އެމެރިކާގެ ޔުނިވާސިޓީތަކުގައި ދަރިވަރުން ކުރަމުންދާ މުޒާހަރާތައް ހޫނުވެ ބައެއް ޔުނިވާސިޓީތަކުން ދަރިވަރުންގެ ޑިމާންޑުތަކަށް ތަބާވާން ފަށައިފިއެވެ.

އެމެރިކާގެ ޕޯޓްލޭންޑް ސްޓޭޓް ޔުނިވާސިޓީން ވަނީ ދަރިވަރުންގެ މުޒާހަރާތަކާއި ގުޅިގެން ބޮއިންގް ކުންފުނިން އެ ޔުނިވާސިޓީ އަށް ދެމުންދާ މާލީ އެހީތައް ބަލައިނުގަންނަން ނިންމާފައެވެ.

ޕޯޓްލޭންޑް ސްޓޭޓް ޔުނިވާސިޓީގައި މުޒާހަރާތައް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެ ޔުނިވާސިޓީގެ ސެކިއުރިޓީން ވަނީ މުޒާހަރާ ކުރަމުންދާ ދަރިވަރުން އެ ޔުނިވާސިޓީގެ ކެމްޕަސް ދޫކޮށް ދިޔުމަށް އެދިފައެވެ. ނަމަވެސް ދަރިވަރުން ވަނީ ކެމްޕަސް ދޫކޮށް ދިޔުމަށް ދެކޮޅު ހަދައި، މުޒާހަރާތައް ހުއްޓާނުލާނެ ކަމަށް ބުނެފައެވެ.

ޕޯޓްލޭންޑް ސްޓޭޓް ޔުނިވާސިޓީގެ ރައީސް އެން ކަޑް ދަރިވަރުންނަށް ނިސްބަތްކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަރިވަރުންގެ މައްސަލަތައް ހައްލުކުރާނެ ކަމަށާއި، ބޮއިންގް އާއި ޕޯޓްލޭންޑް ސްޓޭޓް ޔުނިވާސިޓީ އާއި ދެމެދު އޮންނަ ގުޅުންތަކާއި ބެހޭގޮތުން މަޝްވަރާކޮށް އޮޅުންފިލުވައިދިނުމަށް މި ފެށޭ މޭ މަހު ދަރިވަރުންނާއި އެކު ބައްދަލުވުން ތަކެއް ބާއްވާނެ ކަމަށެވެ.

މީގެ އިތުރުން އޭން ބުނެފައިވަނީ ބޮއިންގް ކުންފުންޏާއި އެކީ އެއްވެސް ކަހަލަ ވިޔަފާރީގެ މުއާމަލާތެއް ނުހިންގާ ކަމަށާއި، ބޮއިންގް އިން އެ ޔުނިވާސިޓީ އަށް ދޭ މާލީ އެހީ އަކީ ހިލޭ އެހީގެ ގޮތުގައި ދޭ އެއްޗެއް ކަމަށެވެ.

އޭން ކަޑް ބުނެފައިވަނީ ބޮއިންގް އިން އައު ކުލާސް ރޫމްތަކެއް އެޅުމަށް މި އަހަރު އެ ޔުނިވާސިޓީ އަށް 150،000 ޑޮލަރު ދީފައިވާ ކަމަށާއި އޭގެ އިތުރުން ސްކޮލަޝިޕް ތަކަށް ފަންޑު ކުރަން 28،000 ޑޮލަރު ދީފައިވާ ކަމަށެވެ.

ބޮއިންގް ކުންފުންޏަކީ އޭވިއޭޝަން ދާއިރާގައި މުޅި ދުނިޔެއަށް މަޝްހޫރު ބިލިއަން ޑޮލަރުގެ ބޮޑު ކުންފުންޏެކެވެ. އެ ކުންފުނިން ކޮމާޝަލް މަތިންދާ ބޯޓު އުފެއްދުމުގެ އިތުރުން އަސްކަރީ މަތިންދާ ބޯޓާއި އެކި ހަތިޔާރުވެސް އުފައްދައެވެ.

ބޮއިންގް ކުންފުނީގެ ހަތިޔާރު އުފައްދާ ގޮފި ބޮއިންގް ޑިފެންސުން ދަނީ ޔަހޫދީންގެ އަސްކަރިއްޔާ އަށް އެފް-151 މަރުކާގެ އަސްކަރީ ވައިގެ ޖެޓްތައް ފޯރުކޮށްދެމުންނެވެ. އަދި އެ ކުންފުނީގެ އޮފީސްތައް އިސްރާއީލުގައި ވަނީ ޤާއިމްކޮށްފައެވެ.