އިންޑިއާގެ ފެކްޓްރީއެއްގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި އެއް ކްރޯޑް ރުޕީސްގެ މުދާ އަނދައި އަޅިއަަށް ވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަލިފާން ރޯވި އިރު ފެކްޓްރީގައި 10 މަސައްކަތްތެރިން ތިއްބެވެ. އެހެން ނަމަވެސް އެ މީހުން ވަނީ ކޮންމެވެސް ގޮތަކުން އެ އިމާރާތުން ސަލާމަތްވެގެން ނުކުމެފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ މީހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އަލިފާން ރޭ އުނާ ޑިސްޓްރިކްޓްގެ މެހަތުޕޫރުގެ ސިނާއީ ސަރަހައްދުގައި ހުންނަ އަނީޝް ޕްލާސްޓިކް އެންޑް އަޔަން ފެކްޓްރީގައި ކަމަށެވެ.

އޮފިޝަލުން ވިދާޅުވީ ފެކްޓްރީގެ ވެރިޔާ އަނީޝްގެ ފަރާތުން ލިބުނު މައުލޫމާތަކާ ގުޅިގެން 12 ފަޔަރ ޓެންޑަރެއް އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެެރިވި ކަމަަށެވެ.

ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރުވުނުއިރު، އެއް ކްރޯޑް ރުޕީސްގެ މުދާ ވަނީ އަނދާ އަޅިއަަށް ވެފައެވެ.

އަލިފާން ގަނޑު ބޮޑުކަމުން މުދާ ހުރި އިމާރާތް ވެއްޓުނު ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އުނާ ޑިސްޓްރިކްޓްގެ ޑެޕިއުޓީ ކޮމިޝަނަރު ޖަޓިން ލާލް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ލިބުނު ގެއްލުންތައް ދެނެގަތުމަށް އެ ޑިޕާޓްމަންޓަށް އަންގާފައިވާ ކަމަށެވެ.

އަދި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ލާލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގުއިރޯޑު

    އެދެން މާ ބޮޑު އެއްޗެއްތަ ފެކްޓަރީއެއް އަނދާއިރު އަމުދުން އެވަރު ބޮޑު ގައުމެއްގެ. ދިވެހި ރުފިޔާއިން 2 މިލިއަން ވެސް ނުވާނެ ތޮއްޗެ. މިތާ ބަނދަރަކު ގަލްފު ކުރާފްޓު ލޯންޗެއް އެނދިއަސް އެވަރުވާނެ. ޑުރާމާ ބަލާވަރުން މިކުދިންނަށް ހީވަނީ ކުރޯޑު ކުރޯޑު ކިޔާ ވަރުން ވަރަށް ބޮޑުހެން.