުގައި 30 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

"ރަފަހްގައި ބޮން ގޮއްވާލާ ކޮންމެ ފަހަރަކު ޓޭންކްތައް އަންނާނެ ކަމުގެ ބިރު އެބައޮތް. ފާއިތުވި 24 ގަޑިއިރަކީ ރަފަހްއަށް ބަދަލުވި ފަހުން އެންމެ ގޯސް އެއް ދުވަސް،" ހަތް ކުދިންގެ ބައްޕަ އަބޫ ޚާލިދު ބުންޏެވެ.

"ރަފާހުގައި އަހަރެމެން ދިރިއުޅެނީ ބިރުވެރިކަމެއްގެ ތެރޭގައި، ބަނޑުހައިވެފައި، ގެދޮރު ނެތް، އަޅުގަނޑުމެންގެ މުސްތަގުބަލު ނޭނގޭ. ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް މަންޒަރެއް ނުފެނުމުން، އަހަރުމެން ޝަހީދުވެ،ދާނެ،" ރޮއިޓާސް ނިއުސް އެޖެންސީއަށް އޭނާ ބުނެފައިވެއެވެ.

މީގެ ކުރިން ރަފަހުގައި ޓެންޓްތަކަށް އިސްރާއީލު ސިފައިން ހަމަލާދީ ގިނަބަޔަކު ޝަހީދުކޮށްލާފައި ވެއެވެ.

ނިރުބަވެރި އިސްލާއީލުން ފަލަސްތީނުގެ ޣައްޒާގެ ރަފަހްގައި ވައިގެ ހަމަލާތައް އިތުރުވުމުގެ ސަބަބުން އިންސާނީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ފަލަސްތީން ރެފިއުޖީންނަށް ހާއްސަ އދ. ގެ އެޖެންސީން (ޔޫއެންއާރްޑަބްލިއުއޭ) އިން ވަނީ ބުނެފައެވެ. އެ ޖަމިއްޔާއިން މިގޮތަށް ބުނެފައިވާއިރު، އެ ސަަރަހައްދަކީވެސް މިހާރުވެސް އެތައް ހާސްބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ.

އެ ސަަރަހައްދުގެ އެކި ހިސާބުތައް މިހާރުވެސް ހަަމަލާތައް ބަދަލު ކުރަމުންދާއިރު، ބިރުވެރިކަން އޮތީ އިންތިހާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަވާލް

    ތިވަރަށް ފަލަސްޠީނުގެ ޢާންމު ރައްޔިޔުން ޝަހީދު ކުރަމުން ދާއިރު އިސްރާއީލު ސިފައިންނަށް ހަމާސް ޖަމާޢަތުގެ މުޖާހިދަކު އަތެއް ނުވޭ. މިމީހުންގެ އަތުގައި ހުރި ހުރިހާ ބާރެއް ބޭނުންކޮށްފި. މުޖާހިދުންގެ މައްޗަކަށް ކާމިޔާބެއް ނުހޯދުނު.