މެދު އިރުމަތީގެ މަސްރަހު ގޯސްވުމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު އެނބުރި ވައިޓް ހައުސް އަށް ވަޑައިގެންފިއެވެ.

ބައިޑެން މިހާރު ގެންދަވަނީ ދެވަނަ ދައުރަކަށް އެމެރިކާގެ ރައީސް ކަމުގެ މަޤާމަށް އައްޔަނުވުމަށް މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކެމެޕޭނުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ. އެ ގޮތުން އެންމެ ފަހުން ބައިޑެން ހުންނެވީ ކެމްޕޭނު ދަތުރުފުޅެއްގައި އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޑެލެވެއަރ ގައެވެ.

ނަމަވެސް އިރާނުން އިސްރާއީލަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު މެދުއިރުމަތީގައި ބޮޑުވަމުންދިޔުމާއި އެކު، ރައީސް ބައިޑެން ވަނީ ކެމްޕޭން ދަތުރު ކުރުކޮށްލުމަށްފަހު އެމެރިކާގެ ވެރި ރަށް ވޮޝިންޓަނަށް އެނބުރި ވަޑައިގެންފައެވެ. އަދި އެމެރިކާގެ އަސްކަރީ އިސް އޮފިޝަލުންނާއި އެކީ ބައިޑެން ވަރަށް މުހިއްމު ބައްދަލުވުން ތަކެއް ބާއްވަވާނެ ކަމަށް ވެސް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ވަނީ ބުނެފައެވެ.

އިރާނުން ދީފާނެ ހަމަލާއަކުން އިސްރާއީލާއި މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ރައްކާތެރި ކުރުމަށް އެމެރިކާ އިން ވަނީ ރަތް ކަނޑަށް އެ ގައުމުގެ ވަރުގަދަ ޒަމާނީ އަސްކަރީ ޓެކްނޮލޮޖީ ހިމެނޭ މަނަވަރުތައްވެސް ފޮނުވާފައެވެ.

އެމެރިކާ އިން ވަނީ އިސްރާއީލަށް ހަމަލާދިނުމަކީ އިރާނަށް ހެދޭނެ ގޯހެއް ކަމަށް ބުނެ އިރާނަށް ވަރުގަދަ އިންޒާރެއް ވެސް ދީފައެވެ. އަދި އިރާނުގެ ހަމަލާތަކުން އިސްރާއީލް ދިފާއުކޮށްދޭނެ ކަމަށް ވެސް އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެެވެ

މި މަހުގެ 1 ވަނަ ދުވަހު ސީރިއާގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ހަމަލާދީ އިރާނުގެ އަސްކަރިއްޔާގެ ވަރުގަދަ ރިވޮލިއުޝަނަރީ ގާޑްސްގެ ބައެއް ސިފައިންނާއި އިސް ކޮމާންޑަރެއް ވަނީ މަރާލާފައެވެ. އިރާނުން ވަނީ މި ހަމަލާގެ ބަދަލު އިސްރާއީލްގެ ފަރާތުން ވަރަށް ހިތިކޮށް ހިފާނެ ކަމަށް ވައުދުވެފައެވެ.