ލުބުނާނާއި އިސްރާއީލުގެ ސަރަހައްދީ އިމުގައި ހަމަލާތައް ބަދަލުކުރަމުން ދާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފައިވަނީ ހިޒްބުﷲ ޖަމާއަތުގެ ބާރުގެ ދަށުގައިވާ ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކުން އިސްރާއީލަށް އަމާޒުކޮށް 4 ހަމަލާ ފޮނުވާލާފައިވާ ކަމަށެވެ. ޔަހޫދީންގެ އަސްކަރިއްޔާ އިން ބުނެފައިވަނީ ހިޒްބުﷲ ގެ ރޮކެޓްތައް އަމާޒުވެފައިވަނީ އިސްރާއީލްގެ ޝެބާ ދަނޑުބިންތަކުގެ ކައިރީގައިވާ ހާރް ޑޯވް އަށް ކަމަށެވެ. މީގެ އިތުރުން އިސްރާއީލްގެ އަރަބް އަލް ޝަބާ ސަރަހައްދަށް ވެސް ހިޒްބުﷲ އިން ހަމަލާތައް ދީފައިވާ ކަމަށް ޔަހޫދީންގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

ޝެބާ ދަނޑުބިންތަކަކީ 1967 ވަނަ އަހަރުގެ ކުރިން ލުބުނާންގެ ބައެކެވެ. ނަމަވެސް 1967 ވަނަ އަހަރު އިސްރާއީލާއި އަރަބި ގައުމުތަކާއި ދެމެދު ކުރެވުނު 6 ދުވަހުގެ ހަނގުރާމައިގައި އިސްރާއީލަށް ކާމިޔާބުލިބި އެ ދަނޑުބިންތައް އިސްރާއީލުން ވަނީ އެ ގައުމުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފައިވަނީ ދެކުނު ލުބުނާނުގެ އާލްމާ އަލް ޝެއިބް ސަރަހައްދުގައި ހުރި ހިޒްބުﷲ ޖަމާއަތުގެ އަސްކަރީ އަމާޒުތަކަށް އިސްރާއީލްގެ ވައިގެ ސިފައިން ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އަދި އެ ހަމަލާތަކުގައި ހިޒްބުﷲ ޖަމާއަތުގެ އަސްކަރީ މަރުކަޒުތައް މުޅިން ހަލާކު ކޮށްލާފައިވާނެ ކަމަށް ވެސް ޔަހޫދީންގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ލުބުނާންގެ ހިޒްބުﷲ ޖަމާއަތުން ދަނީ ބޯޑަރު ސަރަހައްދުގައި އިސްރާއީލުގެ އަމާޒުތަކަށް ހަމަލާ ދެމުންނެވެ.