އެމެރިކާގެ ބަލްޓިމޯ ބްރިޖުގައި ކޮންޓެއިނަރު ބޯޓަކުން ޖެހި ބްރިޖު ވެއްޓުނު މައްސަލައިގައި ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އިން ޖިނާއީ ތަހުގީގެއް ފަށައިފިއެވެ.

ބޯޓު އެކްސިޑެންޓްވެފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ފްރާންސިސް ސްކޮޓް ކީ ބްރިޖުގައި ޖެހިގެންނެވެ. މުދާ އުފުލާ އެ ބޯޓު ބްރިޖަށް އެރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު އެވެ. އެއާއެކު ބްރިޖު ވެއްޓި ބައެއް މީހުން މަރުވެފައިވެއެވެ.

އެމެރިކާގެ އެފްބީއައިއިން މިދިޔަ މަހު ބެލްޓިމޯރު ބްރިޖެއް ވެއްޓުނު މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފައި ވަނީ ބްރިޖުގައި ޖެހުނު ކޮންޓެއިނާ ބޯޓު ދުއްވަން ތިބި މީހުން ބޯޓުގައި މައްސަލައެއް އުޅޭކަން އެނގި ތިބެ ފަރުވާކުޑަކުރިތޯ ބެލުމަށެވެ.

އެފްބީއައިގެ ތަހުގީގަށް ނަން ހާމަނުކުރުމަށް އެދި މައުލޫމާތު ދިން ފަރާތަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީން ބުނީ މި އިންކުއަރީގައި މައިގަނޑު ގޮތެއްގައި ބަލާނީ ބޯޓު ވެއްޓުނު ހާދިސާއާއި ފެޑެރަލް ހުރިހާ ގާނޫނަކަށް ތަބާވިތޯ ކަމަށެވެ.
ވޮޝިންޓަން ޕޯސްޓުން ވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި މި ތަހުގީގަށް "ބޯޓުގެ ސިސްޓަމްތަކުގެ ސީރިއަސް މައްސަލަތަކެއް ހުރިކަން އެނގުމުން ފަޅުވެރިން ނުކުމެގެން ދިޔައީތޯ ބަލާނެ" ކަމަށް ވެސް އެމެރިކާގެ ދެ އޮފިޝަލަކު ވިދާޅުވިއެވެ.

އެފްބީއައިގެ ތަރުޖަމާނަކު ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ބޯޓު ބަލައިފާސްކުރަން އެރީ ބްރިޖު ވެއްޓުނު ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކަމަށެވެ.

އެކްސިޑެންޓް ހިނގި އިރު ބްރިޖުގައި މަސައްކަތް ކުރަމުން ދިޔަ ހަ މީހަކު ވަނީ މަރުވެފައެވެ. ޑައިވަރުން ވަނީ އެ ހަ މީހުންގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑު ހޯދާފައެވެ.

ބްރިޖުގައި ޖެހުމަށްފަހު ބޯޓުގައި އަލިފާން ރޯވެ، ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށާއި، ބްްރިޖު ވެއްޓުނު އިރު ބްރިިޖު މަތިން ދަތުރު ކުރަމުން ދިޔަ ގިނަ އުޅަނދުތަކެއްވެސް މޫދަށް ވެއްޓިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު