ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އާއި ލުބުނާންގައި ހަރަކާތްތެރިވަމުންދާ ހިޒްބުﷲ ޖަމާއަތާއި ދެމެދު ވަރުގަދަ ހަނގުރާމަ އެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެފައި ވަނިކޮށް މަސްލަހަތު ފިނި ކުރަން ފަރަންސޭސިވިލާތުގެ ހާރިޖީ ވަޒީރު ލުބުނާނަށް ގޮސްފިއެވެ.

ޣައްޒާގައި ބޮޑު ހަނގުރާމަ އެއް މިވަގުތު ނުކުރެވޭނަމަ ދެކުނު ލުބުނާން ސަރަހައްދުގައި މިހާރު ހަނގުރާމައެއް ކުރެވެމުންދާ ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި، އެހާ ވެސް ގިނައިން ބޯޑަރު ސަރަހައްދުގައި ދެ ފަރާތުން ހަމަލާތައް ބަދަލުކުރަމުންދާ ކަމަށް ފަރަންސޭސިވިލާތުގެ ހާރިޖީ ވަޒީރު ސްޓެފާނޭ ސެޖޯން ވަނީ ބުނެފައެވެ.

" އަހަރެންނަށް އެބަ ފެނޭ މިތަނުގެ ހާލަތު. އަހަރެން މިތަނުން ފެނުނު މަންޒަރުތައް އަހަރެންގެ ވެރިންނަށާއި ލުބުނާންގެ ކަމާބެހޭ ފަރާތްތަކަށް ކިޔައިދޭނަން. އަދި ހަމަލާތައް ހުއްޓާލައި، މަސްލަހަތު ފިނި ކުރަން ކުރެވެން ހުރި ކަމެއް އަހަރެމެން ކުރާނަން. އަދި މި ސަރަހައްދުގައި އިތުރު ހަނގުރާމައެއް ފެށުނު ނުދިނުމަށް އަހަރެމެން އެންމެން މަސައްކަތް ކުރާނަން." ދެކުނު ލުބުނާންގައި ހަރަކާތްތެރިވާ އދ ގެ ސުލްހަ ބަލަހައްޓާ ފައުޖާއި ބައްދަލުކޮށް ދެއްކި ވާހަކައިގައި ފަރަންސޭސި ހާރިޖީ ވަޒީރު ބުނެފައި ވެއެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާދޭން ފެށުމާއި އެކު ލުބުނާންގެ ދެކުނު ސަރަހައްދުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ވަނީ އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ހަމަލާދޭން ފަށާފައެވެ. އަދި އޭގެ ފަހުން ކޮންމެ ދުވަހަކު ހެން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އާއި ލުބުނާންގެ ހިޒްބުﷲ ޖަމާއަތާއި ދެމެދު ދަނީ ބޯޑަރު ސަރަހައްދުގައި ހަމަލާތައް ބަދަލު ކުރަމުންނެވެ.

މި ހަމަލާތައް ސަރަހައްދީ ބޮޑު ހަމަނުޖެހުމަކަށް ވެގެން ގޮސް އަނިޔާވެރި ހަނގުރާމަ އެއް ފެށިދާނެ ކަމުގެ އިންޒާރު އަސްކަރީ ކަންކަން ދިރާސާ ކުރައްވާ ބޭފުޅުން ވަނީ ދެއްވާފައެވެ. ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތާއި ޔަހޫދީ އަސްކަރިއްޔާ އާއި ދެމެދު މީގެ ކުރިން ވެސް ވަނީ ބޮޑު ހަނގުރާމަ އެއް ކޮށްފައެވެ.