ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ އަސްކަރީ ބޮޑު މަރުކަޒެއް އެއްކޮށް ސުންނާފަތި ކޮށްލެވިއްޖެ ކަމަށް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފިއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔަހޫދީ އަސްކަރިއްޔާގެ މި ވަރުގަދަ ހަމަލާތައް އަމާޒުކޮށްފައި ވާނީ ލުބުނާންގެ ދެކުނުގެ އައިތާ އައް ޝާބް ސަރަހައްދަށް ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި ހިޒްބުﷲގެ އަސްކަރީ މަރުކަޒަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

މިއަދު ހަމަލާދިން ސަރަހައްދުގައި ހުރި އަސްކަރީ މަރުކަޒަކުން ވަނީ އިސްރާއީލުގެ އުތުރުގައިވާ ހާރް ޑޯވް ސަރަހައްދާ ދިމާލަށް ކުރިން ދެ ރޮކެޓް ހަމަލާ ފޮނުވާލައިފައި ކަމަށް ވެސް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތާއި ދެކޮޅަށް ފަލަސްތީނުގެ ޣައްޒާގައި ދަނީ ވަރަށް އަނިޔާވެރި އުދުވާނީ ހަމަލާތަކެއް ދެމުންނެވެ.

މި ހަމަލާތަކާއި އެކީ ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ވެސް ވަނީ ޔަހޫދީ އިސްރާއީލުގެ އުތުރުގެ ސަރަހައްދު ތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި ކޮންމެ ދުވަހަކު ހެން ޔަހޫދީ އިސްރާއީލުގެ ސިފައިންނާއި ހިޒްބުﷲ ޖަމާއަތުގެ މުޖާހިދުން ދަނީ ބޯޑަރު ސަރަހައްދުގައި ހަމަލާތައް ބަދަލު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަތަންޔާހޫ

    ބަފަލޯވެސް މިނިކާވަގަށް ހަމަލާދޭ އަދި މަދު ފަހަރަކު މިނިކާވަގަށް ބޮޑަތި އަނިޔާތަކެއްވެސްލިބޭ، އެހެންނަމަވެސް ހަގީގަތަކީ މިނިކާވަގުންގެ ޝިކާރަޔަކަށް އަބަދުވެސް ބަފަލޯވާކަން އަދި ސަލާމަތެއްވެސްނުވެވޭކަން!