22:08

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން އަދިވެސް ދަނީ ޣައްޒާ އަށް އިންސާނީ އެހީ ވެއްދުމަށް ހުރަސް އަޅަމުން ކަމަށް އދ އިން ބުނެފި

22:01

އީރާނުގެ ސަފީރު ހާޒިރުކޮށް ކޮންޓެއިނަރު އުޅަނދު ކަމަށްވާ އެމްއެސްސީ އެރީޒް ދޫކޮށްލުމަށް ގޮވާލައި އިސްރާއީލަށް ދިން ހަމަލާ ޕޯޗުގަލްގެ ޚާރިޖީ ވުޒާރާއިން ކުށްވެރިކޮށްފި

21:59

ދާދި ފަހުން އިސްރާއީލު ސިފައިން ހިފަހައްޓާފައިވާ މިނިވަންކޮށްފައިވާ ފަލަސްތީނުގެ ގިނަ އަދަދެއްގެ މީހުންގެ ބިރުވެރި ހެކިބަސް އަޑުއެހުމަށްފަހު ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކަށާއި ބައިނަލްއަގުވާމީ މުޖުތަމައުއަށް "ފިޔަވަޅު އެޅުމަށް" ގޮވާލައިފި.

21:06

ހިޒްބުﷲގެ ކޮމާންޑަރެއް ކަމަށްވާ އިސްމާއިލް ޔޫސުފް ބާޒް ޝަހީދުކޮށްލީ ލުބުނާނުގެ ދެކުނުގައި އޮންނަ އައިން ބާލް އަވަށަށް ދިން ވައިގެ ހަމަލާއެއްގައި ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

އަސްކަރިއްޔާއިން ބުނީ ބާޒް އަކީ ހިޒްބުﷲގެ އަސްކަރީ ގޮފީގެ އިސް އަދި ތަޖުރިބާކާރު އޮފިޝަލެއް ކަމަށް.

 

21:05

އަލްމަޣާޒީއަށް ދިން ހަމަލާއެއްގައި 11 ކުއްޖަކު ޝަހީދުވެ ހަށިގަނޑުތައް ފަޅަފަޅައިގެން ގޮސްފި

އެ ސަރަހައްދަށް ޑްރޯން އަކުން ވަނީ ބައެއް މީހުންގެ ގަޔަށް މިސައިލް ހަމަލާދީފައި. ފަހުން އެ ސަރަހައްދުގައި ތިބި މަންޒަރު ދުށް މީހެއްގެ ފަރާތުން އަލްޖަޒީރާއަށް އެނގުނު ގޮތުގައި މިއީ ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ކޭމްޕް ކައިރީގައި ބަހައްޓާފައި ހުރި ކުޅިވަރު ކުޅޭ ތަނެއްގައި ތިބި ކުޑަކުދިންތަކެއް.

20:26

ޣައްޒާގެ ޚާން ޔޫނިސްގެ ސުކޫލުތަކުން ނުގޮވާ ހުރި ބޮޑެތި ބޮންތަކެއް ފެނިއްޖެ

20:09

މެދުއިރުމަތީގެ ޤައުމުތަކަށް އިތުރު ހަމަނުޖެހުންތަކެއް ކުރިމަތިނުކުރެވޭނެތީ، ހަމަނުޖެހުންތައް ނައްތާލުމަކީ އެންމެންވެސް އިސްކަންދޭންޖެހޭ ކަމެއް ކަމަށް ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްހާން އަލް ސަޢުދު ވިދާޅުވެއްޖެ.

އަދި ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލެއްވި ގޮވާލުން ވެސް އޭނާ ވަނީ ތަކުރާރުކުރައްވާފައި

"ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކަކީ މުޅިން ވެސް އެކަށީގެންވާ މަސައްކަތެއް ނޫން،"

 

 

20:06

އެމެރިކާގެ ކޮންގްރެސް އިން މިއަދު ޚަރަދުކުރުމުގެ ގިނަ ބިލްތަކެއް ނެރޭނެ ކަމަށާއި އޭގެ ތެރޭގައި ރަޝިޔާ އާއި އީރާނާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މައިކް ޖޯންސަން ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެ.

20:05

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އަށް ދިން ހަމަލާގެ ހެކިވެރިންނާއި އަނިޔާ ލިބުނު މީހުންނާ ވާހަކަ ދެއްކުމަށް އިސްރާއީލުން އދގެ އިންވެސްޓިގޭޓަރުންނަށް ހުރަސް އަޅަމުންދާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

 

20:02

ފާއިތުވި ގަޑިއިރެއްހާއިރުގެ ތެރޭގައި، ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކާއި، މެދު ސަރަޙައްދުތަކުގައި، މިހާރަށްވުރެ ހަރަކާތްތެރި އަސްކަރީ ހަރަކާތްތައް ފެނިފައިވާ ކަމަށް އަލްޖީރާއިން ރިޕޯޓްކޮށްފި

މިގޮތުން ރަފަހްގައި ސަވައިލަންސް ޑްރޯން މޫވްމަންޓްތައް ވަރަށް ސާފުކޮށް އިވޭ ކަަމަށް ބުނެފައިވާއިރު، އެއީ ފަހުން ހަމަލާތައް ދީފާނެ ކަމުގެ ނިޝާނަކަށް ވެދާނެ ކަމަށްވެސް ބުނެފައިވޭ.

19:40

މިދިޔަ ހަފްތާ ބަންދުގައި މުޅި ދުނިޔެ ސިއްސުވާލި އިރާނުން އިސްރާއީލަށް ދިން ހަމަލާ ހުއްޓުވަން ސައުދީ އަރަބިއްޔާ އާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން އެ ގައުމުތަކުގެ ވައިގެ ސަރަހައްދު އެމެރިކާ އަށް ނުދޭކަން ހާމަވެއްޖެ

18:39

ޣައްޒާގެ "ހަރުދަނާ ސިއްޙީ ނިޒާމާއި" އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އިސްރާއީލުން ހަލާކުކޮށްލާފައިވާ ކަމަށާއި އާބާދީއަށް "ބަނޑުހައިހޫނުކަމާއި، ނިއުޓްރިޝަން އަދި ގައިންގަޔަށް އަރާ ބަލިތައް ފެތުރުން" ކުރިމަތިވެފައިވާ ކަމަށް އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ (އައިއާރުސީ) އާއި އެ ޖަމާއަތުގެ ބައިވެރިން ނެރުނު ބަޔާނެއްގައި އިންޒާރު ދީފި.

ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން އާއި ޖޯންސް ހޮޕްކިންސް ސެންޓަރ ފޯ ހިއުމެނިޓޭރިއަން ހެލްތުން ކޮށްފައިވާ ޕްރޮޖެކްޝަންތަކުން ދައްކާ ގޮތުގައި ވަގުތުން ހަނގުރާމަ ހުއްޓާލި ނަމަވެސް ޣައްޒާގައި ބަލީގެ ސަބަބުން ގާތްގަނޑަކަށް 12،000 މީހުން ދުނިޔެ ދޫކުރާނެ.

18:37

ފަލަސްތީނުގެ ޣައްޒާގައި ނިރުބަވެރި އިސްރާއީލުން ހިންގަމުންދާ ގަތުލު އާންމުގައި ކޮންމެ 10 މިނެޓަކުން ކުއްޖަކު ޝަހީދުކޮށްލާ ނުވަތަ ޒަހަމްވާ ކަަމަށް ޔުނިސެފުން ބުނެފި.

18:09

އިޒްރޭލުގެ އަސްކަރިއްޔާއިން ޑްރޯން ހަމަލާއެއް ލުބުނާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ ޓަޔަރު ކައިރީގައި އޮންނަ އައިން ބާލް އަށް ދީފި.

މެޑިކަލް އޮފިޝަލުން ބުނާ ގޮތުގައި މި ހަމަލާގައި ލުބްނާންގައި އެކަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް.

17:55

ލުބުނާނުން ދިން ހަމަލާތަކުގެ ޑްރޯންތައް އިސްރާއީލުގެ އުތުރުގެ ސަރަހައްދަށް އަރައިފި.

"މީގެ ކުޑައިރުކޮޅެއް ކުރިން ލުބުނާނުގެ ސަރަހައްދު ހުރަސްކޮށް އިސްރާއީލް ސަރަހައްދާ ދިމާލަށް ދެ އެކްސްޕްލޯސިވް ޑްރޯން ބެއިޓް ހިލޭލްގެ ސަރަހައްދުގައި ގޮއްވާލި. މި ހާދިސާ ދަނީ ތަހުގީގު ކުރަމުން" އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވޭ.

ނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

 

17:31

އީރާނަށް ވައިގެ މަގުން އިސްރާއީލަށް ދިން ހަމަލާއަށް ފަހު އެމެރިކާއިން އީރާނާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ނިއުސް ސައިޓް އެކްސިއޯސް އިން ބުނެފި.

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ޖެނެޓް ޔެލެން މި ފިޔަވަޅުތައް އިއުލާނު ކުރާނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ސްޕްރިންގް ބައްދަލުވުންތައް ވޮޝިންޓަން ޑީސީގައި ފެށުމުގެ ޕްރެސް ކޮންފަރެންސްގައި ކަމަށް ސެކްރެޓަރީގެ ވާހަކަތަކުގެ އެޑްވާންސް ކޮޕީއަކާ ހަވާލާދީ އެ ބަޔާނުގައިވޭ.

17:30

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން 2023 ވަނަ އަހަރުގެ ފަހު ތިން މަސް ދުވަހުގެ ތެރޭގައި އިގްތިސާދީ ކުރިއެރުމަށް ކުރިން ހީކުރި ވަރަށް ވުރެ ބޮޑު އަސަރެއް ކުރި ކަމަށް ރިޕޯޓްތަކުން ދައްކައިފި.

ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ ތިން ވަނަ ކުއާޓާއާ އަޅާބަލާއިރު ހަތަރު ވަނަ ކުއާޓަރުގައި އިގްތިސާދު އަހަރަކު 21.0 ޕަސެންޓް ދަށަށް ގޮސްފައި ކަމަށް. އަދި ޕްރިލިމިނަރީ އަންދާޒާ 19.4 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މިދިޔަ މަހު ވަނީ 20.7 އިންސައްތަ ދަށަށް ގޮސްފައި.

 

16:42

އީޒީޖެޓުން އިސްރާއީލަށް ކުރާ ދަތުރުތައް އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހާ ހަމައަށް މެދުކަނޑާލައިފި.

އިނގިރޭސި ވިލާތުގެ އަގުހެޔޮ އެއާލައިންގެ ތަރުޖަމާނަކު ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލަށް މިހާރު ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ހޫނު މޫސުމުގެ ބާކީ އޮތް ދުވަސްތަކުގައި އީޒީޖެޓުން ތެލްއަވީވްއަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށް.

 

16:41

އޭޕްރީލް މަހުން ފެށިގެން ޣައްޒާއަށް އެތެރެވާ އެހީގެ އަދަދު އާދަޔާ ހިލާފަށް ކަމަށާއި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 181 ޓްރަކް އެންކްލޭވްއަށް ފޯރާ ކަމަށް އދ.ގެ އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ) އިން ނެރުނު އެންމެ ފަހުގެ ސިޗުއޭޝަން އަޕްޑޭޓްގައި ބުނެފި.

ޔޫއެންއާރުޑަބްލިއުއޭ އިން ބުނީ މި ވޮލިއުމަކީ ޣައްޒާގެ އޯޕަން ބޯޑަރު ކްރޮސިންގެ އޮޕަރޭޝަނަލް ކެޕޭސިޓީއަށް ވުރެ މާ ދަށް މިންވަރެއް ކަމަށާއި ދުވާލެއްގެ މައްޗަށް 500 އެހީގެ ޓްރަކް އެތެރެކުރުމަށް އިސްރާައީލަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްނުވެވޭ ކަމަށް.

ބަނޑުހައިހޫނުކަމުގެ މައްސަލަ އެންމެ ބޮޑަށް ފެތުރެމުންދާ ޣައްޒާގެ އުތުރުގެ ސަރަހައްދަށް އެހީ ގެނައުން ވަރަށް ބޮޑަށް ހީނަރުވެފައިވާއިރު، ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ޔޫއެންއާރުޑަބްލިއުއޭއަށް އެ ސަރަހައްދަށް ނުދެވި ހުރި ކަމަށް އެ އެޖެންސީން ބުނޭ.

ޔޫއެންއާރުޑަބްލިއުއޭ އިން ބުނީ ޑިސެމްބަރު މަހުން ފެށިގެން މުޅި ޣައްޒާގައި "ކާބޯތަކެތީގެ ނުރައްކާތެރިކަން" 80 ޕަސެންޓް އިތުރުވެފައިވާ ކަމަށް.

16:38

އިސްރާއީލުން އީރާންގެ ކޮންސިއުލޭޓަށް ދިން ނުރައްކާތެރި ޙަމަލާތަކުގެ ޒިންމާ އުފުލަންޖެހޭ އިސްރާއީލުގެ ސިފައިންނާއި މަދަނީ އޮފިޝަލުން ނަކީ 1971 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ކައުންޓަރ ޓެރަރިޒަމް މުއާހަދާގެ ދަށުން "ޖަރީމާތައް ހިންގާފައިވާ" ބައެއް ކަމަށް އދ.ގެ ޤާނޫނީ މާހިރުން ވިދާޅުވެއްޖެ.

 

16:36

ޣައްޒާގެ މެދުތެރޭގެ ނުސީރަތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގައި އިތުރު ތިން މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ވަފާ އިން ރިޕޯޓްކޮށްފި.

އިސްރާއީލުން އެތައް ދުވަހެއް ވަންދެން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުން އަންނަ ނުސީރަތު ކޭމްޕުގައި ނުވަތަ ކައިރީގައި ޒަހަމްވި މީހުން ދީރް އަލް-ބާލާހްގެ އަލް-އަޤްޞާ ހޮސްޕިޓަލަށް ވަންނަމުންދާ ކަމަށް މީގެ ކުރިން ރިޕޯޓްކޮށްފައިވޭ.

15:46

ޣައްޒާގެ މި ވަގުތު ހުރި މަދު ހޮސްޕިޓަލް ތަކުން ކަރަންޓް ދިއުމުގެ ބިރު ވަރަށް ބޮޑު ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފި.

ޣައްޒާގެ ހޮސްޕިޓަލް ތަކަށް ކަރަންޓްދޭ ގިނަ ޖަނަރޭޓަރ ތަކެއް ހަލާކުވެފައިވާ ކަމަށާއި ވަރަށް އަވަހަށް ޣައްޒާ އަށް އައު ޖަނަރޭޓަރާއި ޓުރާންސްފޯމަރު ތަކެއް ބޭނުންވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ.

އަދި އަވަސް މުސްތަޤްބަލެއް ގައި ޖަނަރޭޓަރާއި ޓްރާންސްފޯމަރ ތައް ނުލިބިއްޖެ ނަމަ ޣައްޒާގެ ނާޒުކު ސިއްހޫ ނިޒާމު އެއްކޮށް ފުޑުފުޑުވެގެން ގޮސް އެތައް ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބަ އޮތް ކަމަށް ވެސް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފަ.

15:42

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދެންމެ ފަލަސްތީނުގެ ޣައްޒާގެ ނުސެއިރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ 3 މީހުން ޝަހީދުކޮށްލައިފި. މި ހަމަލާގައި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވޭ.

15:02

ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގި ހާއްސަ ރެއިޑްތަކެއްގައި ހަމާސް ޖަމާއަތުގެ ގިނަ އަދަދެއްގެ މުޖާހިދުން ޝަހީދުކޮށްލާފައިވާނެ ކަމަށް ޔަހޫދީންގެ އަސްކަރިއްޔާ އިން ބުނެފި.

14:43

ޔަހޫދީންގެ ނުބައި ނުލަފާ އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން އިތުރު ޣައްޒާގައި ހުންނަ މިސްކިތަކަށް ދިން ހަމަލާ އެއްގައި ފަލަސްތީނުގެ އެކަކު ޝަހީދުވެ 11 މީހުން ޒަހަމްވެއްޖެ. ޔަހޫދީން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި ހުރި 600 އެއްހާ މިސްކިތް ހަލާކުކޮށްލާފަ.

14:39

މިދިޔަ ހަފްތާ ބަންދުގައި މުޅި ދުނިޔެ ސިއްސުވާލި އިރާނުން އިސްރާއީލަށް ދިން ހަމަލާ ހުއްޓުވަން ސައޫދީ އަރަބިއްޔާ އާއި އެކުވެރި އަރަބި އިމާރާތް ( ޔޫ އޭ އީ) އިން އެ ގައުމުތަކުގެ ވައިގެ ސަރަހައްދު އެމެރިކާ އަށް ނުދޭކަން ހާމަވެއްޖެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސައޫދީ އަރަބިއްޔާ އަދި އެކުވެރި އަރަބި އިމާރާތުން ވެސް ވަނީ އެމެރިކާ އަށް އިރާނު ހަމަލާގެ ޖާސޫސީ މައުލޫމާތު ފޯރުކޮށްދީފަ.

އަދި މި ޖާސޫސީ މައުލޫމާތުތައް ވީ އިރާނުގެ ވަރުގަދަ މިސައިލްގެ ވާރޭ ހުއްޓުވުމަށް އެމެރިކާ އަށް ވަރަށް ބޭނުންތެރި މައުލޫމާތު ތަކަކަށް. ނަމަވެސް އިރާނުގެ ހަމަލާ ހުއްޓުވުމަށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެމެރިކާ އިން އެދުމުން އެ ދެ ގައުމުން ވެސް ވަނީ އެކަމަށް ދެކޮޅު ހަދާފަ.

14:02

އިރާނުން އިސްރާއީލަށް ދިން ހަމަލާގެ ރައްދު ހަމަލާ އިސްރާއީލުން ދޭނެ ކަމަށާއި ނަމަވެސް އެއީ ސީދާ އިރާނަށް ހަމަލާދީގެން ނޫން ކަމަށް އެމެރިކާގެ މީޑިއާ ތަކުން ބުނެފި.

އިރާނުގެ ކިބައިން ބަދަލްހިފުމަށް އިސްރާއީލުން ހަމަލާދިނުން އެކަށީގެންވަނީ އިރާނުގެ ބޭރުގައި ހުރި ތަންތަނަށް. އެގޮތުން ގައުމުން ބޭރުގައިވާ އިރާނުގެ ބައެއް އަސްކަރީ މަރުކަޒުތަކަށް ނުވަތަ އިރާނަށް ވަފާތެރި ކޮންމެ ވެސް ހަނގުރާމަމަތީ ޖަމާއަތަަކަށް އިސްރާއީލުން ވަރަށް ވަރުގަދަ އަށް ހަމަލާދިނުން އެކަށީގެންވާ ކަމަށް މި ރިޕޯޓް ބުނޭ. އިރާނަށް ވަފާތެރި ޖަމާއަތަކަށް އިސްރާއީލާއި އެންމެ ކައިރީގައި އޮންނަނީ ލުބުނާން ގައި ހަރަކާތްތެރިވާ ހިޒްބުއްﷲ ޖަމާއަތް ކަން ފާހަގަކޮށްލެވޭ. އަނެއްކާ ވެސް މެދުއިރުމަތީގައި އިސްރާއީލާއި ހިޒްބުﷲ ގެ ހަމަނުޖެހުންތަކެއް ފެށުން ވަރަށް ގާތް.

13:30

ފަލަސްތީނަށް ތާއީދުކޮށް، އެމެރިކާގައި މުޒާހަރާ ކުރާ މީހުން މުހިންމު ބްރިޖުތަކާއި ހައިވޭތައް ބްލޮކް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި. މުޒާހަރާ ކުރާ މީހުން ދަނީ ކެލިފޯނިއާ ނިއުޔޯކް ފަދަ ސިޓީތަކުގެ ދަތުރުފަތުރަށް ވެސް ހުރަސް އަޅަމުން.

13:27

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ޣައްޒާގެ މެދުތެރޭގައި ހަމާސްގެ މުޖާހިދުންނާ ކުރިމަތިލައި ބައެއް މީހުން ޝަހީދުކޮށްލާފައިވާ ކަމަށް. އިސްރާއީލުން ބުނި ގޮތުގައި މަތިންދާ ބޯޓުތަކުން ދިން ހަމަލާގައި ބިންގަރާސްތަކާއި އަސްކަރީ ކޮމްޕައުންޑުތަކަށް ހަމަލާދީ އެ ތަންތަން ހަލާކުކޮށްލާފައިވާނެ ކަމަށް.

12:49

އިރާނަށް ހަރުކަށި މާލީ ދަތި ކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޔަހޫދީ އިސްރާއީލްގެ ހާރިޖީ ވަޒީރު އިސްރައެލް ކަޓްޒްސް ބުނެފި.

އޭނާ ބުނެފައިވަނީ މިއަދު ހެނދުނު 32 ގައުމެއްގެ ވެރިންނަށް އޭނާ ވާނީ އިރާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެދި ރަސްމީ ސިޓީއެއް ފޮނުވާފަ ކަމަށް.

އިރާނުގެ މިސައިލް ޕުރޮގްރާމަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އިރާނުގެ އަސްކަރިއްޔާގެ އިސްލާމިކް ރިވިލިއުޝިނަރީ ގާޑްސް އަކީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށް ވެސް ޔަހޫދީ ހާރިޖީ ވަޒީރު ވަނީ ބުނެފަ.

12:26

މެދުތެރޭ ޣައްޒާގައި ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފާއިތުވި ދެ ދުވަހު ކުރިއަށް ގެންދިޔަ ރެއިޑް ތަކުގައި ހަމާސް ޖަމާއަތުގެ ވަރަށް ގިނަ މުޖާހިދުން ޝަހީދުކޮށްލާފައިވާނެ ކަމަށް ޔަހޫދީންގެ އަސްކަރިއްޔާ އިން ބުނެފި.

އަދި މި ރެއިޑް ގައި ހަމާސް ޖަމާއަތުގެ އަސްކަރީ މަރުކަޒުތަކާއި ބިންގަރާސްތަކެއް ވެސް މުޅިން ހަލާކުކޮށްލާފައިވާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނޭ.

12:02

ފަލަސްތީނަށް ތާއީދުކޮށް އެމެރިކާގައި ކުރަމުންދާ މުޒާހަރާތައް ހޫނު ވެއްޖެ.

މުޒާހަރާގެ ބައިވެރިން ވަނީ އެމެރިކާގެ އެންމެ ބާރުބޮޑު އެއަރޕޯޓް ތަކަށްދާ ބޮޑެތި މަގުތައް ބައްދު ކޮށްފަ. މި ގޮތުން ކެލިފޯނިއާ ، ނިއުޔޯކް އަދި އިލިނޮއިސް ގެ މުހިއްމު މަގުތައް ހިމެނޭ.

މުޒާހަރާގެ ބައިވެރިން ބަންދުކުރި މަގުތަކުގެ ތެރޭގައި މަޝްހޫރު ގޯލްޑެން ގޭޓް ބުރިޖާއި ބުރޫކްލިން ބުރިޖްގެ އިތުރުން ވެސްޓް ކޯސްޓް ހައިވޭ ހިމެނޭ.

11:28

ފަލަސްތީނުގެ ޣައްޒާގެ ރަފާހްގެ ހުޅަނގުގެ ސަރަހައްދަށް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ 4 މީހުން ޝަހީދުވެއްޖެ. ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީ އިން މައުލޫމާތުދޭ.

11:22

އދ ގެ އިންސާނީ ހައްޤުތައް ރައްކާތެރި ކުރާ ޖަމާއަތް ތަކުގެ ވެރިން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާދިނުމުގައި އާޓިފިޝަލް އިންޓެލިގެންސް ބޭނުން ކުރުން ކުށްވެރި ކޮށްފި. އެބޭފުޅުން ވަނީ މިއީ އަނިޔާވެރި އަމަލެއް ކަމަށާއި މިކަން ހުއްޓާލުމަށް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އަށް ގޮވާލާފަ.

 

11:20

ޣައްޒާގެ އިރުމަތިން ބޯޑަރު ކައިރީގައި ހުރި %90 އިމާރާތްތައް ހަލާކުކޮށްލާފައިވާ ކަމަށް އދ. އިން ހާމަކޮށްފި.

11:04

އިރާނަށް ރައްދު ހަމަލާ ދޭނެ ކަމަށް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާގެ ވެރިޔާ ހަރްޒީ ހަލޭވީ ބުނެފި.

10:31

އިރާނުން އިސްރާއީލަށް ހަމަލާ ދިނުމުގެ ކުރިން އެމެރިކާގެ ހަނގުރާމަ މަތީ ފުލައިޓުތަކާއި ޖެޓުތައް މެދުއިރުމައްޗަށް ފޮނުވާނެ ކަމަށް އެމެރިކާއިން ބުނެފި.

10:25

އިރާނަށް ރައްދު ހަމަލާދޭނެ ކަމަށް ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ ވެރިޔާ ހަރްޒީ ހަވެލި ބުނެފި.

" އިސްރާއީލާއި ދިމާލަށް މިހާ ގިނަ މިސައިލާއި، ކުރޫސް މިސައިލާއި އަދި ޑުރޯން ތައް ފޮނުވާލުމަކީ އަހަރެމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން. މިއީ ސީދާ ހަނގުރާމަ އިއުލާން ކުރުން. އަހަރެމެން ވެސް މި ކަމަށް ރައްދު ދޭނަން" އިސްރާއީލްގެ އަސްކަރިއްޔާގެ ވެރިޔާ ހާރްޒީ ހަލެވީ މީޑިއާ ތަކާއި ވާހަކަދައްކަމުން ބުނި.

އިސްރާއީލްގެ އަސްކަރިއްޔާގެ ވެރިޔާ އިރާނަށް ހަމަލާދޭނެ ކަމަށް ބުނި ނަމަވެސް ހަމަލާދޭނެ ވަގުތެއް އަދި ހަމަލާގެ އެހެން އެއްވެސް ތަފްސީލެއް ދީފައެއް ނުވޭ.

ފަރެންސޭސިވިލާތް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތާއި އދ އިން ވެސް ވަނީ އިރާނަށް ހަމަލާ ނުދިނުމަށް އިސްރާއީލަށް ގޮވާލާފަ.

އިރާނުން އިސްރާއީލަށް ހަމަލާދީފައިވަނީ ސީރިއާގެ ވެރި ރަށް ދިމިޝްޤް ގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ހަމަލާގައި އިރާނުގެ އަސްކަރިއްޔާގެ އެންމެ ވަރުގަދަ ޔުނިޓް އިސްލާމިކް ރިވިލިއުޝަނަރީ ގާޑްސްގެ ބައެއް ސިފައިންނާއި އިސް ކޮމާންޑަރެއް މަރުވި ހާދިސާ އާއި ގުޅިގެން

އިރާނުން އިސްރާއީލަށް ފޮނުވާލި ގިނަ މިސައިލާއި ޑުރޯންތަކެއް ވަނީ އިސްރާއީލަށް ފޯރުމުގެ ކުރިން ވެސް އެމެރިކާ، އިނގިރޭސިވިލާތް އަދި އުރުދުން އިން ވައްޓާލާފަ.

09:33

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިން ދިން ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ޣައްޒާގައި އެ ގައުމުގެ ރައްޔިތުން ދަނޑުވެރިކަން ކުރަމުން އަންނަ ތިންބައިކުޅަ އެއްބައި ބިން ހަލާކުކޮށްލާފައިވާ ކަމަށް އދ. އިން ހާމަކޮށްފި.

09:23

އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގި ރެއިޑްތަކުގައި ފަލަސްތީނުގެ 12 މީހަކު މިއަދު ހެނދުނު ހައްޔަރުކޮށްފި. އެގޮތުން ޖެނިން އިން ޒުވާން ފަސް ފިރިހެނުން، ހެބްރޫން އިން އެކަކު، ހަބްލާ އިން ޒުވާން ފަސް ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ވަފާ އިން ބުނޭ.

09:20

ޣައްޒާގެ ދަނޑުވެރިކަން ކުރާ ތިން ބައިކުޅަ އެއް ބައި ބިން ހަލާކުކޮށްލާފައިވާ ކަމަށް އދ. ގެ ސެޓަލައިޓް ފޮޓޯތަކުން ދައްކައިފި.

09:18

އދ. ގެ އިންސާނީ ހައްގުތަކާ ގުޅޭ އެޖެންސީއަކުން ބުނެފައިވާ ގޮތުގައި ޣައްޒާގެ އުތުރުގައި ހުންނަ ބޭކަރީ ހުޅުވަން ބެލިއިރު، ލިބިފައި ވަނީ ވަރަށް މަދު އަދަދެއްގެ ތެޔޮ ކަމަށް. އަދި އެކަމުގެ ސަބަބުން ބޭކަރީ ހިންގޭނީ އެންމެ ހަތަރު ދުވަހަށް ކަމަށް ބުނެފައިވޭ.

ޣައްޒާގެ ސިޓީގައި ބޭކަރީއެއް ހިންގާ ވެރިފަރާތުން ބުނެފައިވަނީ ބޭކަރީތައް ހުޅުވަން ފެށުމަކީ ޣައްޒާ އަށް ދިރުމެއް ލިބޭނެ ކަމެއް ކަމަށް.

ޣައްޒާގެ އުތުރުގައި މިވަގުތު އެއްވެސް ބޭކަރީއެއް ހިންގަމުން ނުދާތާ އެތައް މަހެއް ވެއްޖެ. އެއީ އިސްރާއީލުން ކަރަންޓާއި ފެނާއި ފުށާއި ތެޔޮ ފަދަ ވަސީލަތްތައް ދިނުމަށް ހުރަސް އަޅައި، ބޭކަރީތަކަށް ހަމަލާދީފައިވާތީ.

09:13

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރައީލްގެ ރައްޔިތުންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފަލަސްތީނުގެ ދެ ރައްޔިތަކު ޝަހީދުކޮށްލައިފި. މިދިޔަ ހުކުރު ދުވަހު ވެސް ފަލަސްތީނުގެ ހަތަރު ރައްޔިތަކު ވަނީ ޝަހީދުކޮށްލާފައި.

05:41

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 33،797 އަށް އަރައިފި.

 

05:38

އީރާނާއި ހަނގުރާމަ ނުކުރުމަށާއި ނިރުބަވެރިން ޣައްޒާގައި ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ގޮވާލާއި ލޮސް އެންޖެލަސް ގައި ކުރިއަށް ގެންދިޔަ މުޒާހަރާ

04:56

މިއަދު ހިނގާދިޔަ ކަންކަމަށް ނަޒަރެއް:

  • ފަލަސްތީނުގެ ޑޮކްޓަރުން ބުނެފައިވަނީ އިސްރާއީލް ސިފައިން ވަށާލާފައިވ،ާ ޣައްޒާ ސިޓީގެ އަލް-ޝިފާ ހޮސްޕިޓަލް ކައިރިން ޝަހީދުކޮށްލާފައިވާ މީހުންގެ ގަބުރުސްތާނެއް ފެނިފައިވާ ކަމަށް. މިހާތަނަށް 10 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ.
  • އިސްރާއީލް އަސްކަރިއްޔާގެ ވެރިޔާ ބުނެފައިވަނީ އިރާނުން ދިން ހަމަލާއަށް ޖަވާބެއް ދޭނެ ކަމަށް.
  • އިސްރާއީލުން ހުޅަނގު އައްސޭރީގެ ނަބްލުސްގެ އިރުދެކުނުން އޮންނަ އަޤްރަބާގައި ދިން ހަމަލާއެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނޭ.
  • ޣައްޒާގެ އުތުރަށް ފަލަސްތީނުގެ މީހުން ދާން ފެށުމާއި އެކީ، އެސަރަހައްދަށް ނުދިއުމަށް އިސްރާއީލުން އިންޒާރު ދީފި.

 

04:22

އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ވިދާޅުވީ އިޒްރޭލުން އިތުރު ގޯހެއް ހަދައިފިނަމަ 12 ދުވަސް، 1 ދުވަސް ނުވަތަ ގަޑިއިރެއް ނޯންނާނެ ކަމަށާއި، ދެން ހަމަލާތައް ފޮނުވާލީ ސިކުންތުކޮޅެއްގެ ތެރޭގައި ކަމަށް.

04:17

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގެ ހުޅަނގުގެ ގެއަކަށް ދިން ހަމަލާގައި ބައެއް މީހުންނަށް ޒަހަމްވެއްޖެ.

04:16

އިސްރާއީލުން އީރާނަށް ހަމަލާދޭއިރު، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އދގެ ނިއުކްލިއާ ކަންތަކާއި ހަވާލުވެގެން ހުންނަވާ ބޭފުޅާ ބުނެފި.

04:13

އީރާނުން އިސްރާއީލަށް ހަމަލާދިން ވަގުތު އުރުދުންއިން އިސްރާއީލުގެ އަސްކަރީ ޖެޓްތަކަށް އެމީހުންގެ ވައިގެ ސަރަހައްދު ބޭނުން ކުރަން ދިން ކަމަށް ރިޕޯޓްތަކުން ބުނެފި.

04:12

އިސްރާއީލުގެ ހަމަލާތަކާއި ގުޅިގެން ޣައްޒާގެ ބެއިތް ހަނޫން ސަރަހައްދުގައި މުއާސަލާތީ ހުރިހާ ހިދުމަތެއް ކެނޑިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

04:11

ފަލަސްތީނުގެ ދިފާއުގައި ނިއުޔޯކުގައި ކުރިއަށް ގެންދިޔަ މުޒާހަރާ

04:10

ފަލަސްތީނުގެ ރައްޔިތުން އެނބުރި ގައުމަށް ދާނެ ކަމަށާއި އެގައުމުގައި އެމީހުންގެ ގެތައް އަޅާނެ ކަމަށާއި އެމީހުންގެ ހައްގުތައް އެހެން ބަޔަކަށް ނުދޭނެ ކަމަށް އެގައުމުން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހުސާމް ޒަމްލުތް ބުނެފި.

03:34

އީރާނަށް ހަމަލާދޭ ކޮންމެ ބަޔަކަށް ބަދަލު ވަރުގަދަ ހަމަލާދޭނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފި.

 

03:24

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ބެއިތް ހަނޫންގެ ސްކޫލްތައް ވަށާފައި، އެތަންތަނުގައި ބޯހިޔާވަހިކަން ހޯދަމުން ދިޔަ ގެދޮރު ގެއްލިފައިވާ އާއިލާގެ މީހުންގެ ގަޔަށް ބަޑި ޖަހަން ފަށައިފި.

 

03:16

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވިސްނުމެއް ނެތި ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނަން ޕޯޗުގަލް އޮތީ ތައްޔާރަށް ނޫން ކަމަށް އެގައުމުގެ ބޮޑުވަޒީރު ލުއިސް މޮންޓެނީގްރޯ ބުނެފި.

03:14

ޣައްޒާގެ ހޮސްޕިޓަލް ކައިރިން ފެނުނު ގަބުރުސްތާނުން މިހާތަނަށް 10 މީހެއްގެ ހަށިގަނޑު ހޯދިފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ބުނެފި.

03:04

އީރާނުން އިސްރާއީލަށް ފޮނުވާލި ހަމަލާ ހުއްޓުވަން ސައުދީ އަރަބިއްޔާއިން އިސްރާއީލަށް އެހީވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރަން ފަށައިފި.

03:03

ނިރުބަވެރި އިސްރާއީލުން އަހަރެއް ވަންދެން ހައްޔަރު ކޮށްގެން ގެންގުޅުނު އުމުރުން 36 އަހަރުގެ ޝާދީ ޣުނެއިމް ނަމަކަށް ކިޔާ މީހަކު މިއަދު ދޫކޮށްލައިފި.

03:01

އިސްރާއީލުން ހަމަލާދީފިނަމަ، މީގެ ކުރިން ދުވަހަކު ވެސް ބޭނުން ނުކުރާ ހަތިޔާރެއް އެގައުމާއި ދެކޮޅަށް ބޭނުން ކުރާނެ ކަމަށް އީރާނުން ބުނެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

02:52

ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން ލުބުނާނަށް ހަމަލާދީފި

 

02:43

އީރާނުން އިސްރާއީލަށް ދިން ހަމަލާއާއި ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު، ރިޝީ ސުނަކް ދެއްކި ވާހަކައަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ރައްދު ދެއްވައިފި.

 

02:07

އެމެރިކާއިން މަސައްކަތް ކުރަމުން ދަނީ ބައިނަލްއަގްވާމީ ގޮތުން އީރާން އިތުރަށް އެކަހެރިކޮށް އިގްތިސާދީ އަދި އެހެނިހެން ބާވަތްތަކުގެ ޕްރެޝަރު އިތުރުކުރުމަށް ކަމަށް ވައިޓްހައުސްގެ ތަރުޖަމާނު ބުނެފި.

01:49

އީރާނުން އޮތީ ތައްޔާރަށް ކަމަށާއި އިސްރާއީލުން ހަމަލާދިނުމަށް ފުރަތަމަ އަސްކަރީ ބޯޓު ފުރާ ވަގުތު، މިސައިލް ފޮނުވާނެ ކަމަށް އީރާނުގެ އޮފިޝަލަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފި.

01:45

އީރާނުން ހަމަލާދިން ވައިގެ އަސްކަރީ މަރުކަޒަށް އިސްރާއީލުގެ ޑިފެންސް ޗީފް ގޮއްސި، އެސަރަހައްދު ބެލުމަށްފަހު އޭނާ ވަނީ ބަދަލު ހިފާނެ ކަމަށް ބުނެފަ.

01:43

ހުޅަނގު އައްސޭރީގެ މަސަފަރ ޔައްޓާގައި އޮތް ކާރެއްގައި ނިރުބަވެރި އިސްރާއީލުން ރޯކޮށްލައިފި.

01:41

އިއްޔެ އެކަނި ޣައްޒާއަށް 237 އެހީގެ ޓްރަކް ވައްދާފައިވާ ކަމަށް އިސްރާއީލުން ބުނެފި.

01:40

ދެކުނު ލުބުނާނުގައި ހިޒްބުޛ އިން ބޭނުން ކުރަމުން އައި އިމާރާތަކަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް އިސްރާއީލުން ބުނެފި.

01:40

ސުންނާފަތި ވެފައިވާ މަޣާޒީ ރެފިއުޖީ ކޭމްޕުގައި ހުރި ގެތަކަށް ފަލަސްތީނުގެ މީހުން އައުން

01:39

ކޮންމެ ފަދަ ހާލަތެއް މެދުވެރިވި ނަމަވެސް އިސްރާއީލް ރައްކާތެރި ކުރުމަށް އެޅެން އޮތް ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ޕެންޓަގަން އާއި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ބުނެފި.

01:38

ޣައްޒާ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދިޔަ ބަލި މީހުންގެ ގަބުރުސްތާނެއް އެމީހުން ފަރުވާ ހޯދަމުން ދިޔަ ހޮސްޕިޓަލުގެ ކައިރިން ފެނިއްޖެ.

 

01:12

އީރާނުން އިސްރާއީލަށް ދިން ހަމަލާއަކީ ނާކާމިޔާބީއެއް ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓްހައުސްއިން ބުނެފި

 

00:48

އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓުން ނިންމައިފި.

 

************************

ދުުނިޔޭގެ ހުރިހާ ގައުމެއްގެ މީހުން ވެސް މިހާރު ދައްކަމުން އަންނަނީ އެންމެ ވާހަކައެކެވެ. އީރާނުން އިސްރާއީލަށް ދިން ހަމަލާއާއި ގުޅިގެން އިސްރާއީލުން އީރާނަށް ހަމަލާއެއް ދީފާނެތޯއެވެ. އެފަދަ ހަމަލާއެއް ދީފިނަމަ، ދެ ގައުމުގެ މުސްތަގުބަލު އޮތީ ކިހިނެތްތޯއެވެ.

އީރާނުން އިސްރާއީލަށް ހަމަލާތަކެއް ދީފައިވަނީ ސީރިއާގެ ވެރިރަށް، ދިމިޝްގައި ހުންނަ އީރާނުގެ ކޮންސުލޭޓަށް ނިރުބަވެރިން ހަމަލާދީ، އެގައުމުގެ އިސް ބައެއް މީހުން ޝަހީދު ކޮށްލުމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. މިކަމުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ 300 ޑްރޯން އާއި މިސައިލް ހަމަލާ ފޮނުވާލާފައެވެ.

ނަމަވެސް މިހުރިހާ މިސައިލާއި ޑްރޯންތަކެއް އިސްރާއީލަކަށް ފޯރާފައެއް ނުވެއެވެ. އެއީ އިސްރާއީލަށް ތާއިދު ކުރާ އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި އުރުދުންއިން މިސައިލްތަކާއި ޑްރޯންތައް ހުއްޓުވުމުންނެވެ.

އީރާނުގެ މި ހަމަލާއާއި ގުޅިގެން މިހާރު މީޑިއާގައި ދެކެވެމުން އަންނަ ވާހަކަ އަކީ ވެސް އިސްރާއީލުން އީރާނަށް ހަމަލާއެއް ދީފާނެތޯއެވެ. އިސްރާއީލުގެ ހަނގުރާންމަތީ ކެބިނެޓުން އެގޮތަށް ބޭނުންވާ ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް، އެމެރިކާއިން ވަނީ އެކަން ނުކުރުމަށް އަންގާފައެވެ. އެހެން ކަމުން ދެން އިސްރާއީލަށް އޮތީ ކޮން ގޮތެއްތޯއެވެ. އަމިއްލަ އެދުން ބޮޑުވެ އިސްރާއީލަށް ހަމަލާދީނުންތޯ ނުވަތަ އެމެރިކާގެ ބަސް އަހައިގެން ހަމަލާއެއް ނުދީ ތިބުންތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ. އިސްރާއީލުން ހަދާނެ ގޮތެއް އަދި ނޭނގެއެވެ.

އެނގޭހާ ވެސް އެއްޗަކީ އިސްރާއީލުން އީރާނަށް ހަމަލާދީފިނަމަ، އީރާނުން މަޑުން ނުތިބޭނެ ކަމެވެ. ކުރިން ދުވަހު ދިން ހަމަލާއަށްވުރެ ވަރުގަދަ ހަމަލާއެއް އީރާނުން ދޭނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަކުނިބޯ

    ޢިޒްރޭލުން ހަމަލާދޭނީ ބުރާސްފަތިދުވަހުގެރޭ އެއީ ހުކުރުދުވަހު ހަމަލާދޭހިތް ވަރަށްވާނެ އެވެރިން