ސްރީލަންކާގައި މަރުވާ މީހުންގެ ނިސްބަތް އުފަންވާ ރޭޓަށްވުރެ މަތިވެއްޖެއެވެ.

އެ ގައުމުގެ ރެޖިސްޓްރާ ޖެނެރަލްގެ ޑިޕާޓްމަންޓުގެ އެންމެ ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި އަހަރަކު އުފަންވާ ރޭޓާއި މަރުވާ ރޭޓް ވަނީ ހަމައިން ނެއްޓިފައެވެ.

ސީނިއާ ޑެޕިއުޓީ ރެޖިސްޓްރާ ޖެނެރަލް، އެޓާނީ އެޓް ލޯ ލަކްޝިކާ ގަނޭޕޯލާ ވިދާޅުވީ، 2020 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި އަހަރަކު އުފަންވާ ނިސްބަތް ދަށަށް ދިޔައިރު، އަހަރަކު މަރުވާ ނިސްބަތް އިތުރުވެފައިވާ ކަމަށެވެ.

މިގޮތުން 2020 ވަނަ އަހަރުގެ ކުރިން އުފަންވާ މީހުންގެ ނިސްބަތް ހުރީ ގާތްގަނޑަކަށް 325،000 ގައެވެ. ނަމަވެސް ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ އަދަދު 280،000 އަށް ވަނީ ދަށްވެފައެވެ.

އަދި 2020 ވަނަ އަހަރުގެ ކުރިން އަހަރަކު ގާތްގަނޑަކަށް 140،000 މީހުން މަރުވާ ނިސްބަތް އުޅުނުއިރު، ފާއިތުވި ތިން އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 180،000 އަށް ވަނީ އަރާފައެެވެ.

ރެޖިސްޓްރާ ޖެނެރަލް ޑިޕާޓްމަންޓުން އެންމެ ފަހުން ހޯދި ހޯދުންތަކަށް ބަލާއިރު، އަހަރަކު އުފަންވާ މީހުންނާއި މަރުވާ މީހުންގެ ރޭޓްގެ މެދުގައި އުފެދިފައިވާ އިމްބެލެންސްގެ ސަބަބުން ލަންކާގެ އާބާދީއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެއެވެ.

ލަންކާގެ މަރުކަޒީ ބޭންކުން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ވެސް ވަނީ ލަންކާގެ އާބާދީ ވަނީ ދަށަށް ވެފައެވެ. އެގޮތުން 2022 ވަނަ އަހަރު ލަންކާގެ އާބާދީ 22.2 މިލިއަންގައި ހުރިއިރު، 2023 ވަނަ އަހަރު އެ އަދަދު ވަނީ 22 މިލިއަނަށް ދަށަށް ގޮސްފައެެވެ.

އެ ރިޕޯޓްގައިވާގޮތުން 2007 ވަނަ އަހަރު 1.93 އިންސައްތައިގައި ހުރި އަހަރަކު އުފަންވާ ނިސްބަތް 2023 ވަނަ އަހަރު 1.12 އިންސައްތައަށް ވަނީ ދަށަށް ގޮސްފައެވެ. އަދި 2007 ވަނަ އަހަރު 0.59 އިންސައްތައިގައި ހުރި އަހަރަކު މަރުވާ ނިސްބަތް 2023 ވަނަ އަހަރު ވަނީ 0.82 އިންސައްތައަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބެ

    ކޮވިޑު ވެކުސިނެއް އިންޑިއާއިން ގެނެސްގެން ރާއްޖެއާއި ލަންކާސަރުކާރުން ރަށްޔަތުންގަޔަށް ހޭބަލިވެގެން ޖެހީމާ ވީގޮތް ކީއްކުރާނީ ރާއްޖެއާއި ލަންކާރަށްޔަތުން އެތިބީ މަރުނުވިއަސް މިރުވެފަ މިކަމުގެ ޒިންމާ ލަންކާ ސަރުކާރުންނާއި ރާއްޖޭގެ ސަރުކާރުގެ ޗޯރު ނަގަންޖެހޭނެ މިއީ ދައުވާނުކޮށް ދޫކޮށްލާވަރުގެ ކަމެއްނޫން.

  2. ނުރަބެ

    ކޮވިޑު ވެކުސިނެއް އިންޑިއާއިން ގެނެސްގެން ރާއްޖެއާއި ލަންކާސަރުކާރުން ރަށްޔަތުންގަޔަށް ހޭބަލިވެގެން ޖެހީމާ ވީގޮތް ކީއްކުރާނީ ރާއްޖެއާއި ލަންކާރަށްޔަތުން އެތިބީ މަރުނުވިއަސް މަރުވެފަ މިކަމުގެ ޒިންމާ ލަންކާ ސަރުކާރުންނާއި ރާއްޖޭގެ ސަރުކާރުގެ ޗޯރު ނަގަންޖެހޭނެ މިއީ ދައުވާނުކޮށް ދޫކޮށްލާވަރުގެ ކަމެއްނޫން.