އިރާނުން އިސްރާއިލަށް ދިން ވަރުގަދަ ހަމަލާގެ ރައްދުގައި އިސްރާއީލުން އިރާނަށް ހަމަލާނުދިނުމަށް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން އިސްރާއީލަށް ގޮވާލައިފިއެވެ.

އިރާނުން ވަނީ ސީރިއާގެ ވެރި އަށް ދިމިޝްޤުގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓަށް އިސްރާއީލުން ހަމަލާދީ އިރާނުގެ އަސްކަރިއްޔާގެ އެންމެ ވަރުގަދަ ޔުނިޓް ރިވޮލިއުޝަނަރީ ގާޑްސްގެ ބައެއް ސިފައިންނާއި އިސް ކޮމާންޑަރަކު މަރާލި ހާދިސާގެ ބަދަލުހިފުމަށް އިސްރާއީލަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެކްރޮން ވަނީ އިރާނުގެ މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. އަދި މެދުއިރުމަތީގެ ސުލްހަ އާއި ހަމަޖެހުމަށްޓަކައި އިސްރާއީލުން ރައްދު ހަމަލާ ނުދިނުމަށް މެކްރޮން ވަނީ އިސްރާއީލުގެ ސަރުކާރުގެ ވެރިންނަށް ގޮވާލައްވާފައެވެ.

ފަރަންސޭސިވިލާތުގެ މީޑިއާ އާއި ވާހަކަދައްކަވަމުން ރައީސް މެކްރޮން ވިދާޅުވެފައިވަނީ މެދުއިރުމަތީގެ ހަމަޖެހުން ދަމަހައްޓަން ފަރަންސޭސިވިލާތުން ކުރެވެން އޮތް ކަމެއް ކުރަމުންދާ ކަމަށާއި އެމަނިކުފާނު ވާނީ ރައްދު ހަމަލާއެއް ނުދިނުމަށް އިސްރާއީލްގެ ވެރިންނަށް ގޮވާލައްވާފައި ކަމަށެވެ.

ފަރަންސޭސިވިލާތުން އިސްރާއީލްގެ ދިފާއުގައި އަބަދުވެސް އޮންނާނެ ކަމަށް މެކްރޮން ވިދާޅުވިއެވެ. އަދި މެދުއިރުމަތީގެ މަޝްރަހާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި މިއަދު ވާހަކަދައްކާނެ ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ކެމަރޮން ވެސް ވަނީ އިސްރާއީލުން އިރާނަށް ރައްދު ހަމަލާ ނުދިނުމަށް ގޮވާލައްވާފައެވެ. އަދި މިހާރު ބޮޑަށް އިސްކަންދޭންވީ ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ސުލްހަވެރި އެއްބަސްވުމަކަށް އާދެވޭތޯ ކަމަށް ވެސް ކެމަރޮން ވަނީ ވިދާޅުވެފައެވެ.

" އިސްރާއީލުގެ ނަޒަރުން ވިސްނަންޏާ އިރާނުން ހަމަލާދިން ގޮތަށް އިސްރާއީލަށް ވެސް ރައްދުގައި ހަމަލާދިނުމުގެ ހައްޤު ލިބިގެންވޭ. ނަމަވެސް އަހަރެމެން މި އެދެނީ އިސްރާއީލުން ރައްދު ހަމަލާއެއް ނުދިނުމަށް. މަސްލަހަތު އިތުރަށް ގޯސް ކޮށްގެން އެއްވެސް ގައުމަކަށް ފައިދާ އެއް ނުވާނެ. މިހާރު ބޮޑަށް ފޯކަސް ކުރަންވީ ފަލަސްތީނުގެ ޣައްޒާގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް." ސުކައި ނިއުސް އަށް ދެއްވި އިންޓަވިއު އެއްގައި އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ކެމަރޮން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަލާމް

    އޭ ބަލިކަށި ނާތަހުޒީބް އިސްރާއީލްއެވެ . ކަލޭގެ ދޮންބައްޕައިންގެ (އިނގިރޭސިވަލާތް އަދި ފުރާންސު ގެ) އަޑު އަހާށެވެ. ނަމަނަމަ އީރާން އަށް ހަމަލާ ނުދޭށެވެ. އޭރުން ނަތީޖާ ވަރަށް ހިތިވާނެއެވެ. އެދުވަހަކުން ކަލޭމެންނަށް ވަފާތެރިކަމަށް ހެދިގެން އުޅޭ އެމެރިކާ އަދި ހުޅަނގެއް ވެސް ކަލޭއަަށް އެހީތެރިވާކަށް ނޯންނާނެ އެވެ.

    0
    1
  2. ބަދުރޭ

    " އިސްރާއީލުގެ ނަޒަރުން ވިސްނަންޏާ އިރާނުން ހަމަލާދިން ގޮތަށް އިސްރާއީލަށް ވެސް ރައްދުގައި ހަމަލާދިނުމުގެ ހައްޤު ލިބިގެންވޭ. ކޮން ހައްގެއް. އެމީހުންނަކީ، އެއްވެސް ހައްގެއް އޮތް ބައެއް ކަމަކަށް އަހަރުމެން ޤަބޫލެއް ނުކުރަން. އެމީހުން ނަކީ މީހުންގެ ހައްގުތަކަށް އަރާ ބައެއް. މީހުންގެ ބިންތައް ފޭރިގަނެގެން އުޅޭ ބައެއް. ފަލަސްތީނު މީހުންގެ ގެދޮރު ފޭރިގަނެގެން އުޅޭ ބައެއް. މެކްރޮން ކަލޭމެން ކަހަލަ ދެފުށް ދެގޮތް ބައިގަނޑު ތައް ދައްކާ ވާހަކަތަށް އަހަރުމެން އަޑެއް ނާހާނަން.