ސައުދި އަރަބިއްޔާގެ ރިޔާދުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދިޔަ ފްލައިނާސްގެ މަތިންދާ ބޯޓެއް ޖެއްސުމުގެ ތެރޭ ރަންވޭމަތިން ކަހާލައިފިއެވެ.

ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ދޯހާއިން ފުރައިގެން ދަތުރު ކުރަމުން ދިޔަ ފްލައިނާސްގެ މަތިންދާބޯޓެއް ކަމަށްވާ ފްލައިޓް އެކްސްވައި224 ރޭ 7:34 ހާއިރު މައި ރަންވޭ މަތިން ކަހާލިއެވެ.

އަދި އެ ބޯޓު ކަހާލައިގެން ގޮސް ޖެހިގެން ހުރި ލޭންޑް ކޮރިޑޯއަށް ވަދެގެން ދިޔައިރު، ޑާޓް ބަފަރ ޒޯން ހުރަސް ކުރިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފަހުން ބޯޓުގައި ތިބި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު އެ ބޯޓު ވަނީ ޕާކިން އޭރިއާ ހަމައަށް ގޮސްފައެވެ.

އެއާޕޯޓުގެ މެނޭޖްމަންޓުން ވަނީ ހުރިހާ ފަސިންޖަރުންގެ ހެލްތް ޗެކްކޮށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަން ކަށަވަރުކޮށްދީފައެވެ.

މި ހާދިސާއާ ގުޅިގެން ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ކަމާބެހޭ ފަރާތްތަކުން ދަނީ އެ ހާދިސާއާ ގުޅިގެން އަޅަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރަމުންނެވެ. އަދި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކާމިޔާބުކަމާއެކު ހިފަހައްޓާފައިވާ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.