އިރާނުން އިސްރާއީލަށް ހަމަލާ ދިނުމުގެ ކުރިން އެމެރިކާގެ ހަނގުރާމަ މަތީ ފުލައިޓުތަކާއި ޖެޓުތައް މެދުއިރުމައްޗަށް ފޮނުވާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ޕެންޓަގަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރެސް ސެކްރަޓަރީ މޭޖަރ ޖެނެރަލް ޕެޓް ރައިޑަރ ވިދާޅުވީ ހަފްތާ ބަންދުގެ ކުރިން މެދުއިރުމައްޗަށް އިތުރު ފައިޓާ ޖެޓްތަކާއި ނޭވީ ޝިޕްތައް ފޮނުވާނެ ކަމަށާއި އެތަކެތި ބޭނުންކޮށްގެން އިރާނުން ފޮނުވާ ހަމަލާތައް ހުއްޓުވޭނެ ކަމަށެވެ. އެހެންނަމަވެސް އިރާނާއި ދެކޮޅަށް ހަމަލާ ފޮނުވަން ނިންމާނީ އިސްރާއީލުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ހަމައެއާއެކު އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ އެމެރިކާގެ ބާރުތައް ހިމާޔަތްކުރަން މަސައްކަތް ކުރާނެ ކަމަށާއި އިސްރާއީލުގެ ދިފާއުގައި ތިބޭނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. މި ހަމަލާތަކާއި ގުޅިގެން އިސްރާއީލާއެކު މަޝްވަރާތައް ކުރިޔަށް ގެންދާ ކަމަށް ރައިޑަރ ވަނީ ވިދާޅުވެފައެވެ.

އިރާނުން އިސްރާއީލަށް ފޮނުވި ޑްރޯން ހަމަލާތަކާއި މިސައިލްތައް ކަނޑުމަތިން ހުއްޓުވަން ނޭވީގެ ޑިސްޓްރޯޔަރެއް ކަމަށްވާ ޔޫއެސްއެސް ކާނީ އާއި ޔޫއެސްއެސް އާލީބާކް ވަނީ ބޭނުންކޮށްފައެވެ.

އެމެރިކާއިން ދެކޭ ގޮތުގައި އިރާނުން ދިނީ ލަދުވެތި އަދި ނާކާމިޔާބު ހަމަލާތަކެކެވެ. އިރާނުން އިތުރު ހަމަލާ ފޮނުވިޔަސް އިސްރާއީލުގެ ދިފާއުގައި އެމެރިކާގެ އަސްކަރީ ބާރުތައް ބޭނުން ކުރާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އިރާނާއި ދެކޮޅަށް ހަނގުރާމަ ނުކުރުމަށް ދުނިޔޭގެ ލީޑަރުން ދަނީ އިސްރާއީލަށް ލަފާދެމުންނެވެ. ނަމަވެސް އިސްރާއީލުގެ އަސްކަރީ ވެރިޔާ ވަނީ ރައްދު ހަމަލާ ދޭނެކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އިރާނުން ބުނަނީ އެމީހުންނަށް ހަމަލާދޭ ބައެއްގެ އަތް ކަނޑާލާ ރައްދު ހަމަލާތައް ވަރުގަދަވެފައި ނުރައްކާ ވާނެ ކަމަށެވެ. އިސްރާއީލުން އިރާނާއި ދެކޮޅަށް ނުކުންނަން ވިސްނީ އެއީ އިސްރާއީލުގެ ހަލާކު ކަމަށްވެސް އިރާނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު